ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށްކުރާ ޝަރީއަތް ވީހާ ވެސް އަވަހަކަށް ކުރިއަށް ގެންގޮސް ފިޔަވަޅު އެޅުމަށް ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ އުމަރު ނަސީރު ރޭ ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދުގެ ސަރުކާރު ބަދަލުވިތާ އެއްއަހަރު ފުރުން ފާހަގަކުރުމަށް ކާނިވާ ސަރަޙައްދުގައި ރޭ ޕީޕީއެމްއިން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ ފަހަތު ފަޔަށް ބަރުނުވެ ނަޝީދާ މެދު ފިޔަވަޅު އެޅުމަށް ޤާނޫނު ތަންފީޒު ކުރާ ފަރާތްތަކަށް ގޮވާލައްވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެއްވެސް ރައީސަކަމަށް ފަނޑިޔާރަކު ޤާނޫނާ ޚިލާފަށް ހައްޔަރުކޮށްގެން ނުގެންގުޅެވޭނެ ކަމަށެވެ. ރާއްޖޭގެ ވެރިކަމަށް ދެންވެސް އަންނަންތިބި ބޭފުޅުންނަށް ޢިބުރަތަކަށްވެސް ނަޝީދުގެ މައްޗަށް ޤާނޫނީ ބާރުވެރިކަން ހިންގަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
7 ފެބުރުއަރީ އަންނަން ދިމާވި މައިގަނޑު ސަބަބަކީ ރާއްޖޭގެ ހުރިހާ މުއައްސަސާއެއް ފެއިލްވުން ކަމަށް އުމަރު ވިދާޅުވިއެވެ.އުމަރު އިތުރަށް ވިދާޅުވީ، ރައީސް ނަޝީދުގެ ސަރުކާރުގައި ފުލުހުން ތިބީ ބަނދެވިފައިކަމަށާއި، ޓީވީ ޗެނަލްތައް އޮތީ ހިސާރުކޮށްފައިކަމަށެވެ.
އުމަރު ވިދާޅުވީ 8 ފެބްރުއަރީއަކީ ޖުޑިޝަރީ ފުނޑުފުނޑުކޮށްލާ، ސަރުކާރުން ގަބޫލުކުރާ ފަނޑުޔާރުން ނޫންބަޔަކަށް ކޯޓްތަކަށް ނުވަދެވޭގޮތަށް ނިންމުމަށް ހަމަޖައްސާފައިވާ ދުވަސްކަމުގައެވެ. އަދި އެދުވަހަކީ ޕޯޗްގީޗުން ދިވެހިންގެ ކަރަށް ރާ އެޅުމަށް ތައްޔާރުވި ދުވަސްފަދަ ދުވަހެއްކަމަށް އުމަރު ވިދާޅުވިއެވެ.
ނަޝީދުގެ ޝަރީޢަތް އަވަހަށް ހިންގައި ނިންމުމަށް ފަނޑިޔާރުގެއަށާއި، ޕްރޮސެކިޔުޓަރޖެނެރަލް އަށް ޢުމަރު ގޮވައިލެއްވިއިރު ހުޅުމާލޭ ކޯޓްގައި ވަނީ ރައީސް ނަޝީދުގެ މައްޗަށް ދައުލަތުން ދަޢުވާ އުފުލާފައެވެ. އަދި މިމަހުގެ 10 ވަނަ ދުވަހު އެމަނިކުފާނު ކޯޓަށް ވަޑައިގެންނެވުމަށް ޗިޓްވެސްވަނީ ފޮނުވާފައެވެ.
އެ ދައުވާ އަނބުރާ ނެގުމަށް ޕްރޮސިކިއުޓަ ޖެނެރަލަށް ހުށަހެޅިއިރު އެ ދައުވާ ހުއްޓުވުމަށް ވެސް އެމްޑީޕީން ވަނީ ސިވިލް ކޯޓުގައި ދައުވާކޮށްފައެވެ.
ނަޝީދުގެ މައްޗަށް ހުކުމްކުރުން އަވަސްކުރުމަށް އުމަރު ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ