ރިޔާސީ އިންތިހާބު 2008: ގާސިމުގެ މަރަދޫ ކެމްޕޭން އޮފީހުގެ މައި ދޮރުގެ ބިއްލޫރި ތަޅާލައިފި

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ކެމްޕޭން ކުރެއްވުމަށް މަރަދޫގައި ހުޅުވައިފައިވާ ކެމްޕޭން އޮފީހުގެ މައި ދޮރުގެ ބިއްލޫރި ރޭ ތަޅާލައިފި އެވެ.
އެމްޑީޕީގެ ކުރީގެ ރައީސް އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ވާދަކުރެއްވި ޑރ. މުހައްމަދު މުނައްވަރު އޭރު ކެމްޕޭން ކުރެއްވުމަށް އޮފީސް ހުޅުވި ތަނުގައި، ހުޅުވައިފައިވާ ގާސިމްގެ ކެމްޕޭން އޮފީހުގެ މައި ދޮރުގެ ބިއްލޫރިގަނޑު ތަޅާލައިފައި ވަނީ ޖުމްހޫރީ ޕާޓީ އާއި ޑރ. ހަސަން ސައީދަށް ތާއީދުކުރާ ދެ ޒުވާނަކާ ދެމެދު ރޭ ހިނގި ޒުވާބުގަނޑެއްގެ ތެރޭގައި ކަމަށް އެތަނުން ވާހަކަ ދެއްކި މީހަކު މިއަދު ބުންޏެވެ. މިކަން ހިނގައިފައި ވަނީ ރޭ ގާތްގަނޑަކަށް 11 ޖަހާ އެހާކަށްހާ އިރު އެވެ.
"މިޕާޓީ (ޖުމްހޫރީ ޕާޓީ) އާއި ޑރ. ހަސަނަށް ތާއީދު ކުރާ ދެ ކުއްޖަކާ މެދު ހިނގި ޒުވާބެއްގެ ތެރޭގައި މިތަނުގެ ބޮޑު ދޮރުގެ ބިއްލޫރިގަނޑު ތަޅާލައިފައި ވަނީ،" އޭނާ ބުންޏެވެ. "ބިއްލޫރިގަނޑު ތަޅާލައިފައި ވަނީ ފައިން ޖަހައި. އެހެންނަމަވެސް އެ ދެ މީހުންގެ މެދުގައި ޒުވާބުކުރަން ޖެހުނީ ކީއްވެގެން ކަމެއް ނޭނގޭ."
ޑރ. މުނައްވަރުގެ ކެމްޕޭން އޮފީސް މިތަނުގައި ހަދައިފައި ހުއްޓައި ބަޔަކު ވަނީ އޭރު އެތަނުގެ ކުޑަ ދޮރުތަކުގައި ޖަހައިފައި ހުރި ބިއްލޫރިތައް ވެސް ތަޅާލައިފަ އެވެ.
ކެމްޕޭން ކުރުމަށް ޖުމްހޫރީ ޕާޓީ އޮފީސްތައް މިއަތޮޅުގެ ރަށްރަށުގައި ހުޅުވައިފައިވާ އިރު މަރަދޫފޭދޫގައި ހުޅުވި އޮފީހުގެ ކުލި ކުއްލިއަކަށް ހަތް ގުނަ ބޮޑުކުރުމާ ގުޅިގެން އެ އޮފީސް ވަނީ މިހާރު ވަނީ އެރަށުގެ އެހެން ސަރަހައްދަކަށް ބަދަލުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ