ރިޔާސީ އިންތިޚާބާ ބެހޭ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ސެޕްޓެމްބަރ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބާ ބެހޭ މައްސަލައެއް އިންތިހާބުގައި ނާކާމިޔާބުވެ ވަޑައިގަތް ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީނުގެ ފަރާތުން ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅައިފިއެވެ. 
އެމައްސަލަ ހުށަހަޅުއްވާފައިވަނީ ދުސްތޫރީ މައްސަލައެއް ގޮތުގައި ކަމަށް މައުލޫމާތު ލިބޭއެވެ. ނަމަވެސް ހުށަހެޅުއްވި އެމައްސަލައަކީ އިންތިހާބުގެ ކޮންކަމަކާ ގުޅޭ މައްސަލައެއްކަމެއް އަދި ނޭނގޭއެވެ. ރައީސް ޔާމީންގެ ވަކީލާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނީ އިންތިޚާބާ ގުޅޭ މައްސަލަ ކޯޓަށް ހުށަހެޅުއްވީ އިންތިޚާބާ ގުޅޭ ގޮތުން ޕީޕީއެމުގެ ސަޕޯޓަރުން ހުށަހަޅާފައިވާ ގިނަ އަދަދެއްގެ ޝަކުވާތަކެއް ބެއްލެވުމަށްފަހު ކަމަށް މައުލޫމާތު ލިބޭއެވެ.
އަދި ޕީ.ޕީ.އެމުން ނެރުނު ބަޔާނެއްގައި ބުނީ އެ ޕާޓީއަށް ލިބޭ އެޝަކުވާތަކަށް ރިއާޔަތްކޮށް، ޕާޓީގެ ކެންޑިޑޭޓާއި ރަނިންމޭޓުގެ އިންތިޚާބީ ހައްގުތައް ގެއްލިފައިވާ ކަމަށް ގަބޫލު ކުރެވޭ ނަމަ، އެ މައްސަލަތައް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަކީ ކުރަންޖެހޭ ކަމެއް ކަމަށް އެޕާޓީން ގަބޫލު ކުރާ ކަމަށެވެ. އަދި ވޯޓު ކަރުދާސްތައް ޗާޕްކުރުމާއި ވޯޓު ލުމުގެ މަރުހަލާގައި ވެސް އޮޅުވައިލުމާއި މަކަރާއި ހީލަތް ހަދާފައިވާ ކަމުގެ ޝަކުވާ އެޕާޓީއަށް ލިބިފައިވާ ކަމަށެވެ. އެއާއެކު ގާނޫނާ ޚިލާފު ތަފާތު އާލާތްތައް ބޭނުންކޮށްގެން ލެވޭ ވޯޓާއި އަދި ޖުމްލަ ނަތީޖާއަށް އުނިއިތުރު ގެންނަން މަސައްކަތް ކޮށްފައިވާ ކަމުގެ ޝަކުވާ ވެސް ލިބިފައިވާ ކަމަށް އެޕާޓީގެ ބަޔާނުގައި ބުނޭއެވެ. 
މީގެކުރިން އެޕާޓީގެ ޕީޖީ ލީޑަރު އަދި ވިލިނގިލީދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ވެސް ވަނީ އިންތިހާބާ ގުޅޭގޮތުން އެ ޕާޓީއަށް ޝަކުވާތަކެއް ހުށަހެޅިފައިވާ ކަމަށް ވިދާޅުވެ، އިންތިހާބާ ގުޅޭ މައްސަލައެއް ކޯޓަށް ހުށަހަޅުއްވާނެ ކަމުގެ އިޝާރާތެއް ނިހާނުވެސް ދެއްވާފައިވާ ކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ