24 ގަޑިއިރު މަޖިލިސް ހުޅުވައިގެންވެސް ޕީއެންސީ ރެޖިސްޓާރ ކުރާނަން: ގާސިމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެހުންނަވާ އުފެއްދެވުމަށް މަސައްކަތް ކުރަމުން އަންނަ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީ ރެޖިސްޓަރ ކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނުން ދެކޮޅު ހަދާނަމަ 24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް އެކަން ކުރާނެކަމަށް މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ބައެއް ފަރާތްތަކުން ޖޭޕީއާ ގުޅުމަށް މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ގާސިމްވަނީ ޕީއެންސީ ރެޖިސްޓަރ ކޮށް ނުދިނުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރާކަމަށް ވިދާޅުވެ އީސީއަށް އިންޒާރު ކުރައްވާފައެވެ. ގާސިމް ވިދާޅުވީ ޒާތީވެގެން ޕީއެންސީ ރެޖިސްޓަކޮށްނުދީ ހިފަހައްޓައިގެން ނުވާނެ ކަމުގައެވެ.
އެކަން ކުރުމަށް ކުރެވެންހުރި މަސައްކަތެއް ކުރާނެކަމަށާއި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް އިލެކްޝަންސް ކޮމިޝަން ހާޒިރުކޮށްގެންވެސް ޕީއެންސީ ރެޖިސްޓްރީ ކޮށްދޭނެކަމަށް ގާސިމް ވިދާޅުވިއެވެ. އަދި އެކަމަށް 24 ގަޑިއިރު މަޖިލިސް ހުޅުވައިގެން މަސައްކަތް ކުރަން ޖެހުނު ނަމަވެސް އެކަންވެސް ކުރައްވާނެކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް މިހެން ވިދާޅުވިއިރު ޕީއެންސީ ރެޖިސްޓްރީ ކުރުމުގައި ދިމާވެފައިވާ މައްސަލަތަކާއި ގުޅިގެން ޕީއެންސީ އުފެއްދުމަށް މަސައްކަތްކުރާ އަދި ޕީޕީއެމްގެ އިސް ބޭފުޅުން މިއަދުވަނީ ގާސިމްއާ ބައްދަލު ކުރައްވާފައެވެ. އަދި އެމައްސަލާގައި ގާސިމް މިއަދުވަނީ އީސީގެ މެމްބަރު އިސްމާއިލް ހަބީބުއަށް ފޯނުން ގުޅުއްވާފައެވެ.
ރައީސް ޔާމީންގެ ދިފާއުގައި ގާސިމް ނިކުންނަވާފައިވާއިރު، މަޖިލިސް އިންތިހާބުގައި ޖޭޕީ އަށް މަޖިލިސް ގޮނޑި ހޯދައި ދިނުމަށް އެމްޑީޕީން އެއްބަސްވުނި މައްސަލާގައި ގާސިމްވަނީ ރައީސް ޔާމީނާ ގުޅެން ޖެހުނަށް އެކަން ކުރައްވާނެކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ