މާޔޫސްވެވަޑައިނުގަންނަވާ، އުފާވެރި ހަބަރު އޮތީ މާދުރަކު ނޫން: ގާސިމް

ސްޕްރީމް ކޯޓަށް ރައީސް އަބްދުﷲ ޔާމީން ވައްދާފައިވާ މައްސަލައާއި ގުޅިގެން މާޔޫސް ނުވުމަށާއި ވަރަށް އަވަހަށް އުފާވެރި ހަބަރު ލިބިގެންދާނެ ކަމަށް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖޭޕީގެ ފައުންޑަރު އަދި މިހާރު ޖޭޕީ ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ގާސިމް އެހެން ވިދާޅުވީ މިއަދު އދ.ދިގުރަށަށް ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.
"އަޅުގަނޑު ދަންނަވާނީ މާޔޫސްވެވަޑައި ނުގަންނަވާށޭ، ގާނޫނީ ހަމަތަކުގެ ތެރޭގައި އަޅުގަނޑުމެން ތިބެގެން އަޅުގަނޑުމެން މަސައްކަތް ކުރަމާ ހިނގާށޭ، އޭރުންނޭ އަޅުގަނޑުމެންނަށް ކާމިޔާބު ލިބޭނީ، ﷲ އިރާދަކުރެއްވިއްޔާ މާދުރެއްގައެއް ނެތޭ. އުފާވެރި ހަބަރު ލިގެންދާނެ ކަމަށް އަޅުގަނޑު ޔަގީން ކުރަން ކަށަވަރު ކުރަން،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އެ ޔަގީންކަން ލިބެނީ ރައްޔިތުންގެ އެހާ ބޮޑު އަގުލަބިއްޔަތެއް އޮތުމުން ކަމަށެވެ.
ގާސިމް ވިދާޅުވީ އިންތިހާބުގެ ނަތީޖާ ހުރިހާ ފަރާތްތަކަކުން ވެސް ބަލައިގެންފައިވާ ކަމަށެވެ. އަދި އިންތިހާބު ބޭއްވީ ސަރުކާރުން ބޭނުންވާ އިލެކްޝަންސް ކޮމިޝަނަކާ ވެސް އެކު ކަމަށެވެ.
ގާސިމް ވަނީ ރައްޔިތުންނަށް "ނޮހޮރޮއްޕާނަކަށް" ވެވަޑައިނުގެން ވަޑައިގެންނެވުމަށް ރައީސް ޔާމީނަށް ގޮވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ