އިރާޤުގައި އިޢުލާންކުރި ޚިލާފަތުގައި އިތުރަށް ހޯދާ ބަލަންޖެހޭ ކަންތައްތައް ހިމެނޭ: ޝައިޚް ނިޝާން

އިސްލާމިކް ސްޓޭޓް އޮފް އިރާޤް އެންޑް ޝާމް (އައިއެސްއައިއެސް) އިން އިރާޤު އަދި ޝާމް ނިސްބަތްވާ ގޮތަށް އިޢުލާންކުރި ޚިލާފަތަކީ އެކަމާމެދު އިތުރަށް ހޯދާ ބަލާ، ޔަޤީންކުރަން ޖެހޭ ބައިވަރު ކަންތައްތަކެއް ހިމެނޭ އަދި ޖަވާބު ނުލިބޭ އެތައް ސުވާލެއް ހިމެނޭ މައްސަލައެއް ކަމަށް އައްޝައިޚް އާދަމް ނިޝާން ބިން އަލީ އާދަމް ވިދާޅުވެއްޖެއެވެ.ޝައިޚް މިފަދައިން ވިދާޅުވެފައިވަނީ ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓެއްގައެވެ.ޝައިޚް ނިޝާން ވިދާޅުވީ މީގެކުރިންވެސް ތަފާތު އެކިއެކި ފަރާތްތަކަކީ މުސްލިމުންގެ އަމީރު ކަމަށް އެއްބަޔަކު ބައިއަތު ހިފާފަވާކަމަށާއި ނަމަވެސް މުޅި އުއްމަތުގެ މަސްލަހަތާއި ގުޅިފައިއޮތް މިފަދަ ބޮޑު ކަމެއްގައި އެންމެ ޖަމާއަތަކުން އެހެން ގޮވާލާ ގޮވާލުމަކަށް ޔަޤީންކޮށް ބެލުމެއްނެތި އެޔަށް އިޖާބަދިނުން ހުއްދަ ނުވާނެ ކަމަށެވެ.އަމިއްލަ އެންމެ ޖަމާއަތަކުން އެމީހުންނަކީ ހުރިހާ މުސްލިމުންގެ ޚަލީފާއެއް ކަމަށް ކަނޑައަޅައި ނިންމި ކަމުގައި ވީނަމަވެސް އެނިންމުމަކީ ޝަރުޢީ ގޮތުން ބަރުދަނެއް ހުރި ނިންމުމަކަށް ނުވާނެ ކަމަށާއި އައިއެސްއައިއެސް ގެ ހަޤީގަތަށް ބަލާއިރު އެމީހުންގެ ތެރޭގައި އޮތީ ތަކްފީރީ މަންހަޖު ކަމަށް ޝައިޚް ނިޝާން ވިދާޅުވިއެވެ.ޝައިޚް ނިޝާން އިތުރަށް ވިދާޅުވެފައިވަނީ އިސްލާމީ އުއްމަތުގެ ޚަލީފާއަކަށް އަންނަ މީހަކީ މުސްލިމުންގެ ތެރޭގައި ތިއްބެވި ޢިލްމުވެރިންނާއި ކަމުވޮށިގެންވާ ފަރާތްތަކުގެ މަޝްވަރާއާއި ރުހުމާއެކު އަންނަ މީހަކަށްވާން ޖެހޭނެ ކަމަށާއި ވަކި ޖަމާޢަތަކުން އެމީހުންގެ ތެރޭގައި ހިމެނޭ އެވެނި މިވެނި މީހަކީ މުސްލިމުންގެ ޚަލީފާކަމަށް ނިންމި ނަމަވެސް އެއީ ޝަރުޢީ ބުރަދަނެއްހުރި ނިންމުމެއް ނޫންކަމަށެވެ.ޝައިޚް ވިދާޅުވެފައިވަނީ މިކަމުގެ ހަޤީގަތް ރަނގަޅަށް ނޭނގިތިބެ ބައިއަތު ހިފުމުގެ ކުރިން ކެތްތެރިކަމާއެކު ކަންކަންދާގޮތް އިހަށް ބަލަން މަޑުކުރަން ޖެހޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ