ދިވެހިރާއްޖެއަށް އެތެރެކުރެވޭ ނުރައްކާތެރި ކެމިކަލާއި އެއިން އުފެދޭ ކުނި ރައްކާތެރިގޮތުގައި ނައްތާލެވޭކަން ކަށަވަރުކުރަން ވިޔަފާރިތަކުން މުހިންމު ދައުރެއް އަދާކުރާކަމަށް މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރު އަލީ ޝަރީފް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އެވުޒާރާއިން އިސްނަގައިގެން ނުރައްކާތެރި ކުނި މެނޭޖް ކުރުމާއި ގުޅޭގޮތުން ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ދިވެހިރާއްޖޭގައި ނުރައްކާތެރި ކެމިކަލާއި އެއިން އުފެދޭ، ކުނި މެނޭޖް ކުރުމުގައި ހުރި މައްސަލަތަކާޢި ގުޅޭގޮތުން ތިމާވެއްޓާއި ބެހޭ ވުޒާރާއިން، އިސްނަގައިގެން ސިޔާސަތު ކަނޑައެޅުމާއި ބެހޭ މަޝްވަރާ ބައްދަލުވުމެއް ހޮޓެލް ޖެންގައި ވަނީ ބާއްވާފައެވެ. މި ބައްދަލުވުމުގައި ކަމާގުޅުން ހުރި އިދާރާތަކުގެ ފަންނީ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ބައްދަލުވުމުގައި ރާއްޖާގައި ނުރައްކާތެރި ކެމިކަލް ގެންގުޅުމާއި، އެތަކެއް ރައްކާތެރިކޮށް ބެލެހެއްޓުމުގައި ހުރި ހުރަސްތަކާއި މެދު ވަނީ މަޝްވަރާކޮށްފައެވެ. އަދި މިމައްސަލައަށް ދައިމީ ހޯދުމަށްޓަކައި، ކުރެވިދާނެ މަސައްކަތްތަކުގެ އޮނިގަނޑެއް އެކުލަވާލުމާއި، ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތަކާއި ގުޅޭގޮތުން މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.
ސިއްހީ ދައިރާ ހިމެނޭހެން އެކި ސިނާޢަތްތަކުން އެތެރެކުރާ ކެމިކަލްގެ ބާވަތްތަކަށް ރާއްޖެ ބަރޯސާވެފައިވާއިރު، ނުރައްކާތެރި ކެމިކަލްއާއި އެއާ ގުޅުންހުރި ކުނި މެނޭޖް ކުރުމަށް ގިނަ ގޮންޖެހުންތަކެއް ހުރި ކަމަށް، ތިމާވެއްޓާއި ބެހޭ ވުޒާރައިން ވިދާޅުވިއެވެ. މިގޮތުން ނުރައްކާތެރި ކުނި ނައްތާލުމަށް ރަށްރަށުގައި އެކަށީގެންވާ ވަސީލަތްތައް މަދުވުމާއި، ޖަޒީރާ ވަކި ރައްތަކެއްގެ މައްޗަށް އެކުލެވިފައި ރާއްޖެ އޮތުމާއި، އުފެދޭ ނުރައްކާތެރި ކުނީގެ މިންވަރު ދުވަހުން ދުވަހަށް އިތުރުވަމުންދާ ކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އެހެންކަމުން އިދާރީ ގޮތުން އަދި ޤާނޫނީ ގޮތުން ގެންނަން ޖެހޭ ބަދަލުތައް ގެނެސް އެކަން ވިލަރެސްކުރުން ހަރުދަނާ ކުރަންޖެހިފައިވާ ކަމަށް ބައްދަލުވުމުގައި ކުރިއަށް ގެންދެވުނު މަޝްވަރާތަކުގައި ފާހަގަކޮށްފައިވެއެވެ.
މި މަޝްވަރާތައް ބިނާވެފައިވަނީ، ނުރައްކާތެރި ކެމިކަލް ރާއްޖެއަށް އެތެރެކުރުމުން ފެށިގެން، އެ ތަކެތި ރައްކާކުރުމާއި، އުފުލުމާއި، ބޭނުންކުރުމުގެ އިތުރުން، ބޭނުންކުރުމަށްފަހު އުފެދޭ ކުނި ރައްކާތެރި ގޮތެއްގައި ބެލެހެއްޓުމާއި ނައްތާލުމުގެ ހަރުދަނާ މިންގަނޑުތަކުގެ މައްޗަށެވެ.
ނުރައްކާތެރި ކެމިކަލާއި ކުނި މެނޭޖުކުރުމާ ގުޅޭގޮތުން ހަރުދަނާ ޤައުމީ ސިޔާސަތުތަކެއް އެކުލަވައިލުމުގައި މި މަޝްވަރާތަކަކީ ނުހަނު ބޭނުންތެރި މަޝްވަރާތަކެއްކަން ފާހަގަކުރައްވައި، ކަމާގުޅުންހުރި މުހިންމު ފަރާތްތަކުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކަމަށްޓަކައި ތިމާވެށްޓާއި ބެހޭ ވަޒީރު ޢަލީ ޝަރީފް އެކަމަށް ޝުކުރު އަދާކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، ކެމިކަލް މެނޭޖުކުރުމަކީ ގިނަ މުއައްސަސާތަކަކާއި ދާއިރާތަކެއްގެ ބައިވެރިވުން ހިމެނޭ އެންމެންގެ ޒިންމާއެކަމަށާއި ކެމިކަލް އެތެރެކުރުމާއި އުފުލުމުން ފެށިގެން، ރައްކާތެރިކަމާއެކު ގުދަންކުރުމާއި، ބޭނުންކުރުމާއި އަދި ނައްތާލުމާ ހަމައަށް ހިނގާ ހުރިހާ މަރުޙަލާއެއްގައި މި ޒިންމާ އޮންނާނެކަމަށެވެ.
މީގެ އިތުރުން، ވިޔަފާރިތަކުން ރާއްޖެއަށް އެތެރެކުރާ ކެމިކަލްތަކުގެ މަޢުލޫމާތު ރަނގަޅަށް ދެނެގަތުމާއި، ކަމާގުޅޭ ޤަވާޢިދުތަކަށް ފުރިހަމައަށް އަމަލުކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް ވަޒީރުގެ ވާހަކައިގަ އަލިއަޅުވާލެއްވިއެވެ. ކެމިކަލް ގެންގުޅުމާއި، ގުދަންކުރުމާއި، އުފުލުމާއި އަދި ނައްތާލުމުގައި ރައްކާތެރި އުސޫލުތަކަށް ބޯލަނބާކަން ކަށަވަރުކުރުމުގައި ވިޔަފާރިތަކުން މުހިންމު ދައުރެއް އަދާކުރަންޖެހޭ ކަމަށް ވަޒީރު އަލީ ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ.
ނުރައްކާތެރި ކެމިކަލާއި ކުނި، ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީ، އާންމު ސިއްހަތާއި ތިމާވެށި ހިމާޔަތްކުރުމުގެ އިތުރުން، މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެއްކަން މި ބައްދަލުވުމުގެ ބައިވެރިން ވަނީ ފާހަގަކޮށްފައެވެ. މި މަޝްވަރާތަކުގެ އަލީގައި، މައިގަނޑު ތިން ދާއިރާއަކަށް އަމާޒުކޮށް އެކުލަވާލާފައިވާ ގައުމީ އެކްޝަން ޕްލޭނުގެ ދެލިކޮޕީއަށްވެސް ބައިވެރިން ވަނީ ޚިޔާލު ހުށަހަޅާފައެވެ. އަދި މި ޚިޔާލުތަކަށް ރިއާޔަތްކޮށް، ކުރިއަށް އޮތް ތަނުގައި މި ޕްލޭން ފައިނަލްކޮށް ނިންމުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާޢިން ވިދާޅުވިއެވެ.
މި އެކްޝަން ޕްލޭންގައި، ކަމާގުޅުންހުރި މުއައްސަސާތަކާއި ގުޅިގެން ކެމިކަލް މެނޭޖްކުރުމުގެ މަސައްކަތްތައް ގައުމީ ފެންވަރުގައި ވިލަރެސްކުރުމާއި، މިދާއިރާއިން އެކުލަވާލާފައިވާ ސިޔާސަތުތައް އެއްގޮތްކުރުމުގެ އިތުރުން، ކެމިކަލް މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި މުއައްސަސާތަކުގެ ފަންނީ ގާބިލުކަން އިތުރުކުރުން ހިމެނެއެވެ. މި ޕްލޭންގެ ތަންފީޒުކުރުމަށް ވަކި އިދާރާތަކަކާ ހަވާލުކޮށް، ވަކި މުއްދަތުތަކެއް ވަނީ ކަނޑައަޅާފައެވެ. އަދި މި މަސައްކަތްތައް ވިލަރެސްކުރުމުގެ އިސް ދައުރެއް އެ ވުޒާރާއިން އަދާކުރާނެ ކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މި ބައްދަލުވުމަކީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީތެރިކަމާއެކު ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) އާއި ގުޅިގެން ކުރިއަށްގެންދާ "އެލިމިނޭޓިންގ ޕާސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓްސް ތުރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް" މަޝްރޫއުގެ ދަށުން އިންތިޒާމުކުރި ބައްދަލުވުމެކެވެ. މި މަޝްރޫއުގެ ދަށުން ރާއްޖޭގައި ނުރައްކާތެރި ކެމިކަލާއި ކުނި މެނޭޖުކުރުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން، އައްޑޫ ސިޓީއާއި ރ. ވަންދޫގައި ކެމިކަލް ރައްކާކުރާނެ ވަގުތީ މަރުކަޒުތަކެއް ވެސް ގާއިމުކޮށްފައިވެއެވެ.
މި ބައްދަލުވުމުގައި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ، ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ، އަދި ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން، އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީ.އާރް.އޭ)، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ)، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ)، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)، މާލެ ސިޓީ ކައުންސިލް، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)، މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ އަދި ވިލާ ކޮލެޖުންވެސް މިމަޝްވަރާގައި ބައިވެރިވެވަޑައިގެންނެވިއެވެ.
"ނުރައްކާތެރި ކުނި ނައްތާލުން ކަށަވަރުކުރަން ވިޔަފާރިތައް މުހިންމު ދައުރެއް އަދާކުރޭ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ