ތުހުމަތުތަކާއެކު ވެސް ޓްރަމްޕް ބޭނުންވި ފަނޑިޔާރު ސުޕްރީމް ކޯޓަށް

ވޮޝިންގްޓަން (އޮކްޓޯބަރު 6) - ޖިންސީ ގޯނާކުރިކަމުގެ ބޮޑެތި ތުހުމަތުތަކާއެކު އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވި ބްރެޓް ކެވަނާގެ ނަންފުޅު ސެނެޓުން ފާސްވެ، މަގާމުގެ ހުވާ ކުރައްވައިފި އެވެ.
އެމެރިކާގެ ސެނެޓުން ކެވަނާގެ ނަން ފާސްވީ، 50 ވޯޓާއެކު އެވެ. ކެވަނާއާ ދެކޮޅަށް 48 މެމްބަރުން ވޯޓު ދެއްވާފައިވެ އެވެ.
ސްކޫލް ދައުރުގައި، ކެވަނާގެ އުމުރުން 17 އަހަރުގައި، އޭރު 15 އަހަރުގެ އަންހެން ކުއްޖަކާ ގަދަކަމުން ޖިންސީ ގުޅުން ހިންގަން އުޅުނު ކަމުގެ ތުހުމަތު ވަނީ ކޮށްފަ އެވެ.
ކްރިސްޓީން ބްލޭސީ ފޯޑު މިހާރު ވަނީ އެމެރިކާގެ ސެނެޓުގެ ކޮމިޓީއަށް ވެސް ކެވަނާއާ ދެކޮޅަށް ހެކިބަސް ދީފަ އެވެ. އެ ތުހުމަތުތަކާ ގުޅިގެން، ރައީސް ޓްރަމްޕް ވަނީ އިތުރު ތަހުގީގެއް ކުރުމަށް އެފްބީއައިއަށް އަންގަވާފަ އެވެ.
ފޯޑުގެ ތުހުމަތުތަކާއެކު، އިތުރު ދެ އަންހެނަކު ވެސް ވަނީ 1980 ގެ އަހަރުތަކުގެ ތެރޭގައި ކެވަނާއަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުކޮށްފަ އެވެ.
ސުޕްރީމް ކޯޓު ފަނޑިޔާރު ކަމަށް ކެވަނާ އައްޔަނު ކުރައްވާފައިވަނީ އެފްބީއައިއިން އެންމެ ފަހު ވަގުތު ކުރި ތަހުގީގުން އިތުރު ހެއްކެއް ނުލިބުމުންނެވެ.
ސެނެޓުގައި ވޯޓުލުން ކުރިއަށްދިޔަ ވަގުތުގައި، އެތަކެއް ސަތޭކަ ބަޔަކު ވަނީ ކެވަނާ އާއި ދެކޮޅަށް ނުކުމެ މުޒާހަރާވެސް ކޮށްފަ އެވެ.
މިހާރު ކޮލަމްބިއާ ޑިސްޓްރިކްޓްގެ އިސްތިނުއާފު ފަނޑިޔާރު ކެވަނާ، 53 އަކީ ކުރީގެ ރައީސް ޖޯޖު ޑަބްލިއު ބުޝްގެ އެޑްވައިޒެރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.
އުމުރުން 81 އަހަރުގެ ކެނެޑީ ރިޓަޔާ ކުރައްވާނީ ޖުލައި 31 ވަނަ ދުވަހު އެވެ. މިހާރު ވެސް ފަހެއް ހަތަރަކުން ކޮންޒަވޭޓިވްސް އާއި އެއްކޮޅަށް ސުޕްރީމު ކޯޓުގެ ބެންޗު ބުރަވެފައިވާތީ، ކެވަނާ އައްޔަނު ކުރެއްވިޔަސް ބެންޗަށް މާ ބޮޑު ބަދަލުތަކެއް ނާންނާނެ އެވެ. ކެނެޑީއަކީ ކޮންޒަވެޓިވް ބޭފުޅެއް ނަމަވެސް ސުޕްރީމު ކޯޓުން ފަހުން ނިންމި ގިނަ ނިންމުންތައް އައިސްފައި ވަނީ ލިބެރަލްސްއާ އެއްކޮޅަށެވެ. ނަމަވެސް، އެފަދަ ދުލެއް ކެވަނާ ދެއްވާނެ ކަމަކަށް ނުބެލެވެ އެވެ.
ނަމަވެސް އިމިގްރޭޝަނުން ފެށިގެން ބަޑި ގެންގުޅުމާއި އެބޯޝަން ފަދަ ނިންމުންތައް ޓްރަމްޕް ބޭނުންފުޅުވާ ގޮތަށް ސުޕްރީމު ކޯޓުގެ ނިންމުންތައް މިހާރު އައުން ގާތް ކަމުގައި މަސްރަހު ދިރާސާ ކުރައްވާ ބޭފުޅުން ލަފާކުރެ އެވެ.
މިއީ ޓްރަމްޕް ވެރިކަމަށް ވަޑައިގެންނެވި ފަހުން ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަން ކުރަން ލިބި ވަޑައިގަންނަވާ ދެ ވަނަ ފުރުސަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ