ޔޫޓީއޯ އެޑިއުކޮންސަލްޓް އިން އިންތިޒާމުކޮށްގެން ހޮޓެލް ޖެންގައި ބޭއްވި 12 ވަނަ މޯލްޑިވްސް އިސްލާމިކް ބޭންކިންގް އެންޑް ފައިނޭންސް އިންޑަސްޓްރީ (މިބްފީ) ކޮންފަރެންސް ގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ބައިވެރިވެއްޖެ އެވެ.
"ރައިޒިންގް އަޕް ޓު ދަ ޗެލެންޖް" މި ޝިއާރުގެ ދަށުން ބޭއްވި މި ކޮންފަރެންސްގައި، އިސްލާމިކް ބޭންކިންގް އަދި ފައިނޭންސްގެ ދާއިރާއަށް އަންނަމުންދާ ބަދަލުތަކާއިގުޅޭގޮތުންނާއި، ދުވަހެއް ދުވަހަކަށް ޑިޖިޓަލްވަމުން އަދި ގުޅެމުންދާ ބައިނަލްއަގުވާމީ އިގްތިސާދެއްގައި އުފެދެމުންދާ ފުރުސަތުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރި އެވެ.
މި ކޮންފަރެންސްގައި އިސްލާމިކް ބޭންކިންގް ދާއިރާގެ އިސްވެރިންނާއި، ރެގިއުލޭޓަރުންނާއި، މާލީ އިދާރާތަކާއި، ދިރާސާވެރިންގެ އިތުރުން ދާއިރާގައި ހަރަކާތްތެރިވާ މުހިންމު ފަރާތްތަކުން ބައިވެރިވި އެވެ.
މި އަހަރުގެ ކޮންފަރެންސް ވެގެންދިޔައީ ރާއްޖެއަށް އިސްލާމިކް ބޭންކިންގް ތައާރަފުކުރިތާ 15 އަހަރު ފުރުން ފާހަގަކުރި މުހިންމު މުނާސަބަތާ އެވެ. ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި މި ސިނާއަތަށް ލިބިފައިވާ ކުރިއެރުމާއި، ކާމިޔާބީތައް މި ކޮންފަރެންސްގައި ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ސޮވްރިން ސުކޫކް ކާމިޔާބުކަމާއެކު ތައާރަފުކުރުމާއި، ރާއްޖޭގައި ޝަރީއާ ހުއްދަކުރާ މާލީ ހިދުމަތްތައް ފުޅާވުން ހިމެނެ އެވެ.
ކޮންފަރެންސްގެ ބައިވެރިން ވަނީ މި ސިނާއަތުގެ މުސްތަގުބަލު ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ މައުޟޫތަކަށް މަޝްވަރާކޮށްފަ އެވެ. އޭގެ ތެރޭގައި ފިންޓެކް، އާޓިފިޝަލް އިންޓެލިޖެންސް، ސޯޝަލް ފައިނޭންސް، ގާނޫނީ އިސްލާހުތައް، އަދި ކެޕިޓަލް މާކެޓްތަކުގެ އިތުރުން އިސްލާމީ ބޭންކިންގް އަދި ފައިނޭންސްގެ ދާއިރާއަށް އަސަރުކުރާ ސަރަހައްދީ އަދި ބައިނަލްއަގުވާމީ ކުރިއެރުންތައް ހިމެނެ އެވެ.
މި ސެޝަންގައި އެމްއައިބީގެ އެމްޑީ އަދި ސީއީއޯ މުފައްދަލް އިދްރީސް ކުމްރީ ވަނީ އެބޭފުޅާ ވޭތުވެދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި އިސްލާމިކް ބޭންކިންގް ތަރައްގީވަމުން އައި ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވައި، މި ދާއިރާއަށް ލިބުނު ކާމިޔާބީތަކާއި، ކުރިމަތިވި ގޮންޖެހުންތަކާއި، އަދި ކުރިއަށް ހުރި ފުރުސަތުތަކާ ބެހޭގޮތުން ވާހަކަ ދައްކަވާފަ އެވެ.
މި ކޮންފަރެންސްގައި ޕެނަލް މަޝްވަރާތަކާއި، ރާއްޖޭގެ އިސްލާމީ މާލީ ދާއިރާގެ މުސްތަގުބަލާ ބެހޭގޮތުން ހިޔާލު ބަދަލުކުރުމަށް މަގުފަހިކޮށްދިން ވާހަކަތައް ކުރިއަށްދިޔަ އެވެ.
މި ހަރަކާތް ނިންމާލީ ބައިވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމާއި މައުލޫމާތު ހިއްސާކުރުމަށް ބޭއްވުނު މިބްފީ ކުއިޒް މުބާރާތުންނެވެ.
އެމްއައިބީން 12 ވަނަ މިބްފީ ކޮންފަރެންސްގައި ބައިވެރިވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ