މަސްވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ޚިދުމަތްތައް ކޮށްފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް އެވޯޑު ދީފިއެވެ.
މި އެވޯޑުތައް ލިބުނު ފަރާތްތަކާއި އެވޯޑު ހަވާލުކޮށްދެއްވީ، ގއ ގެމަނަފުށީގައި މިރޭ ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް އިބުރާހިމް މުހައްމަދު ޞާލިހެވެ.
މިއަހަރު ގއ އަތޮޅަށް ހާއްސަކޮށްގެން ދެ އެވޯޑެއް ދީފައިވެއެވެ. އެއީ އެންމެ ޒުވާން ކެޔޮޅުގެ އެވޯޑާއި އެންމެ ތަޖުރިބާކާރު ކެޔޮޅުގެ އެވޯޑެވެ.
ގއ އަތޮޅުން އެންމެ ޒުވާން ކެޔޮޅަކަށް މިއަހަރު ހޮވިފައި ވަނީ، ގއ ގެމަނަފުށީ ލިލީގޭ އަލީ އަކުބަރު (31އ) އެވެ. އޭނާ މަހަށްދާން ފަށާފައި ވަނީ އުމުރުން 19 އަހަރުގައެވެ.
ގއ އަތޮޅުން އެންމެ ތަޖުރިބާކާރު ކެޔޮޅަކަށް ހޮވުނީ، ގއ ދެއްވަދޫ އޯކިޑްމާގޭ އަލީ ނިޒާރު (61އ) އެވެ. މަސްވެރިކަމުގެ ދާއިރާގައި އޭނާ 49 އަހަރު މަސައްކަތްކޮށްފައި ވާއިރު އޭނާ މަހަށްދާން ފަށާފައި ވަނީ އުމުރުން އެންމެ 12 އަހަރުގައެވެ.
މިރަސްމިއްޔާތުގައި ވަނީ 2017 ވަނަ އަހަރު ކޭމްބްރިޖް އޯލެވެލް އިމްތިހާނުން މެރިންސައިންސްް މާއްދާއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ސުކޫލަކަށް ހޮވުނު، ގެމަނަފުށީ ސްކޫލަށްވެސް ހާއްސަ އެވޯޑެއް ދީފައެވެ.
މީގެ އިތުރުން މަސްވެރިކަމުގެ ތަފާސް ހިސާބު މައުލޫމާތު، މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް އެންމެ ރަނގަަޅަށް ދުވަހު މަސްރިޕޯޓު ފޮނުވާފައިވާ ދެ ފަރާތަކަށްވެސް ވަނީ ފައިސާގެ އިނާމާއި އެވޯޑު ދީފައެވެ،
މިގޮތުން މިއެވޯޑު ދީފައި ވަނީ، ސީ ކިންގ ފިޝް ދޯނީގެ އޮޑިވެރިޔާ ތ ވިލުފުށީ ގޯޅިތެރޭގޭ ޤާސިމް އާދަމަށާއި، އަލަމާ 6 ދޯނީގެ އޮޑިވެރިޔާ ދ މީދޫ އަލަމާގޭ އިބުރާހިމް ޢަލީ އަށެވެ.
މީގެ އިތުރުން ގއ ގެމަނަފުށީގައި މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ސަރުކާރުން ނިންމެވުމުން، ވަރަށް ކުރުމުއްދަތެއްގައި އެކަމަށް ތައްޔާރުވުމުގެ ގޮތުން ގެމަނަފުށީ ރައްޔިތުންގެ ފަރާތުން ކުރި މަސައްކަތްތަކުގެ އަގުވަޒަންކޮށްވެސް ވަނީ ހަނދާނީ ފިލައެއް ދީފައެވެ. މިހަނދާނީ ފިލަޔާއި ހަވާލުވެވަަޑައިގެންންނެވީ ގެމަނަފުށީ ކައުންސިލްގެ ރައީސް ޢަބުދުﷲ ޝިޔާހް އެވެ.
މިއީ ދިވެހިރާއްޖޭގެ މަސްވެރިންގެ ދުވަސް ރަސްމީގޮތެއްގައި ގއ ގެމަނަފުށީގައި ސަރުކާރުން ފާހަގަކުރި ދެވަނަ ފަހަރެވެ.
މަސްވެރިކަމުގެ ދާއިރާގެ ޚިދުމަތްތެރީންގެ އަގު ވަޒަންކޮށް އެވޯޑުދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ