ނޫސްވެރިކަން ކޮށްގެން ޖަލަށްލީ އަޅުގަނޑު، މަރުހަބާ މައުމޫން: ނަޝީދު

ނޫސްވެރިކަމަށް 75 އަހަރު ފުރުނު އަލިމަސްޔޫބިލްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަގުވަޒަން ނުކުރުމުން، އެމަނިކުފާނުގެ ޝުއޫރު ބަންޑުން ކޮށްލައްވައިފިއެވެ.
ނޫސްވެރިކަމަށް 75 އަހަރު ފުރުން ފާހަގަކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާގައި ކުރީގެ ރައީސް އަދި ރާއްޖޭގެ ނޫސްވެރިކަން އާ ހަރުފަތަކަށް ގެނައުމަށް މަސައްކަތް ކުރެއްވި ކަމަށް ގިނަ ބަޔަކު ގަބޫލުރި މުހައްމަދު ނަޝީދުގެ އަގުވަޒަން ނުކުރުމުން ގިނަ ބަޔަކު ދަނީ އެ އެވޯޑް ހަފްލާ އިންތިޒާމް ކުރި އެމްއެމްސީއަށް ފާޑު ކިއަމުންނެވެ. މީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ޝަރަފްވެރިކަމުގެ އަލިމަސް ގަލަމުގެ އެވޯޑް ދިނުމުން ފާޑުކިއުންތައް ވެސް އިތުރުވިއެވެ.
ތަފާތު ފަރާތްތަކުން ނަޝީދުގެ އަގު ވަޒަން ނުކުރުމުން ހިތްހަމަ ނުޖެހުން ފާޅުކުރަމުން ދަނިކޮށް ނަޝީދުވަނީ އޭނާގެ އުދާސްތައް ވެސް ޓްވިޓާގައި ބަންޑުންކޮށްލައްވާފައެވެ. ނަޝީދު ވިދާޅުވީ ނޫސްވެރިކަމުގެ މަސައްކަތުގެ ތެރޭގައި އެމަނިކުފާނު 14 ފަހަރަށް ވުރެ ގިނައިން ޖަލަށްލާ ތަފާތު އަދަބުތައް ދީފައިވާ ކަމަށެވެ. އަދި ނޫސްވެރިކަމުގެ ޝަރަފުވެރި އިނާމް ރައީސް މަައުމޫންއަށް ލިބިވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވާ ކަމަށެވެ.
ނަޝީދު ނޫސްވެރިކަމުގެ ދާއިރާއަށް ވަދެވަޑައިގަތީ މައުމޫން ވެރިކަމުގައި ހުންނަވަނިކޮށެވެ. އަދި އެކި ފަހަރު މަތިން އެމަނިކުފާނު ލިޔުއްވި ލިޔުއްވުންތަކުގެ ސަބަބުން ޖަލަށް ވަޑައިގެން އެތައް ދުވަހެއް ޖަލުގައި ހޭދަ ކުރައްވަން ޖެހިވަޑައިގަތެވެ.
ނުވަދިހައިގެ އަހަރުގެ ތެރޭގައި އެންމެ ވިދާލި ސަންގު ނޫހަކީ އެމަނިކުފާނުގެ ބުރަ މަސައްކަތުން ވުޖޫދަށް ގެންނެވި އަދި އެ ނޫހުގެ ނޫސްވެރިއެއްގެ ގޮތުގައި ވިދާލި އެކަކެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ސަންގު ބަންދު ކޮށް މިނިވަން ނަމުގައި ނޫހެއް ފައްޓަވާ ނޫސްވެރިކަމުގެ މަސައްކަތާއެކު ކުރިއަށް ވަޑައިގަތެވެ. އެ ނޫސް ހުއްޓާލެއްވީ 2008 ވަނަ އަހަރު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ ވެރިކަމާއި ހަވާލުވެވަޑައިގަތުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ