އޯޕެކްއިން އުފައްދާ ތެލުގެ މިންވަރު ރެކޯޑް މިންވަރަކަށް ދަށަށް!

ފާއިތުވި 20 އަހަރުގެ ތެރޭގައި ދަށަށް ގޮސްފައިނުވާ މިންވަރަށް, މިދިޔަ މެއި މަހުގެ ތެރޭގައި ދުނިޔޭގައި ތެޔޮ އެކްސްޕޯޓުކުރާ ޤައުމުތަކުގެ އިއްތިޙާދު، އޯޕެކްގެ ޤައުމުތަކުން ތެޔޮ އުފެެއްދި މިންވަރު ދަށަށް ގޮސްފައިވާ ކަމަށް ރޮއިޓަރސްއިން ކުރި ސާވޭއަކުން ދައްކައިފިއެވެ. ރޮއިޓަރސްއިން މިހެން ބުނެފައި މި ވަނީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން އީރާނުން ހުރްމުޒް ކަނޑުއެޅި ބޭނުންކުރަން ހުރަސްއެޅުމުގެ ސަބަބުންނާއި، އީރާނުގެ އުޅަނދުތަކަށް އެމެރިކާއިން ހުރަސްއެޅުމުގެ ސަބަބުން ގަލްފު ސަރަޙައްދުން ތެޔޮ އެކްސްޕޯޓު ކުރާ މިންވަރު ވަަރަށް ބޮޑަށް ދަށަށް ގޮސްފައި ވަނިކޮށެވެ.
ރޮއިޓަރސްއިން ބުނީ 11 މެންބަރު ޤައުމު ހިމެނޭ އޯޕެކްއިން މެއި މަހުގެ ތެރޭގައި އުފައްދާފައިވާ ތެލުގެ މިންވަރު ވަނީ އޭގެ ކުރީ މަހާ އަޅާބަލައިއިރު ދުވާލަކު 1.06 މިލިޔަން ފީފާގެ މަގުން ދަށަށް ގޮސްފައި ކަމަށެވެ. އެއާއެކު މެއި މަހުގެ ތެރޭގައި ދުވާލެއްގެ މައްޗަށް އެ ޤައުމުތަކުން އުފެއްދި ތެލުގެ މިންވަރު ވަނީ 16.13 މިލިޔަން ފީފާއަށް ދަށްވެފައެވެ. މިއީ މަހެއްގެ މައްޗަށް އުފައްދާފައިވާ ތެލުގެ މިންވަރު 2،000ވަަނަ އަހަރުން ފެށިގެން ދަށަށް ނުދާ މިންވަރެއް ކަމަށް ސާވޭއިން ވަނީ ފާހަގަވެފައެވެ. އެއީ 2020ވަނަ އަހަރުގެ ތެރޭގައި ކުރިމަތިވި ކޯވިޑް-19ގެ ޢާމަލީ ވަބާގެ ތެރޭގައި ވެސް އެ ޢަދަދު ދަށަށް ނުދާ މިންވަރެއް ކަމަށް ރޮއިޓަރސްއިން ބުނެއެވެ.
އޯޕެކްއިން އުފައްދާފައިވާ ތެލުގެ މިންވަރު ހިސާބުކުރުމުގައި އެކުވެރި ޢަރަބި އިމާރާތް، ޔޫއޭއީއިން އެކްސްޕޯޓުކޮށްފައިވާ ތެލުގެ ޢަަދަދު ހިމަނާފައެއް ނުވެއެވެ. ޔޫއޭއީއިން ވަނީ މެއި މަހުގެ 1ވަނަ ދުވަހު އޯޕެކްއިން ރަސްމީކޮށް ވަކިވެފައެވެ.
ތެޔޮ އުފައްދާފައިވާ މިންވަރު އެންމެ ބޮޑަށް ދަށަށް ގޮސްފައި ވަނީ އީރާނުގައެެވެ. ސާވޭގައި ބުނީ ފާއިތުވި ހަ އަަހަރުގެ ތެރޭގައި އެންމެ މަޑު ޢަދަދަކަށް ސާފުނުކުރާ ތެލާއި ކޮންޑެންސޭޓު އީރާނުން އުފައްދާފައި ވަނީ މެއި މަހުގެ ތެރޭގައި ކަމަށެވެ. އެއީ އޭޕްރިލް މަހުގެ 13ވަނަ ދުވަހު އެމެރިކާއިން އީރާނުގެ އުޅަނދުތަކަށް ހުރަސްއަޅަން ފެށުމުގެ ނަތީޖާ ކަމަށް ޤަބޫލުކުރެވެއެވެ.
ސަޢުދީ ޢަރަބިއްޔާގައި ތެޔޮ އުފެއްދި މިންވަރު ވެސް އެ މުއްދަތުގައި ވަނީ ދަށަށް ގޮސްފައެވެ. ނަމަވެސް ޢިރާޤުގައި ބޭނުންކުރާ ތެލުގެ މިންވަރު އިތުރުވުމުގެ ސަބަބުން އެ ޤައުމުގެ ތެލުގެ ސަޕްލައި ވަނީ އިތުރުވެފައެވެ. އޭގެ އިތުރުން ނައިޖީރިޔާއާއި ވެނެޒުއެލާއިން ތެޔޮ އުފައްދާފައި މިންވަރު ވެސް ވަނީ އިތުރުވެފައެވެ.
އޯޕެކްގެ މެންބަރު ޤައުމުތައް ވެސް ހިމެނޭ އޯޕެކް ޕްލަސްއަށް ނިޞްބަތްވާ 8 ޤައުމަކުުން ވަނީ މައި މަހުގެ ތެރޭގައި ތެޔޮ އުފައްދާ މިންވަރު އިތުރު ކުރުމަށް އެއްބަސްވެފައެވެ. ނަމަވެސް އެ ގޮތަށް އެ ކަން ޙާޞިލް ނުކުރެވުނީ މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ޙާލަަތު ބަދަލުވުމުންނެވެ. އަދި އެމެރިކާއިން އެޅި ފިޔަވަޅުތަކުގެ ސަބަބުންނެވެ.
ރޮއިޓަރސްގެ ސާވޭއަށް މަޢުލޫމާތު ނަގާފައި ވަނީ މާލީ ތަފާސްހިސާބުތައް އެއްކުރާ ކުންފުންޏެއް ކަމަށްވާ އެލްއެސްއީޖީއިން އެއްކޮފައިވާ މަޢުލޫމާތު ބޭނުންކޮށްގެންނެވެ. އަދި ތެލުގެ ޝިޕްމަންޓުތަކުގެ މަޢުލޫމާތު އެއްކުރާ ކުންފުނިތަކުން ހޯދާފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށެވެ. އޭގެ އިތުރުން ތެޔޮ ކުންފުނިތަކުންނާއި އޯޕެކްއާއި ކޮންސަލްޓަންޓުންގެ ފަރާތުން ލިބިފައިވާ މަޢުލޫމާތު ވެސް ބޭނުުންކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ