ގޮނޑިތަކުގެ މައްސަލާގައި ހިޔާލު އެއްގޮތް ކުރުމަށް ރައީސް ނަޝީދާއި ގާސިމް ބައްދަލު ކުރައްވަނީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ކޯލިޝަނުން އެއްކޮށް ނިކުންނަށް ކުރާ މަސައްކަތުގެ ތެރެއިން ރައީސް ނަޝީދާއި ގާސިމް އިބްރާހިމް ބައްދަލު ކުރައްވަމުން އެބަ ގެންދަވައެވެ.
އެމްޑީޕީގެ ރައީސް ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ބައްދަލު ކުރައްވަމުން ގެންދަވަނީ ޖޭޕީގެ އޮފީހުގައެވެ. މި ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން ޗެއާޕާސަން ހަސަން ލަތީފާއި، މުހައްމަދު ޝިހާބު ބައިވެރިވެވަޑައިގަންނަވައެވެ. އަދި ޖޭޕީގެ ފަރާތުން ޑރ.މުހައްމަދު ޖަމީލު އަހްމަދާއި، ކިނބިދޫ ދާއިރާ މެމްބަރު އަބްދުﷲ ރިޔާޒާއި، ކާނަލް މުހައްމަދު ނާޒިމްގެ އިތުރަށް ޕާޓޫީގެ ސެކެރެޓަރީ ޖެނެރަލް އަހްމަދު ސަމީރު ބައިވެރިވެވަޑައިގަންނަވައެވެ.
ކޯލިޝަނުގެ ތެރޭގައި ގޮނޑިތައް ބަހާނެ ގޮތަކާއިމެދު ގޮތްތަކެއް ނިންމިފައި ނުވާއިރު، އެމްޑީޕީއާއި ޖޭޕީގެ ހުށަހެޅުންތަކަށް ދެ ފަރާތުންވެސް ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ.
ކޯލިޝަނުގެ ހަތަރު ލީޑަރުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެމްޑީޕީގެ އޮފީހުގައި ބައްދަލު ކުރައްވާފައެވެ. އެހެން ނަމަވެސް ގޮނޑިތަކާމެދު ގޮތެއް ނުނިމި ބައްދަލުވުން ނިންމާލީ ހުކުރު ދުވަހު ގޮތެއް ނިންމާނެ ކަން އިއުލާން ކުރައްވަމުންނެވެ.
އެމްޑީޕީން ވަނީ އެޕާޓީން ވާދަ ކުރާނެ ދާއިރާތަކާއިމެދު ގޮތެއް ނިންމުމަށް އެޕާޓިގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް މިރޭ ބޭއްވުމަށް ހަމަޖައްސާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ