އިސްރާއީލުގެ އުދުވާނީ ސިފައިން ބަޑިޖަހައި ފަލަސްތީނު އަންހެނަކު ޝަހީދު ކޮށްލައިފި

ޣައްޒާ-އިސްރާއީލު ވަކިކުރާ އިމުގައި ޣައްޒާގެ އެތައްހާސް އާންމުން މިއަދު މުޒާހަރާ ކުރަމުންދަނިކޮށް، އިސްރާއީލުގެ އުދުވާނީ ސިފައިން ބަޑިޖަހައި ފަލަސްތީނު އަންހެނަކު ޝަހީދު ކޮށްލައިފިއެވެ.
ޣައްޒާ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު އަޝްރަފް އަލްގިދްރާ ވިދާޅުވީ، އިސްރާއީލު ސިފައިން ބަޑިޖަހައި މިއަދު ޝަހީދު ކޮށްލާފައިވަނީ އުމުރުން 43 އަހަރުގެ އަމަލް އައް-ތަރަސްމީ ނަމަކަށްކިޔާ އަންހެނެއް ކަމަށެވެ.
ޣައްޒާ ސިޓީގެ އިރުމަތީ ފަޅީގައި މުޒާހަރާ ކުރަމުންދަނިކޮށް އިސްރާއީލު ސިފައިން ބަޑިޖަހާފައިވަނީ އޭނާގެ ބޮލަށް ކަމަށްވެސް ގިދްރާ ވިދާޅުވިއެވެ.
މިއީ، ޣައްޒާގެ އާންމުން އިސްރާއީލާ ދެކޮޅަށް މިދިޔަ އަހަރުގެ މާޗްމަހުގެ 30 ވަނަ ދުވަހުން ފެށިގެން ކޮންމެ ހުކުރު ދުވަހަކު ކުރަމުންދާ މުޒާހަރާގެ ތެރޭގައި އިސްރާއީލު ސިފައިން ބަޑިޖަހައި މިހާތަނަށް ޝަހީދުކޮށްލި ތިންވަނަ އަންހެން މީހާއެވެ.
މުޒާހަރާތައް ފެށުނުފަހުން އިސްރާއީލުގެ އުދުވާނީ ސިފައިން ފިލާތިބެ އަސްލު ވަޒަން ބޭނުންކޮށްގެން ބަޑިޖަހައި މިހާތަނަށް ފަލަސްތީނުގެ 241 މީހުން ޝަހީދު ކޮށްލާފައި ވެއެވެ. އަދި އެތައްހާސް ބަޔަކު ޒަޚަމްވެސް ކޮށްލާފައި ވެއެވެ.
މިއަދުގެ މުޒާހަރާގެ ތެރެއަށް ބަޑިޖެހުމުން އެކަނިވެސް އިތުރު ފަންސަވީސް މީހުން ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.
މިއަދު ޒަޚަމްވި މީހުންގެ ތެރޭގައި މީޑިއާގައި މަސައްކަތްކުރާ ދެމީހަކާއި، ޕެރަމެޑިކް އޮފިޝަލަކުވެސް ހިމެނޭ ކަމަށް ހެލްތު މިނިސްޓްރީގެ ތަރުޖަމާނު ކަށަވަރު ކޮށްދެއްވާފައި ވެއެވެ.
އިސްރާއީލު އަސްކަރިއްޔާގެ ތަރުޖަމާނެއް ބުނެފައިވަނީ ޣައްޒާ-އިސްރާއީލު ވަކިކުރަން ޖަހާފައިވާ ފެންސު ކައިރިއަށް މިއަދު ފަލަސްތީނުގެ 13،000 މީހުން ޖަމާވެ މުޒާހަރާކުރަމުންދިޔަ ކަމަށެވެ.
"އެމީހުން ޓައިރު އަންދައި، ގެންދިޔައީ އިސްރާއީލު ސިފައިންނާ ދިމާއަށާއި، ފެންސާ ދިމާއަށް ގަލާއި، ގޮވާތަކެއްޗާއި އަތުބޮން އުކަމުން" އަސްކަރިއްޔާގެ ތަރުޖަމާނު ބުނެފައި ވެއެވެ.
އިސްރާއީލުން ފަހުންވަނީ، ޣައްޒާގެ ދެތަނަކަށް ވައިގެ ހަމަލާތަކެއްވެސް ދީފައެވެ. އެތަންތަނަކީ ހަމާސްއަށް ނިސްބަތްވާ ތަންތަން ކަމަށް ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ