ވިޔަފާރިތަކަށް ސަރުކާރުން ލިބެންޖެހޭ ފައިސާ ދައްކާ ނިންމަން އާ ތާރީހެއް!
ސަޕްލަޔަރުންގެ ބިލުތަކަށް ސަރުކާރު ކުންފުނިތަކުން ލިބެން ޖެހޭ ފައިސާ ދައްކާ ނިންމުމަށް ދެއްވި ތާރީހު އަނެއްކާ ވެސް ބަދަލުވެއްޖެ އެވެ.ސަރުކާރުގެ މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވާ އަމިއްލަ ކުންފުނިތަކަށް ދައުލަތުން ދޭންޖެހޭ ފައިސާ ނުދީ އެތައް އަހަރެއް ވެގެންގޮސްފައިވާއިރު އެއީ ކުންފުނިތަކަށް އޮތް މާލީ ބޮޑު ގޮންޖެހުމެއް ކަމަށް ވަނީ ވެފަ އެވެ. އެހެންވެ ގާނޫނާއި ގަވައިދުތަކާ އެއްގޮތަށް ސަރުކާރުގެ މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވާ އަމިއްލަ ކުންފުނިތަކަށް ދައުލަތުން ދޭންޖެހޭ ފައިސާ މިމަހުގެ ކުރިން ދީ ނިންމުމަކީ ރައީސް މުއިއްޒުގެ ވައުދެކެެވެ.ރޭ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އެކު ރައީސް ބޭއްވެވި ބައްދަލުވުމުގައި ވެސް ވިޔަފާރިވެރިންގެ މައިގަނޑު އެއް ޝަކުވާ އަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ލިބެން ޖެހޭ ފައިސާ ނުލިބި ދިގުލައިގެން ދިޔުމެވެ. އެއާ އެކު ވިޔަފާރިތަކަށް ކުރިމަތިވާ ގެއްލުމުގެ ވާހަކަ އެމީހުން ވަނީ ރައީސް އާ ހިއްސާކޮށްފަ އެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާ އެކު މިރޭ މާލޭގެ ސޯޝަލް ސެންޓަރުގައި ބޭއްވެވި ބައްދަލުކުރެއްވުމެއްގައި ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުންދަނީ މިމަސް ނިމުމުގެ ކުރިން ވީހާވެސް ގިނަ ބަޔަކަށް ފައިސާ ދޫކުރަން ކަމަށެވެ. އަދި ރަމަޟާން މަހުގެ ކުރިން ހުރިހާ ފައިސާއެއް ދައްކާ ނިންމަވާނެ ކަމުގެ ޔަގީންކަންވެސް ދެއްވެވި އެވެ.އަމިއްލަ ކުންފުނިތަކަށް ދައުލަތުން ދޭންޖެހޭ ފައިސާ ދެ ބިލިއަން ރުފިޔާއަށް ވުރެ އިތުރެވެ. "އަދި ހަމައެއާ އެކު ދެން ޖެނުއަރީ މަސް ތެރޭގައި ބާކީ އެމައުންޓުވެސް، ރޯދަ މަހާ ހަމައަށް ދާއިރު ކްލިއާ ކުރެވޭތޯ މި ބަލަނީ. ކްލިއާ ކުރާއިރު މީރާގެ ޕެންޑިންތަކަށް ވެސް، ތިޔަ ބޭފުޅުން ދައްކަން އޮތް އެއްޗަކަށް ވެސް ރަނގަޅު ހައްލެއް ގެނެސްދެވޭ ގޮތަށް،" ރައީސް ވިދާޅުވި އެވެ.ސަޕްލަޔަރުންގެ ބިލުތަކަށް ފައިސާ ދައްކައި ނިންމަން ރައީސް ވަނީ މި އަހަރު ތެރޭ ވެސް އެކި ފަހަރު މަތިން ތާރީހުތައް ދެއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ