ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭގެ ބޯޑަށް އައްޔަން ކުރާ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 59 ވަނަ މާއްދާގެ ދަށުން ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީ މެންބަރުންގެ ތެރެއިން 3 މެންބަރުން ބޯޑަށް އައްޔަން ކުރާނެއެވެ.
އެލްޖީއޭއިން މައުލޫމާތު ދެއްވާގޮތުގައި އެ އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުންގެ ތެރެއިން މެންބަރުން އައްޔަން ކުރެއްވުމަށް ބާއްވާ އިންތިޚާބު އަންނަ އޯގަސްޓް މަހުގެ 8ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށެވެ. މި އިންތިޚާބުގައި ސިޓީ ކައުންސިލަރުންގެ ތެރެއިން މެންބަރަކާއި ރަށު ކައުންސިލަރުންގެ ތެރެއިން މެންބަރެއްގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން މެންބަރަކު އިންތިޚާބު ކުރާނެ ކަމަށް އެ އޮތޯރިޓީން ވިދާޅުވިއެވެ.
މި އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މި މަހުގެ 16ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. މި މުއްދަތުގައި އިންތިޚާބަށް ކުރިމަތިލާން އެދޭ ފޯމު އެލްޖީއޭގެ އިންތިޚާބުތަކަށް ޚާއްސަ އީމެއިލް [email protected] އަށް ފޮނުވުމަށް އެ އޮތޯރިޓީންވަނީ އެދިފައެވެ. އީ-މެއިލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް ދަތިކަމެއް ދިމާވާނަމަ، އޮތޯރިޓީއަށް ހާޒިރުވެ ފޯމު ހުށަހެޅޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އެލްޖީއޭއިން ވިދާޅުވީ އިންތިޚާބަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމަށް ޖަވާބު ދިނުން ހަމަޖެހިފައިވަނީ އީ-މެއިލް މެދުވެރިކޮށް ކަމަށެވެ. އެއްވެސް ސަބަބަކާ ގުޅިގެން ފޯމު ބަލައިނުގަނެވޭނަމަ، ބަލައިނުގަނެވުނު ސަބަބު އީ-މެއިލް މެދުވެރިކޮށް، ފޯމު ލިބުނުތާ 24 ގަޑިއިރުގެ ތެރޭގައި، އަންގާނެ ކަމަށާއި ފޯމު އިސްލާހުކޮށްފައި އަލުން ހުށަހެޅުމަށް ފުރުޞަތު ދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓު ނެގުން ކުރިއަށްދާނީ އޯގަސްޓް 8 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 16:00 އަށެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އޯގަސްޓް 11 ވާ އަންގާރަ ދުވަހު އިއުލާން ކުރުމަށް ނިންމާފައިވާ ކަމަށް އެލްޖީއޭއިން ވިދާޅުވިއެވެ.
ކައުންސިލާއި އަންހެނުންގެ ކޮމިޓީން އެލްޖީއޭގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ