ރިޔާސީ އިންތިހާބު 2008: އަޅުގަނޑު ވެފައިވާ ވައުދުތައް ނުފުދިއްޖެ ނަމަ އިސްތިއުފާދޭނަން: ޑރ. ހަސަން

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކާމިޔާބު ލިބިވަޑައިގެން، ރައްޔިތުންނަށް ކޮށްދެއްވާނެ ކަމަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވައި ނުދެއްވިއްޖެ ނަމަ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް އިންތިހާބީ ކެންޑިޑޭޓް ޑރ. ހަސަން ސައީދު ވިދާޅުވެއްޖެ އެވެ.
ކުރީގެ އެޓާނީ ޖެނެރަލް ޑރ. ހަސަން ސައީދުގެ ރިޔާސީ ކެމްޕެއިން ރަސްމީކޮށް ފެށުމަށްޓަކައި ހެދިގޮނޑުދޮށް ސަރަހައްދުގައި ބުދަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ވައުދުތައް ފުއްދައިނުދެއްވިއްޖެ ނަމަ އެހެން ކެންޑިޑޭޓުން ވެސް އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.
"ދިވެހިރާއްޖޭގައި ބޭއްވޭ ފުރަތަމަ މިނިވަން، އިންސާފުވެރި، އެކަކަށް ވުރެ ގިނަ ފަރާތްތަކުން ވާދަކުރާ ރިޔާސީ އިންތިހާބެއްގައި ރައްޔިތުންގެ އަރިހަށް ކޮންމެ ބޭފުޅަކު ވެސް ވަޑައިގެން ވައުދުތަކެއް ވެފައި އެ ވައުދުތައް ފުއްދައިނުދެވިއްޖެ ނަމަ އެ ބޭފުޅަކު އިސްތިއުފާ ދޭންޖެހޭނެ. އަޅުގަނޑު ހަމަ ޔަގީނުން ވެސް އެކަން ކުރާނަން އިރާދަކުރެއްވިއްޔާ،" ޑރ. ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވެރިކަން ކުރުމަކީ އާއިލާގެ ބޭފުޅުންނަށް މުއްސަނދިކަން ފޯރުކޮށްދޭ ކަމެއް ކަމަށް ދެކިގެންނުވާނެ ކަމަށާއި އޭގެ ބަދަލުގައި ދެކެން ޖެހޭނީ އެއީ ރައްޔިތުންނަށް ހިދުމަތް ކުރުމަށް އޮންނަ ފުރުސަތެއް ކަމަށެވެ.
"މި ކަންތައް ކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ އަޅުގަނޑު ދެކޭ ގޮތުގައި އިސްލާހަށް މަސައްކަތްކުރާ ބޭބޭފުޅުން ބައިބައިވެފައިވުން. މީގެ ފަސް އަހަރު ކުރީގައި ދިވެހިރާއްޖޭގެ މަގުމަތީގައި ބަޔަކު އިސްލާހަށް ގޮވަން ފެށި. އޭރު ދިވެހިރާއްޖޭގެ ސަރުކާރުގެ ތެރޭގައި ތިބެގެން ބަޔަކު އެއަށް ވުރެ ބާރަށް އިސްލާހަށް ގޮވަން ފެށި. ދެ ބައި މީހުން ވެސް ސަރުކާރު ދޫކޮށްފައި މިހާރު އިސްލާހަށް ގޮވަމުންދާއިރު އެއް ބަޔަކު އަނެއް ބަޔަކަށް މި ދަނީ ފުރައްސާރަކުރަމުން، ޖެއްސުން ކުރަމުން، ގޯނާކުރަމުން، އެއް ބަޔަކު އަނެއް ބައެއްގެ އިސްތިއުފާ އަށް ގޮވަމުން. އަޅުގަނޑު ދެކޭ ގޮތުގައި މިއީ ވަރަށް ހިތާމަކުރަންޖެހޭ ކަމެއް. އަލުގަނޑުމެން ގުޅިގެން ފެށި މަސައްކަތަކީ އަޅުގަނޑުމެން ހަނދާން ނައްތާލައިގެންވާނެ މަސައްކަތެއް ނޫން. އެއީ ދިގު މުއްދަތަކަށް އޮތް ހުދުމުހުތާރު ވެރިކަމެއް ނިމުމަކަށް ގެނެސް އިންސާފުވެރިކަން މިތާނގައި ގާއިމްކުރުން. އެކަން އަޅުގަނޑުމެން ހަނދާން ނައްތާލައިގެން ނުވާނެ،" އެޓާނީ ޖެނެރަލްކަމުގެ މަގާމުގައި ގާތްގަނޑަކަށް ހަތަރު އަހަރު ވަންދެން ހުންނެވުމަށް ފަހު ސަރުކާރުގެ ސިޔާސަތާ މެދު ހިތްހަމަނުޖެހިގެން އިސްތިއުފާ ދެއްވި ޑރ. ހަސަން ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތައް އެންމެ ސިޔާސީ ޕާޓީއަކުން ހައްލެއް ނުކުރެވޭނެ ކަމަށާއި އާބާދީގެ 70 ޕަސެންޓް މީހުން ޕާޓީތަކަށް ނިސްބަތްނުވާ ކަމަށެވެ. އަދި ވިދާޅުވީ ސިޔާސީ ނުސާފުވެ، ކިލަނބުވެފައިވާތީ ތައުލީމީ، ޒުވާން، ގާބިލް މީހުން ޕާޓީތަކަށް ވަންނަމުންނުދާ ކަމަށެވެ.
"އެހެންވީމަ ދިވެހިރާއްޖޭގައި މިހިރަ މައްސަލަތައް އެއް ޕާޓީއަކުން ހައްލުކުރަން ވިސްނަންޏާ އެއީ ގޯހެއް. ޕާޓީއަކުން ވެރިކަންކުރުމުގެ ވިސްނުމަކީ އަދި ދިވެހިރާއްޖޭގައި ރަނގަޅު ކަމެއް ނޫން. އެއް ޕާޓީއަކުން ވެރިކަން ކުރުމަކީ އަދި ދިވެހިރާއްޖެއަށް ކުރެވޭނެ ވެސް ކަމެއް ނޫން. ޕާޓީއަކުން ދިވެހިރާއްޖޭގައި ވެރިކަން ކުރުމަށް ވިސްނަވާ ބޭފުޅުން ޖެހިވަޑައިގަންނަވާނީ ހަރުގޭގައި އެންމެ ގަދައަށް ހަޅޭލަވާ މީހާއަށް މަގާމުތައް ދޭން. ދިވެހިރާއްޖޭގައި މިހިރަ ގޮންޖެހުންތައް ހައްލެއް ނުކުރެވޭނެ އެކްޓިވިސްޓުންނަށް މަގާމުތައް ދީގެން. މިހިރަ ގޮންޖެހުންތައް ހައްލުކުރެވޭނީ ތައުލީމީ، ގާބިލް މީސް މީހުންނަށް މަގާމުތައް ދީގެން،" ޑރ. ހަސަން ވިދާޅުވި އެވެ.
ޑރ. ހަސަން ވިދާޅުވީ އޭނާއަށް ރައީސުލްޖުމްހޫރިއްޔާކަން ލިބިވަޑައިގެންފި ނަމަ އެކުލަވާލީ ގައުމީ އެއްބައިވަންތަ ސަރުކާރެއް ކަމަށާއި އެފަދަ ސަރުކާރަކަށް ނޫނީ ރާއްޖޭގައި ހުރި މައްސަލަތައް ހައްލުނުކުރެވޭނެ ކަމަށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާ ހަމައެކަނި ކެންޑިޑޭޓް ޑރ. ހަސަން ވިދާޅުވީ އޭނާގެ ރިޔާސީ މެނިފެސްޓޯ ސަރުކާރުގެ އިތުރުން އެހެން ސިޔާސީ ޕާޓީތަކުން ވެސް ކޮޕީ ކުރަމުންދާ ކަމަށާއި އެކަމަށް މަރުހަބާ ވިދާޅުވާ ކަމަށެވެ. އަދި ވިދާޅުވީ އެ މެނިފެސްޓޯ އެކުލަވާލެއްވުމުގައި ގެންގުޅުއްވި އެއް ވިސްނުމަކީ "އަޅުގަނޑުމެންނަށް ނުލިބުނު ފުރުސަތު އަޅުގަނޑުމެންގެ ދަރިންނަށް ފޯރުކޮށްދިނުން" ކަމަށެވެ.
ބުދަ ދުވަހުގެ ރޭ ބޭއްވި މި ރަސްމިއްޔާތުގައި ޑރ. ހަސަންގެ އިތުރުން އޭނާގެ ރަނިންމޭޓް އަދި ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދާއި ޑރ. ހަސަންގެ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ކުރީގެ ޖަސްޓިސް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވެސް ވާހަކަ ދެއްކެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ