ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައި ވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ފެމިލީ ކޯޓަށް ބަދަލުކުރުމަށް ކަމަށް އޭނާގެ ވަކީލު މިއަދު ވިދާޅުވެއްޖެ އެވެ.
އަބްދުﷲ ގާޒީގެ މައްޗަށް ދައުވާ ލިބޭ ގޮތަށް ހައި ކޯޓުގައި ދައުވާކުރާ މައްސަލައިގެ އަޑުއެހުމުގައި ޖޭއެސްސީގެ ދައުވާ ހުށަހެޅުމުން ގާޒީގެ ފަރާތުން އޭނާގެ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ ވިދާޅުވީ ޖޭއެސްސީން ދައްކާފައި ވަނީ ގާނޫނީ އެއްވެސް ބުރަދަނެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި އެމީހަކާ ދެކޮޅަށް އަޅާ އިދާރީ ފިޔަވަޅަކާ ގުޅިގެން ކޯޓަށް ދެވިދާނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށާއި ޖޭއެސްސީގެ ނިންމުންތަކަކީ ވެސް އެގޮތުން ކޯޓަށް ހުށަހެޅޭނެ ނިންމުންތަކެއް ކަމަށް ވަކީލު ވިދާޅުވި އެވެ. ވަކީލު ވިދާޅުވީ ޖޭއެސްސީއަކީ އަދުލްއިންސާފު ގާއިމްކުރުމުގެ ބާރު ލިބިގެންވާ ތަނެއް ނޫން ކަމަށާއި އެއީ އެންމެ ފަހުގެ ބަސް ބުނާ ތަނެއް ވެސް ނޫން ކަމަށެވެ.
އޭގެ އިތުރުން ވަކީލު ވިދާޅުވީ އަބްދުﷲ މުހައްމަދުގެ ސުލޫކީ މައްސަލަތަކެއް ހުރި ކަމަށް ކަނޑައެޅުމަށް ފަހު އޭނާއާ މެދު ފިޔަވަޅު އެޅުމަށް ވެސް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ މައްސަލައިގައި ކޮމިޝަނުން ނެރުނު ރިޕޯޓުގައި ކޮމިޝަނަށް ފެންނަނީ ދައުލަތުގެ ފަރާތުން އެއްވެސް މައްސަލައެއް ހުށަހަޅަން ނުޖެހޭ ފެމިލީ ކޯޓަށް އަބްދުﷲ މުހައްމަދު ބަދަލުކުރުމަށް ކަމަށް ބުނެފައިވާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުމުގައި މައްސަލަ ހުށަހަޅަމުން ޖޭއެސްސީގެ ފަރާތުން ބުނެފައި ވަނީ އެ މައްސަލައަކީ ސިވިލް ކޯޓުން ބެލޭނެ މައްސަލައެއް ނޫން ކަމަށެވެ. އެއީ އެއް ގާޒީއެއްގެ މައްސަލަ އެ ފެންވަރުގެ އެހެން ގާޒީއަކު ބެލުމަކީ ރަނގަޅު ކަމަކަށް ނުވާތީ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އަދި މައްސަލަ ވަކި ގޮތަކަށް ނިމެންދެން އަބްދުﷲ މުހައްމަދަށް ފިޔަވަޅު ނޭޅުމަށް ދަށު ކޯޓުން ނެރެފައިވާ އަމުރު ބާތިލްކޮށްދިނުމަށް ވެސް އެ ކޮމިޝަނުން އެދުނެވެ. އެއީ އެ އަމުރު ނެރެފައި ވަނީ ޖޭއެސްސީން ހުށަހަޅާފައިވާ އެއްވެސް ކަމަކަށް ނުބަލައި މައްސަލަ ނިންމާފައިވާތީ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ޖޭއެސްސީން ދައުވާކުރާ މައްސަލަ އިއްވުމުން ފަނޑިޔާރުން އެ ނުކުތާތައް ތަފްސީލުކޮށްދޭން އެދިވަޑައިގެން ތަކުރާރުކޮށް ސުވާލުތަކެއް ކުރެއްވި އެވެ. އެގޮތުން އަބްދުﷲ ގާޒީއާ މެދު ފިޔަވަޅު ނޭޅުމަށް ސިވިލް ކޯޓުން ނެރެފައިވާ ވަގުތީ އަމުރު ގާނޫނާ ހިލާފް ކަމަށް ބުނާ ސަބަބަކީ ކޮބައިތޯ ވެސް ފަނޑިޔާރުން ސުވާލުކުރެއްވި އެވެ. ނަމަވެސް ޖޭއެސްސީގެ ފަރާތުން ވަޑައިގެންނެވި ޒޫނާ މުހައްމަދަށް އެއިން އެއްވެސް ސުވާލަކަށް ޖަވާބެއް ނުދެއްވުނެވެ. އަދި ތަކުރާރުކޮށް ޒޫނާ ވިދާޅުވަމުން ދިޔައީ ޖަވާބެއް ދެއްވޭނީ ކޮމިޝަނާ މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.
ރިޔާސަތުގައި އިންނެވި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ވިދާޅުވީ އެ މައްސަލައަކީ އަވަހަށް ނިންމުމަށް ކޯޓުން ބޭނުންވާ މައްސަލައެއް ކަމަށެވެ. ނަމަވެސް ބެންޗުން ސުވާލެއް ކުރާއިރަށް ކޮމިޝަނާ މަޝްވަރާކުރަން ވެއްޖެ ނަމަ އަޑުއެހުންތައް ވަރަށް ދިގުލައިގެންދާނެ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ޝަރީއަތަށް އަންނަ އިރު ކޮމިޝަނުން އަންނަން ޖެހޭނީ ރަނގަޅަށް ތައްޔާރުވެގެން ކަމަށެވެ.
މި މައްސަލައަކީ އަބްދުﷲ މުހައްމަދުގެ ސުލޫކީ މައްސަލައެއް އޮތްކަން ސާބިތުވާ ކަމަށް ޖޭއެސްސީން ނިންމުމާ ގުޅިގެން، އެ ނިންމުމުގެ މައްސަލަ އޭނާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން އެ މައްސަލަ ބެލުމަށް ނިންމުމުން އެ ނިންމުން އިސްތިއުނާފްކޮށްފައިވާ މައްސަލަ އެވެ. ކޮމިޝަނުން ބުނަނީ ދަށު ކޯޓުގެ ގާޒީއެއްގެ މައްސަލަ ހަމަ އޭނާއާ އެއް ފެންވަރެއްގެ އެހެން ގާޒީއަކަށް ނުބެލޭނެ ކަމަށެވެ.
ސުލޫކީ މައްސަލަ ހުރި ކަމަށް ޖޭއެސްސީން ނިންމުމުން އަބްދުﷲ މުހައްމަދު ސިވިލް ކޯޓަށް ހުށަހެޅި ދައުވާގައި ބުނެފައި ވަނީ ޖޭއެސްސީގެ ނިންމުން އައީ އޭނާ އަށް ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ ހަމަހަމަކަމުގެ މިންގަނޑާ ހިލާފަށް ކަމަށެވެ. އެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން އަބްދުﷲ މުހައްމަދަށް ފިޔަވަޅު ނޭޅުމަށް ސިވިލް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފަ އެވެ.
އެ މައްސަލަ ސިވިލް ކޯޓުގައި ނުހިންގޭނެ ކަމަށް ބުނެ ޖޭއެސްސީން އެންމެ ފުރަތަމަ ދިޔައީ ސުޕްރީމް ކޯޓަށެވެ. ނަމަވެސް ސުޕްރީމް ކޯޓުން ބުނެފައި ވަނީ އިސްތިއުނާފްކުރަން ޖެހޭނީ ހައި ކޯޓުގައި ކަމަށެވެ. އެހެންކަމުން މައްސަލަ ހައި ކޯޓަށް ވައްދާފައި ވަނީ ރަސްމީ ބަންދު ދުވަހެއް ކަމަށްވާ މިދިޔަ ގައުމީ ދުވަހު ކޯޓު ހުޅުވައިގެންނެވެ.
ކޮމިޝަނުން ނިންމާފައި ވަނީ އަބްދުﷲ ގާޒީ ފެމިލީ ކޯޓަށް ބަދަލުކުރުމަށް: ވަކީލު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ