މިއީ މަޖިލިސް މެމްބަރުންގެ އިމްތިޙާނުގެ ވަގުތެވެ! ރައްޔިތުން ހޭލައި ތިއްބަވާށެވެ!

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން އިވިގެން ދިޔައީ ދިވެހި ރައްޔިތުން އެކަމަކާމެދު ފިސާރި ރަނގަޅަށް ފާރަވެރިވެ، ހޭލައި ތިބެންޖެހޭ ވާހަކައެއްގެ އަޑެވެ. މިއީ ތެދުވެރި އިޚްލާޞްތެރިންނަކީ ކޮބައިތޯ؟ ދީނާމެދު ޣީރަތްތެރި މެމްބަރުންނަކީ ކޮބައިތޯ؟ ދެނެގަތުމަށް ފަސޭހަ ދަނޑިވަޅެކެވެ.ރައްޔިތުންގެ މަޖިލީހުގެ ކިތަންމެ ބޮޑު އަޣްލަބިއްޔަތެއް ލިބުނަސް ބަދަލު ނުކުރެވޭނޭ ހަތަރު މާއްދާއެއް ޤާނޫނު އަސާސީގައި ވެއެވެ. މި ހަތަރު މާއްދާ އަށް ބަދަލު ގެނެވޭނީ މަޖިލީހުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހުރިގޮތް ބެލުމަށް ނެގޭ ޢާންމު ވޯޓަކުންނެވެ. މިއީ މި ހަތަރު މާއްދާގެ މުޙިއްމު ކަމަށްޓަކައި ކަނޑައެޅިފައިވާ އުސޫލެވެ.މިއާ ވިދިގެން، ދެންނެވުނު ފަދަ، ފަސްވަނަ މާއްދާއެއް ކަނޑައެޅުމަށް، ކުޑަހުވަދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އަޙްމަދު ޢާމިރު ވަނީ މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައެވެ. މިހުށައެޅުއްވުމާއެކު އަޅުގަނޑުގެ ހިތުގެ އެންމެ އިޚްލާޞްތެރި ލޯބި ޢާމިރަށް ބަންޑުން ވެއްޖެ ކަމުގައި ދަންނަވަމެވެ. ޝައްކެތްނެތެވެ! މިއަދު ދިވެހިރާއްޖޭގެ ޙާލަތު ހުރިގޮތުން، ވަކިން ޚާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ ރޫހު ހުރި ގޮތުން، ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމުގައި ބަޔާންކުރާ މާއްދާ، ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތުން ފާސްވުމުން ބަދަލު އަންނަގޮތަށް އޮތުމަކީ ނުރައްކާތެރި ކަމެކެވެ. މިހެންކަމުން މިފަދައިން ނުވާނޭ ގޮތަކަށް ޤާނޫނު އަސާސީ އިސްލާޙް ކުރެވެންޖެހެއެވެ. ރައްޔިތުންނަށް މިކަމުގައި އެންމެ ފުރިހަމަ ބާރާއި އިޚްތިޔާރު ލިބިދޭންޖެހެއެވެ. މިކަމަށް އޮތް އެންމެ ރަނގަޅު އެއް ޙައްލަކީ ޢާމިރުގެ ހުށައެޅުއްވުމެވެ.މިއިޚްތިޔާރާއި ބާރު ރައްޔިތުންނަށް ލިބިދިޔަ ނުދިނުމަށް، މަޖިލީހުގެ ބައެއް މެމްބަރުން، ބޭރުފުށުން އޮފްދާރުކޮށް ދައްކާ ބަހަނާތަކަށް އަޅުގަނޑުމެން ރައްޔިތުން ހެއްލިގެން ނުވާނެއެވެ. އެމީހުންގެ މަކަރުވެރި ރޭވުންތަކަށް އަޅުގަނޑުމެން ފިސާރި ރަނގަޅަށް ހޭވެރިވާން ޖެހޭނެއެވެ. އެމީހުން އެމީހުންނަށް ތަބާވާ ފަރާތްތަކަށް ވިސްނާދެމުން ދަނީ މީގެ ސަބަބުން އެހެން ދީންތަކަށް ފުރުސަތު ހޯދަން މަސައްކަތްކުރާ މީހުން ރާއްޖޭގައި ބޮޑު ކެމްޕޭނެއް ކޮށްގެން ރައްޔިތުންގެ މެޖޯރިޓީ ހޯދައި، ދައުލަތުގެ ދީން ބަދަލު ކޮށްފާނެ ކަމަށެވެ. ޝައްކެއްނެތެވެ! މިއީ މިވެރިންގެ ކެހިވެރި ބުހުތާނެކެވެ. އެހެނީ މިހާރު ބިލު އޮތް ގޮތުން އެބުނާކަހަލަ މީހުން ކެމްޕޭނު ކޮށްގެން، ނުވަތަ ފައިސާ ޚަރަދު ކޮށްގެން ހޯދަން ޖެހޭނީ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުކޮށްފަ ތިބި މަދު މެމްބަރުންކޮޅުގެ މެޖޯރިޓީއެވެ. ހުށައެޅިފައިވާ އިސްލާޙްގެ ސަބަބުން އެމީހުން ހޯދަން ޖެހޭނީ މުޅި ރާއްޖޭގެ ރައްޔިތުންގެ މެޖޯރިޓީއެވެ. ރައްކާތެރިކަން ބޮޑީ ކޮން ގޮތެއްގައިތޯއެވެ؟ ދީނާ ދީންވެރިކަމަށް ލޯބިކުރާ ގިނަ ރައްޔިތުންގެ އަތްމަތީ ބާރުތައް އޮތުންތޯއެވެ؟ ޓްރާންސްފާރ މާކެޓުގައި ގަނެވިއްކޭ އަޅުންތަކެއް ފަދަ މަދު މަޖިލިސް މެމްބަރުންކޮޅެއްގެ އަތްމަތީ އޮތުންތޯއެވެ؟ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުރަތަމަ ކިޔުން އިއްވާފައިވާ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ މާއްދާ ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ބަދަލު ނުކުރެވޭނެ ކަމަށް ބުނާ ބިލަށް ދެކޮޅު ހައްދަވާ ވާހަކަ ދެއްކެވި ބައެއް މެންބަރުންގެ ވާޙަކަތަކުގައި ބުރަދަނެއް ނެތެވެ. އެބޭފުޅުން ގެ މަޤްސަދަކީ ރައްޔިތުންގެ މަޖިލީހުގެ މުށުތެރޭގައި މި މުޙިއްމު އަދި ޙައްސާސީ މައްސަލައިގެ އެންމެހައި ބާރުތަކެއް ޖަމާކޮށް ބޭއްވުމެވެ. އެއީ މިބޭފުޅުން ބޭނުންވެއްޖެ ހިނދެއްގައި އިސްލާމްދީނުން ނޫން އެހެން ދީނަކަށް ފުރުސަތު ހޯދުމަށް ލިބިދޭނެ ފަސޭހައެއް ކަމުގައި ވާތީކަމަށްވެސް ވެދާނެއެވެ. ރައްޔިތުންގެ ވޯޓަކުން ނޫންގޮތަކަށް މި މާއްދާޔަށް ބަދަލު ނުގެނެވޭގޮތެށް ވުމަކީ މަޖިލިސް މެމްބަރުން މޮޑޭ ފުށްގަނޑަކަށް ދިވެހި ރައްޔިތުންނާއި، މި ރައްޔިތުންނަށް ލިބުނު އެންމެ މަތިވެރި ޖައުހަރު ކަމުގައިވާ އިސްލާމްދީން ވެގެންނުދާނޭ މުޙިއްމު ފިޔަވަޅެކެވެ.ކުޑަހުވަދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ޢާމިރުއެވެ! މަނިކުފާނުގެ މި ހުށައެޅުއްވުމަށް އައްސަރިބަހުން ސާބަހެވެ. މިއީ މަނިކުފާނުގެ ދާއިރާގެ ލޮބުވެތި ރައްޔިތުން، މަނިކުފާނަށްޓަކައި ފަޚުރުވެރިވާނޭ ހުށައެޅުއްވުމެކެވެ.އަޅުގަނޑު އެދާއިރާއަކަށް ނިސްބަތްވާ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލް އަޚް ޝިފާޤް މުފީދުއެވެ! ޢާމިރު ކޮށްޓަވައި ދެއްވި މަގުން ކުރިޔަށް ވަޑައިގަންނަވާށެވެ. މިރައްޔިތުން މަނިކުފާނަށް ޝުކުރުގެ ގުލްހާރުތަށް ވެދުން ކުރާނެއެވެ. މިރައްޔިތުން މަނިކުފާނަށް ތާއަބަދުމެ ކުރުނީސް ކުރާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ