އެމްޑީޕީން ފަނޑިޔާރުން ވަކިކުރި ހާލަތާއި މިހާރާ ވަރަށް ތަފާތު: މައުރޫފް

މިދިޔަ އެމްޑީޕީ ސަރުކާރުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ބަދަލުކުރި ހާލަތާއި މިހާރާ ވަރަށް ތަފާތު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ރޭ ވިދާޅުވެއްޖެއެވެ. ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ބެލުމަށް ފަހު އެމްޑީޕީގެ ވެރިކަމުގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ މުޅި ބެންޗު އެއްކޮށް ބަދަލުކުރިއެވެ. އެސްއެސްޓީވީގެ 'ބާރު ހަތަރެއް' ޕްރޮގްރާމްގައި މި ކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ، އެ ހާލަތާއި މިހާރާ ވަރަށް ތަފާތު ކަމަށެވެ. މި ސަރުކާރުގައި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ މަހާޒް އަލީ ޒާހިރާއި އަޒްމިރަލްދާ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރަން އުޅެނީ ނެތް މައްސަލައެއް އުފަން ކުރުވައިގެން ކަމަށް މައުރޫފް ތުހުމަތުކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ފަނޑިޔާރުން ވަކިކުރިއިރު 19ވަނަ މަޖިލީހުންވަނީ ފުރުސަތަކަށް އެދިވަޑައިގެން ފަނޑިޔާރަކަށް ވިއްޔާ ޖުޑިޝަރީ ކޮމިޓީން އެ ފުރުސަތު ދީފައެވެ. "އެހެންމާ 19ވަނަ މަޖިލީހުގައި ވެސް ކޮންމެހެން ކަންކުރި ގޮތެއް ނޫން. އަދި 19ވަނަ މަޖިލީހުގައި އެބަހުރި ފަނޑިޔާރު ހާޒިރުނުކޮށް [މައްސަލަ] ނިންމާފައި. އެހެންނަމަވެސް އެއީ މިހާރު މި އުޅޭ މައްސަލައިގެ ހާލަތާއި ވަރަށް ތަފާތު،" މައުރޫފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެއާ ޚިލާފަށް މި ސަރުކާރުގައި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރަން އުޅޭއިރު، އެއީ އޮޅުވައިލުމެއްގެ ތެރެއިން ހިންގާ ކަމެއް ކަމަށް އެންމެން ތުހުމަތު ކުރަމުންދާ ކަމަށެވެ. "އެހެންނަމަވެސް އެ ބޭފުޅުންނަށް [ޕީއެންސީގެ މަޖިލިސް މެންބަރުންނަށް] މި އޮންނަ ގޮތަކީ އަންނަ އޯޑަރަށް [ފޮލޯކުރުން]. އޯޑަރު މި އަންނަ ގޮތަކީ އެ ނޫން ގޮތެއް ނެތޭ. އެހެންވީމާ އެ ގޮތަށް އަމަލު ކުރަމުން އެ ގެންދަނީ،" މައުރޫފް ވިދާޅުވިއެވެ. https://sun.mv/205868 ސުލޫކީ މައްސަލަތަކެއް ބެލުމަށް ފަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި އަޒްމިރަލްދާ ޒާހިރު ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމީ މި މަހުގެ ހަތަރުވަނަ ދުވަހެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން، ދިރާސާކޮށް ގޮތެއް ނިންމުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވީ މި މަހުގެ ފަސްވަނަ ދުވަހެވެ. ކޮމިޓީގައި ޖަވާބުދާރީވުމަށް ފަނޑިޔާރުންގެ ފަރާތުން އެދުމުން، އެ ފުރުސަތު ނުދޭން ނިންމުމަށް ފަހު، އިއްޔެ ބޭއްވި ކޮމިޓީ ވަނީ ސިއްރުކޮށްފައެވެ. އަދި ކޮމިޓީން ނިންމީ ފަނޑިޔާރުން ވަކި ކުރުމަށެވެ. ފަނޑިޔާރުންތަކެއްގެ މައްސަލަ ބަލަން ފެށީ މަޖިލީހުގެ މެންބަރުން އިންތިޚާބުވި ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން އެދި ހުށަހަޅާފައި އޮތް މައްސަލަ ބަލަމުން އަންނަނިކޮށެވެ. އެ މައްސަލައިގެ އަޑުއެހުމެއް ފައްޓަން ކުޑަތަންވެފައި އޮއްވައި ސަސްޕެންޑުކުރީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި އަޒްމިރަލްދާގެ އިތުރުން، ހުއްނުއްސުއޫދެވެ. ފަނޑިޔާރުން ވަކިކުރާ މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަން ކުރަނީ ސަރުކާރުން ސުޕްރީމް ކޯޓުގައި އޮތް ދުސްތޫރީ މައްސަލައަށް ނުފޫޒު ފޯރުވަން ކަމަށް އެ ބޭފުޅުން ތުހުމަތުކުރައްވައެވެ. ޝަރުއީ ދާއިރާ ނުފޫޒުން މިނިވަންކުރުމާއި ނުފޫޒު ނުފޯރުވުމަކީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އެންމެ ބޮޑު އެއް ރިޔާސީ ވައުދުފުޅެވެ. އެ މަނިކުފާނު ގެންދަވަނީ ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވާ ކަމަށާއި ދުވަހަކު ވެސް ނުފޯރުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ