ދިވެހި ރައްޔިތުން ދެއްކެވި ހިއްވަރާއި ކެތްތެރިކަމަށް، އިންތިޚާބީ ނައިބު ރައީސް، ފައިސަލް ނަސީމް ޝުކުރު ދަންނަވައިފި އެވެ.
ފައިސަލް، ރައްޔިތުންނަށް ޝުކުރު ދަންނަވާފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
ފައިސަލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ޙައްޤު މަގުގައި ކުރާ ކޮންމެ ކަމަކަށް ކާމިޔާބު ދެއްވާނެކަން ޔަޤީން ކަމުގައެވެ. އަދި ފާއިތުވި ދުވަސްތަކުގައި ރައްޔިތުން ދެއްކެވި ހިތްވަރާއި ކެތްތެރިކަމަށް ދިވެހި ރައްޔިތުންނަށް ޝުކުރު ދަންނަވާ ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.
"إن شاء الله. ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް"، ފައިސަލްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
ފައިސަލް މިގޮތަށް ވިދާޅުވެ ޓްވީޓް ކުރައްވާފައި މިވަނީ ނިމިގެންދިޔަ ރިޔާސީ އިންތިޚާބު ބާތިލްކުރަން އެ އިންތިހާބުގައި ނާކާމިޔާބު ވެވަޑައިގެންނެވި ރައީސް ޢަބްދުﷲ ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި އިންތިހާބު ބާތިލްކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ޙުކުމް ކުރުމާއި ގުޅިގެންނެވެ. އިންތިޚާބު ބާތިލްކުރުމަށް އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުއްވީ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުންނެވެ.
ނިމިގެން ދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު، 58.4%ގެ މެޖޯރިޓީއަކާއެކު ކާމިޔާބުކުރެއްވީ އިދިކޮޅު އިއްތިހާދުގެ ފަރާތުން ވާދަކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ރަނިން މޭޓް، ފައިސަލް ނަސީމް އެވެ. އެބޭފުޅުންނަށް ލިބިވަޑައިގެންނެވީ 134،705 ވޯޓެވެ.
އިންތިޚާބުން ނާކާމިޔާބުވެވަޑައިގެންނެވީ ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި ރައީސް އަބްދުﷲ ޔާމީން އާއި ރަނިން މޭޓް، ޝެއިޚް މުހައްމަދު ޝަހީމް އަލީ ސައީދު އެވެ. އެ ދެ ބޭފުޅުންނަށް ލިބިވަޑައިގެންނެވީ 96،052 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 41.6% އެވެ.
އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާންކުރުމާއެކު ރައީސް ޔާމީން ވަނީ ބަލި ޤަބޫލުކުރައްވައި، އިންތިޚާބީ ރައީސް، އިބޫ އަށް މަރުޙަބާ ދަންނަވާފައެވެ. އަދި ޝެއިޚް މުހައްމަދު ޝަހީމް ވެސް ވަނީ އިބޫ އަށް މަރުޙަބާ ދަންނަވާފައެވެ.
އެހެންނަމަވެސް އޭގެ ދުވަސްތަކެއް ފަހުން އިންތިޚާބުގައި އޮޅުވާލުންތަކެއް އެބަހުރި ކަމަށް ބުނެ، އިންތިޚާބު ބާތިލްކޮށް، އިންތިޚާބުގެ ކަންތައްތައް ހިނގައިދިޔަ ގޮތް ތަހުޤީޤުކުރުމަށް ސިފައިންނާއި ފުލުހުންގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެދި ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފަ އެވެ.
އެ މައްސަލައިގެ ޙުކުމް މިއަދު އިއްވިއިރު، އެ ޙުކުމްގައި ބުނެފައި ވަނީ އިންތިޚާބުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ، އެކަން ތަހުޤީޤު ކުރަން ފުލުހުންނާއި ސިފައިންގެ މައްޗަށް އަމުރެއް ނެރެ ދިނުމަށް އެދިފައިވީ ނަމަވެސް، އެ ކަންތައްތަކަކީ ތުހުމަތުތަކެއް ކަމަށްވާތީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ތެރެއިން އެކަންކަން ތަހުޤީޤު ކުރަން ކޯޓް އަމުރެއް ނެރެން ޖެހޭ އަސާސެއް ނެތް ކަމަށެވެ.
ރައްޔިތުން ދެއްކި ހިއްވަރަށް އިންތިހާބީ ނައިބު ރައީސް ޝުކުރު ދަންނަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ