އެޕަލް އިން އޯޕަންއޭއައި އާ ދެކޮޅަށް ބޮޑު ދައުވާއެއް އުފުލައިފި

އެޕަލް ކުންފުނިން އޯޕަންއޭއައި އާއި އެ ކުންފުނީގެ ކުރީގެ ދެ މުވައްޒަފަކާ ދެކޮޅަށް، ވިޔަފާރީގެ ސިއްރުތައް ވަގަށް ނެގިކަމުގެ ތުހުމަތުގައި ފެޑެރަލް ކޯޓަށް ބޮޑު މައްސަލައެއް ހުށަހަޅައިފިއެވެ. ހުކުރު ދުވަހު ހުށަހެޅި މި ދައުވާގައި އެޕަލް އިން ވަނީ އޯޕަންއޭއައިގެ ހާޑްވެއާ ވިޔަފާރިއަކީ އޭގެ އަސްލުން ފެށިގެން "ކަތިވެ، ހަލާކުވެފައިވާ" ވިޔަފާރިއެއްގެ ގޮތުގައި ސިފަކޮށް، އެ ކުންފުނިން ހިންގާފައިވަނީ މުއައްސަސާގެ ފެންވަރުގެ ބޮޑު އޮޅުވާލުމެއް ކަމަށް ބުނެފައެވެ. މި މައްސަލައިގައި އޯޕަންއޭއައިގެ އިތުރުން، މިދިޔަ އަހަރު އެ ކުންފުނިން ގަނެފައިވާ ޖޯނީ އައިވްގެ "އައިއޯ ޕްރޮޑަކްޓްސް" ހާޑްވެއާ ކުންފުނި ވެސް ވަނީ ޒިންމާދާރު ކުރެވިފައެވެ. އެޕަލްގެ ދައުވާގައި ޖޯނީ އައިވްގެ ނަން ސީދާ ބޭނުންކޮށްފައި ނުވި ނަމަވެސް، އެ ކުންފުނި ބައިވެރިވެގެން އޯޕަންއޭއައި އިން ރޭވުންތެރިކަމާއެކު އެޕަލްގެ ސިއްރުތައް ހޯދާފައިވާ ކަމަށް ބަޔާންކޮށްފައިވެއެވެ. https://x.com/drewpusateri/status/2075708238650089981 ދައުވާގައި ހިމެނޭ އެޕަލްގެ ކުރީގެ ދެ މުވައްޒަފުންނަކީ ސީނިއާ ސިސްޓަމް އިލެކްޓްރިކަލް އިންޖިނިއަރެއްގެ މަގާމުގައި ހުރި ޗޭންގް ލިއު އާއި، މިހާރު އޯޕަންއޭއައިގެ ޗީފް ހާޑްވެއާ އޮފިސަރަކަށް ހުރި އެޕަލްގެ ކުރީގެ ވީޕީ ޓޭންގް ޔޫ ޓޭންއެވެ. އެޕަލް އިން ތުހުމަތުކުރާ ގޮތުގައި ޗޭންގް ލިއު ވަނީ އެޕަލް އިން ވަކިވުމުގެ ކުރިން ނުނެރެ ހުރި އުފެއްދުންތަކުގެ ތަފްސީލީ މައުލޫމާތާއި އިންޖިނިއަރިން ޕްރެޒެންޓޭޝަންތައް ހިމެނޭ ގިނަ އަދަދެއްގެ ސިއްރު ފައިލްތައް ޑައުންލޯޑްކޮށްފައެވެ. އަދި ޓޭންގް ޔޫ ޓޭން ވަނީ އެޕަލްގައި މަސައްކަތްކުރާ މުވައްޒަފުން އޯޕަންއޭއައިގެ ވަޒީފާގެ އިންޓަވިއުތަކަށް ދާއިރު އެޕަލްގެ "އަސްލު ބައިތައް" ހިފައިގެން ދިއުމަށް ބާރުއަޅައި، އެ ތަކެތި ބޭނުންކޮށްގެން ސިއްރުތައް ހޯދާފައެވެ. މީގެ އިތުރުން އެޕަލްގެ 400 އަށްވުރެ ގިނަ ކުރީގެ މުވައްޒަފުން މިހާރު އޯޕަންއޭއައިގައި މަސައްކަތް ކުރަމުންދާއިރު، އޯޕަންއޭއައިގެ ވަޒީފާގެ އިންޓަވިއުތައް ބައްޓަންކޮށްފައިވަނީ ވެސް އެޕަލްގެ ސިއްރު މައުލޫމާތުތައް އަތުލެވޭނެ ގޮތަކަށް ކަމަށް އެޕަލް އިން ތުހުމަތުކުރެއެވެ. މިކަމާ ގުޅިގެން އޯޕަންއޭއައި އަށް އެޕަލް އިން ކުރިން މުއާމަލާތް ކުރުމުން އެއްވެސް ޖަވާބެއް ދީފައި ނުވި ނަމަވެސް، އޯޕަންއޭއައިގެ ޑިރެކްޓާ އޮފް ސްޓްރެޓީޖިކް ކޮމިއުނިކޭޝަންސް ޑްރޫ ޕުސަޓޭރީ ވަނީ އެހެން ކުންފުނިތަކުގެ ވިޔަފާރީގެ ސިއްރުތަކަށް އެ ކުންފުނީގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށް ވިދާޅުވެފައެވެ. މި ބޮޑު ގާނޫނީ ހަމަނުޖެހުން ހިނގަމުންދާއިރު، އެޕަލް އިން ވަނީ މިހާރު ފޯނުތަކުގައި ބޭނުންކުރާ "އެޕަލް އިންޓެލިޖެންސް" ގެ ތެރެއިން ޗެޓްޖީޕީޓީ ބޭނުންކުރުމަށް އޯޕަންއޭއައި އާއެކު ހަދާފައިވާ ޕާޓްނާޝިޕް އެއްބަސްވުމާ މި މައްސަލައާ އެއްވެސް ގުޅުމެއް ނެތް ކަމަށް ސާފުކޮށްދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ