އަޅުގަނޑުގެ ފިކުރަކީ ދިވެހި ރައްޔިތުންގެ ފިކުރު - ރައީސް މައުމޫން

ސ.ހިތަދޫން މުޝައްރަފް ހަސަން
ކުރީގެ ރައީސް އަދި ޕީޕިއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފިކުރަކީ ދިވެހި ރައްޔިތުންގެ ފިކުރު ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް ފޭދޫ ޖަގަހައިގައި ބޭއްވި މާހެފުމެއްގައި ވާހަކަފުޅު ދައްކަވަމުން މައުމޫން މިގޮތަށް ވިދާޅުވީ ފޭދޫގައި ސިޔާސީ ހަރަކާތް ފެށިގެން އައީ ރައީސް މައުމޫންގެ ފިކުރާއި ގުޅިގެން ކަމަށް ޕީޕީއެމް ފޭދޫ ގޮފީގެ ރައީސް ވިދާޅުވުމާއި ގުޅިގެންނެވެ.
"އަޅުގަނޑުގެ ފިކުރަކީ ދިވެހި ރައްޔިތުންގެ ފިކުރު، އަޅުގަނޑުގެ ފިކުރަކީ އަމިއްލައަށް އިޖާދުކޮށްގެން އުޅޭ ފިކުރެއް ނޫން، ދިވެހި ރައްޔިތުން ކުރައްވާ އުއްމީދުތައް، ދިވެހި ރައްޔިތުންނަށް ބޭނުންފުޅުވާ ގޮތް ދިވެހި ރައްޔިތުންގެ މަގުސަތުތައް، ހާސިލުކުރުމަށްޓަކައި ކުރަމުންގެންދާ މަސައްކަތް، އެއީ އަޅުގަނޑުގެ ފިކުރަކީ" ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ އެ ފިކުރަކީ އަބަދުވެސް ދިވެހިރާއްޖޭގައި ކާމިޔާބު ވެގެންދާނެ ފިކުރެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ކާމިޔާބު ބަލާ ހަމައެކަނި މިންގަނޑަކީ މުއްސަނދިކަން ނޫން ކަމަށާއި އަދި އަތުގައި ހުރި މުދަލެއް ނޫން ކަމަށާއި ޕީޕީއެމްގެ މުއްސަނދިކަމަކީ ޕީޕީއެމްގެ އުސޫލުތަކުގެ މުއްސަނދިކަން ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ރާއްޖޭގެ އިސްލާމް ދީނާއި ރާއްޖެއިން މިހާތަނަށް ގެންގުޅެމުންދިޔަ ސިޔާސަތުތައް ހިފަހައްޓަން ޖެހޭ ކަމަށާއި އެމަތިވެރި އުސޫލުތައް ދޫކޮށްލައިގެން ނުވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ޕާޓީއަކީ ޅަ ޕާޓީއެއް، ހަގު ޕާޓީއެއް، އެހެންނަމަވެސް އަޅުގަނޑުމެންގެ ޕާޓީގެ އަޒުމް ވަރުގަދަ، ހިތްވަރު ވަރުގަދަ، އުއްމީދު ވަރުގަދަ، އެހެންވީމަ އަޅުގަނޑުމެންނަކީ ކާމިޔާބުގެ މަގުގައި ވަރަށް އަވަހަށް ކުރިއަށްދާނެ ބައެއް." މައުމޫން ވިދާޅުވި އެވެ.
މިއަދު ހަވީރު ބޭއްވި މި މާހެފުމުގައި ފޭދޫ އަށް ނިސްބަތްވާ 250 އެއްހާ މީހުން ބައިވެރިވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ