ގޭންގްތަކާއި މަޝްވަރާ ކުރުމަކީ ޤާނޫނީ ކުށެއް – އުމަރު

ގޭންގްތަކާއި މަޝްވަރާ ކުރުމަކީ ޤާނޫނީ ކުށެއް ކަމަށް ވިދާޅުވެ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު، މިހާރުގެ ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފަށް ރައްދު ދެއްވައިފިއެވެ.
ގޭންގުތަކުގައި އުޅޭ ޒުވާނުންނަށް ދިމާވާ މައްސަލަތަކާ ގުޅޭގޮތުން ވާހަކަދައްކައި އެކަންކަމަށް ހައްލެއް ގެނައުމަށް ގޭންގްތަކާއި މަޝްވަރާ ކުރައްވާނެ ކަމަށް މިނިސްޓަރ މަހްލޫފް ވިދާޅުވުމުން އެކަމަށް ރައްދު ދެއްވާ އުމަރު ވިދާޅުވީ ސަރުކާރު ފަރާތުން ގޭންގްތަކާ ވާހަކަ ދައްކާ މިނިސްޓަރަކުވެސް އެކުރައްވަނީ ޤާނޫނީ ކުށެއްކަމަށާއި، މިކަން ވަނީ ރާއްޖޭގައި ގޭންގްތަކާ ބެހޭ ޤާނޫނުން މަނާކުރެވިފައެވެ.
"ގޭންގްތަކުގައި ކުދިންނެއް ނޫޅޭނެ، އެއީ ރޭޕިސްޓުންނާއި މާޑަރާސް. އެމީހުން އިޖުތިމާއި މަސައްކަތްތަކަކަށް ނުނެރެވޭނެ" އުމަރު ވިދާޅުވިއެވެ.
މިނިސްޓަރ މަހްލޫފް ވިދާޅުވީ ގޭންގްތަކުގެ މެދުގައި ހިނގާ ކަންކަން ވަޅި ނުޖަހާ ހައްލު ކުރާނީ ކިހިނެއްތޯ ބަލަން މަޝްވަރާއަށް ދައުވަތު ދެއްވާ ކަމަށެވެ.
"ވަރަށް އޯޕަންލީ އިންވިޓޭޝަނެއް މި ދެނީ އަޅުގަނޑުމެންނާއެކީ ރީއްޗަށް އިށީންދެގެން ވާހަކަދައްކައިގެން އިތުރަށް އެއް ބަޔަކު އަނެއް ބަޔަކު ވަޅި ހަރައި މަރާ އެކަން ނުކޮށް، ކިހިނެއްތޯ އެކަން ހައްލުކުރާނީ." މިނިސްޓަރ މަހްލޫފް ވިދާޅުވިއެވެ.
މިނިސްޓަރ މަހްލޫފް ގޭންގްތަކާއި މަޝްވަރާ ކުރައްވަން ނިންމެވުމުން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އޭނާ އަށް އަމާޒުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ