ރައްޔިތުން އިންތިހާބުގައި ނަޝީދު ނުހޮވާނެކަން ކަށަވަރު - ގާސިމް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ދިވެހި ރައްޔިތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ނުހޮވާނެކަން ކަށަވަރު ކަމަށް ޖުމްހޫރީ ޕާޓީގެ ރައީސް އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ހދ.ނޮޅިވަރަންފަރުގައި ޖުމްހޫރީ ޕާޓީން މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ރައީސް ނަޝީދު ރާއްޖޭގައި ޣައިރު ދީން ފަތުރާނަމޭ ކިޔައިގެން ބޭރު މީހުން އަތުން ލާރި ހޯދައިގެން އައިސް އެކަން ނުވާނެ ކަމަށާއި ރާއްޖޭގެ ރައްޔިތުން މިހާރު ތިބީ ވަރަށް ރަނގަޅަށް ހޭލާ ކަމަށެވެ.
އަދި އެހެން ދީނެއް އޮތުމަށް ރައްޔިތުން ބޭނުންނުވާ ކަމަށާއި ހަގީގަތެއް ނެތް ދޮގު ވާހަކަދައްކައިގެން ރައްޔިތުންގެ ބޮލަށް ވަނުމަށް ނަޝީދު މަސައްކަތްކުރެއްވި ނަމަވެސް ނަޝީދު ދައްކާ ވާހަކަތައް ގަބޫލެއް ނުކުރާނެ ކަމަށް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަދައްކަމުން ގާސިމް ވިދާޅުވި އެވެ.
"ހަމަކަށަވަރު އަޅުގަނޑަށް ޔަގީން ދިވެހިރާއްޖޭގެ ރައްޔިތުން އޭނާއެއް ނުހޮވާނެކަން، އެ ނަޝީދު ރާއްޖޭގެ ވެރިކަމަށް ދެން ނުހޮވާނެ، އަޅުގަނޑަށް ކަށަވަރު، ރާއްޖޭގެ ރައްޔިތުން އޭނާއަށް އެ ތާއީދު ނުދޭނެކަން، ރާއްޖޭގެ ރައްޔިތުންނަކީ އިސްލާމުން، އިސްލާމުން ގައިގައި އެއް އަހަރަކުން ދެފަހަރަކު ކައްޓެއް ނުޖަހާނެ." ގާސިމް ވިދާޅުވި އެވެ.
65 އަހަރުން މަތީ މީހުންނަށް ލާރި ދެނީ ރައީސް ނަޝީދު ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދުދެއްވާ ގާސިމް ވިދާޅުވީ މިއަހަރުގެ ބަޖެޓު ފާސްކުރިއިރު އެކަނިވެރިމައިންނަށާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭންޖެހޭ އިނާޔަތް ދިނުމަށް އޮތް އިރު އެކަން ފާސްކުރުމަށް އެމްޑީޕީގެ އެންމެ މެންބަރަކު ވެސް ވޯޓު ދީފައިނުވާ ކަމަށެވެ.
"އެހެންކަމަށްވަންޏާ އޭނަތޯ އެ ލާރި އެދެނީ؟ ހަގީގަތުގައިވެސް އޭނައެއް ނޫން އެ ލާރި އެދެނީ، އެއީ ޕެންޝަނުގެ ގާނޫނު އައީމަ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން 65 އަހަރުވާ މީހުންނަށް ކޮންމެވެސް ގޮތެއް ހޯދާދޭންޖެހޭތީ އެގާނޫނުގައި ލާޒިމްކުރާ ކަމަކަށްވީމަ އޭނާތޯ އެދެނީ، އެހެންވެއްޖެނަމަ ވަރަށް ބޮޑު ޖޯކަކަށް އެވަނީ." އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވީ ނަޝީދަށް ކަމެއްވިއްޔާ އޮންނާނީ އޭނާ ބައިވެރިވެގެން ކޮށްފައިވާ ކަމެއްގައި ކަމަށާއި އެގޮތުން ޕާޓީ ހެދުން ކަމަށްވިޔަސް، ގާނޫނު އަސާސީ އިސްލާހުކުރުމާއި ވެރިކަން ހޯދުން ކަމަށްވިޔަސް އޭނާގެ ހިއްސާ އޮންނާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވަނީ ރައީސް ނަޝީދު ދައްކަވާ ވާހަކަ އަޑު ނޭހުމަށް ދިވެހި ރައްޔިތުންނަށް މިރޭ ގޮވާލައްވާފައެވެ. ގާސިމް ވިދާޅުވި ގޮތުގައި ނަޝީދަކީ އެއްވެސް ކަހަލަ ތަޖުރިބާއެއް ކަމެއް ކުރުމުގައި ނެތް މީހަކެކެވެ. އެގޮތުން ވަޑާންގެ ހިންގަން ފެށިތާ ތިން މަސް ދުވަހުގެ އެތަން ބޭންކްރަޕްޓްކޮށްލާފައިވާ ކަމަށާއި ވެރިކަމަށް އަރައި ތިން އަހަރު ދުވަހުގެ ތެރޭގައި މުޅި ގައުމު ބޭންކްރަޕްޓްކޮށްލާފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ.އަފްރާޝީމް މައްސަލައިގައި ހައްޔަރުކުރި ހުމާމް އަފްރާޝީމް އަވަހާރަކޮށްލާފައިވާ ކަމަށް އެއްބަސްވުމާއި ގުޅިގެން އެކަމަށް އިޝާރާތްކުރައްވާ ގާސިމް ވިދާޅުވީ ކޮންމެ ހަފްތާއަކު މަދުވެގެން އެއްފަހަރު, މެންދުރު "އެބުނާ މީހަކާއިއެކު" ރައީސް ނަޝީދު ފަރިއްކުޅުވަން ވަޑައިގަންނަވާ ކަމަށެވެ. އެއީ މާފަންނު ކޮޅުގައި ހުންނަ ގެއެއް ކަމަށާއި ނަމަވެސް އެއީ ކާކު ކަން ބުނަން ބޭނުންނުވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
މިރޭ ނޮޅިވަރަންފަރުގައި ބޭއްވި ޖަލްސާގައި ގާސިމް ވަނީ ފުލުހުންނަށް ފުރަތަމަ ފަހަރަށް އޭނާގެ ވެރިކަމެއްގައިކޮށްދެއްވާނެ ކަންތައްތައް ވިދާޅުވެފައެވެ.
އެގޮތުން ފުލުހުންނަށް ދޭންޖެހޭ އިނާޔަތްތަކާއި އެމީހުންނަށްކޮށްދޭންޖެހޭ ކަންތައްތައް ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ކޮށްދޭނެ ކަމަށާއި ފުލުހުންނަށް ޓްރެއިނިންގ ދިނުމަށްޓަކައި ދުނިޔޭގެ ފެންވަރުގެ ޓްރެއިނިންގ ސްކޫލެއް ގާއިމުކުރާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ