އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގައި ހަ މަސް ދުވަސް ޖަލަށް ލުމަށް ޣައިރު ހާޒިރުގައި ހުކުމްކޮށްފައިވާ، ރާއްޖޭގެ މަޝްހޫރު ކުރެހުންތެރިޔާ، އަދި އެމްޑީޕީގެ މެމްބަރު ގ. ބެންބޫ އަހުމަދު އައްބާސްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު މައްސަލައިގައި ދަށުން ކޯޓުގެ ހުކުމަށް ތާއީދުކޮށް ހައިކޯޓުން މައްސަލަ ނިންމަވައިފި އެވެ.
މިއަދު ހެނދުނު އޮތް ޝަރީއަތުގެ މަޖިލީހުގައި ހައިކޯޓުގެ ފަނޑިޔާރު، އެ މައްސަލައިގައި ހައިކޯޓުގެ ފަނޑިޔާރުންނަށް ފާހަގަކުރެވުނު ނުކުތާތައް ފާހަގަކުރައްވައި ވިދާޅުވީ، އައްބާސްގެ އިސްތިއުނާފު މައްސަލަ ހައިކޯޓުގެ ފަނޑިޔާރުން ދިރާސާކޮށް ބެއްލެވިއިރު ޖިނާއީ ކޯޓުން އައްބާސްގެ ޣައިރު ހާޒިރުގައި ކުރެއްވި ހުކުމަށް ބަދަލު ގެންނަން ޖެހޭ ކަމަށް ނުފެންނަ ކަމަށާއި ދަށުކޯޓުގެ ހުކުމަށް ހައިކޯޓުން ތާއީދުކުރައްވާ ކަމަށެވެ.
އައްބާސްގެ އިސްތިއުނާފު މައްސަލަ ހައިކޯޓުން ވަކި ގޮތަކަށް ނިންމެވިއިރު އޭނާގެ މައްޗަށް ކުރައްވާފައިވާ ޖަލު ހުކުމުގައި ބާކީ ދެން އޮތީ 38 ދުވަހެވެ.
ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ ހ. ގެ ދަށުން، އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގައި އޭނާގެ މައްޗަށް ޖަލު ހުކުމެއް އިއްވެވީ 2005 ވަނަ އަހަރު އޯގަސްޓް ދެ ވަނަ ދުވަހު ނުކުތް މިނިވަން ނޫހުގެ އަދަދުގައި އޭނާ ބުނެގެން ލިޔެފައިވާ ވާހަކަތަކަކީ މާރާމާރީ ހިންގުމަށް ހިތްވަރުދޭ ވާހަކަތަކެއް ކަމަށް ބުނެ އެވެ.
އައްބާސް ބުނި ކަމަށް މިނިވަން ނޫހުގެ އެ ނަމްބަރުގައި ލިޔެފައި ވަނީ "ސްޓާސް ފޯސް އިން އަހަރެމެންގެ ގައިގައި ތަޅާ މީހުންނަށް ހަދަންވީ ގޮތަކީ އެ މީހުން ވަކިވަކިން ހޯދައި އެ މީހުންނަށް ވެސް ތެޅީމާވާ ތަދު އިހުސާސްކުރެވޭނެ ގޮތަކަށް އަހަރެމެން އަމަލުކުރަންވީ، އެހެން ނޫނީ އެ މީހުންނެއް މައިތިރިއެއް ނުވާނެ،" ކަމަށެވެ.
އަހުމަދު އައްބާސްގެ އިސްތިއުނާފު މައްސަލަ: ދަށުކޯޓުގެ ހުކުމަށް ތާއީދުކޮށް ހައިކޯޓުން މައްސަލަ ނިންމަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ