ޕީޕީއެމުން މައުމޫން ވަކި ކުރި މައްސަލަ އީސީން އަލުން ބަލަނީ

ޕީޕީއެމްގެ ރައީސް ކަމުގައި ކުރިން ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެ ޕާޓީން ވަކި ކުރި މައްސަލަ އަލުން ބަލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
އީސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ ޕީޕީއެމުން މައުމޫން ވަކި ކުރީ އިޖުރާއަތްތައް ފުރިހަމަ ނުކޮށް ކަމަށް ވިދާޅުވެ އެމަނިކުފާނުގެ ފަރާތްޕުޅުން އީސީއަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ކޮމިޝަނުން އިއްޔެ ބައްދަލުވުމެއް ބާއްވައި، އެ މައްސަލަ އަލުން ބަލުމަށް ކޮމިޝަންގެ މެންބަރުން ނިންމަވާފައިވާ ކަމަށެވެ.
"ކޮމިޝަންގެ މެންބަރުންގެ އިއްތިފާގުން ނިންމާފައި ވަނީ ރައީސް މައުމޫން ޕީޕީއެމުން ވަކި ކުރުމުގެ ކަންކަން ކުރިއަށް ދިޔައީ އިޖުރާއަތްތަކާ އެއްގޮތަށްތޯ، އިޖުރާއަތްތައް ގެންގޮސްފައިވަނީ އަސާސީ ގަވައިދާ އެއްގޮތަށްތޯ ބެލުމަށް، ކޮމިޝަންގެ ލީގަލް ޓީމަށް ވާނެ އެ މައްސަލަ ބަލަން ހަވާލުކޮށްފައި،" ޝަރީފު ވިދާޅުވިއެވެ.
ޝަރީފު އިތުރަށް ވިދާޅުވީ މި ވަގުތު ސިވިލް ކޯޓުގައި ހިނގަމުންދާ ޕީޕީއެމްގެ މައްސަލައާއި ރައީސް މައުމޫންގެ ފަރާތްޕުޅުން އީސީއަށް ހުށަހެޅި މައްސަލައިގައި ވަކި ގޮތެއް ނުނިމެނީސް ޕީޕީއެމްގެ ރައީސަކީ މައުމޫން ކަމަށް ކަނޑައެޅެން ނެތް ކަމަށެވެ. އަދި ޕީޕީއެމްގެ ކޮންގްރެސްއާއި ކޮންގްރެސްގެ ނިންމުންތައް ވެސް އީސީން ބަލައިގެންފައި ނުވާތީ، ރައީސް ޔާމީނަކީ ވެސް އެ ޕާޓީގެ ރައީސް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
މައުމޫނާއި ރައީސް ޔާމީނާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން، ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި އެ ކޯޓުން ކުރި ހުކުމަކާ ގުޅިގެން ޕީޕީއެމްގެ ހިންގުން މައުމޫން އަތުން ނަގައި އެ ޕާޓީގެ މުޝްތަޝާރު ރައީސް ޔާމީނާ ޕާޓީގެ ހިންގުން ހަވާލު ކުރިއެވެ. އޭގެ ފަހުން މައުމޫން އެ ޕާޓީން ވަކިކޮށް، މިއަދާ ހަމައަށް ވެސް ޕީޕީއެމް ހިނގަމުން ދަނީ ރައީސް ޔާމީންގެ ބެލުމުގެ ދަށުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ