ފުލުހުން ރޭ ހިންގި އޮޕަރޭޝަނެއްގެ ތެރެއިން، ޕޮލިސް ލޯންޗަކުން ގެއްލުނު ފުލުހަކު މޫދު އަޑީގައި ނިޔާވެފައި އޮއްވާ ފެނިއްޖެ އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި ނިޔާވީ ހއ. އުލިގަމަށް ނިސްބަތްވާ އަހުމަދު އާސިފު، 33، އެވެ. އޭނާއަކީ ޑްރަގް އެންފޯސްމަންޓު ޑިޕާޓްމަންޓުގެ ފުލުހެއްކަން އެނގިފައިވެ އެވެ. އެ ހާދިސާ ހިނގީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.
"2026 ޖޫން 11 ވަނަ ދުވަހުގެ ދަންވަރު ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި "ޕޮލިސް ލޯންޗް 57" ގައި ތިބި ފުލުހުންގެ ތެރެއިން ފުލުހަކު ގެއްލިފައިވޭ. މި ހާދިސާ ސަމާލުކަމަށް އައުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ވަގުތުން ވަނީ ފަށާފަ. އެގޮތުން، ހޯދުމުގެ މަސައްކަތުގެ ތެރެއިން، އެ ފުލުސް މީހާ މޫދު އަޑިން ވަނީ ފެނިފަ،" މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ.
އާސިފް ފެނުމުން އޭނާ ގެންދިޔައީ އއ. މަތިވެރީ ސިއްހީ މަރުކަޒަށެވެ. އެތަނަށް ގެންދިޔައިރު ވެސް އާސިފް ނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި ފުލުހުން ރޭ ހިންގީ މަސްތުވާތަކެތީގެ އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަން ކުރިއަށްގެންދިޔައީ އއ. ހިމަންދޫގައި ކަން ވެސް އެނގިފައިވެ އެވެ.
ފުލުހުން އިތުރަށް ބުނީ އާސިފްގެ އާއިލާ އާއި ރޭގެ އޮޕަރޭޝަނުގައި އޭނާއާއެކު މަސައްކަތް ކުރި ފުލުހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.
"މި ހިތާމަވެރި ދަނޑިވަޅުގައި، ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ނިޔާވި އޮފިސަރުގެ އާއިލާއަށާއި އެކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން،" ފުލުހުންގެ މެސެޖުގައި ބުނެފައިވެ އެވެ.
އެ ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ޕޮލިސް ލޯންޗަކުން ގެއްލުނު ފުލުހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ