ޝައުގުވެރިކަމެއް މަޖިލީހަކަށް ނެތް، އަމާޒު ސީދާ ރިޔާސީ އިންތިޚާބަށް: އުމަރު ނަސީރު

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން ނެތްކަމަށް ނިމިދިޔަ ސަރުކާރުގެ ހޯމް މިނިސްޓަރުކަން ކުރެއްވި އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.މީޑިޔާއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި އުމަރު ނަސީރު ވިދާޅުވީ، ޒިންމާދާރު އިދިކޮޅު ސިޔާސީ ފަރާތެއްގެ ގޮތުގައި ދެމިހުންނާނެ ކަމަށާއި، ނަމަވެސް އެއީ ސަރުކާރާ ދެކޮޅުވުން ނޫން ކަމަށެވެ. އަދި ރާއްޖެއަށް ގެންނަން ބޭނުންފުޅުވާ އިސްލާހީ ބަދަލަކީ މަޖިލީހުގެ ތެރެއިން ގެނެވޭނެ ބަދަލަކަށް ނުވާތީ މަޖިލިސް އިންތިޚާބަށް ޝައުގުވެރިކަން ނެތް ކަމަށް އުމަރު ވިދާޅުވިއެވެ. ރާއްޖެއަށް ގެންނަން ބޭނުންވާ ބަދަލު ގެނެވޭނެ ހަމައެކަނި ބޭފުޅަކީ ހުދު އެމަނިކުފާނުކަމަށާއި، އެއީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އާދެވިގެން ނޫނީ ނުވާނެ ކަމެއް ކަމަށް އުމަރު ވިދާޅުވިއެވެ. އަދި ބޭނުންވަނީ މި ޤައުމަކީ އަމާން ޤައުމަކަށް ހަދައިދޭން ކަމަށާއި، އެ މަޤްޞަދު ހާސިލުކުރުމަށްޓަކައި، އެ ސްޓޯރީ ލައިން ހިފައިގެން ދަތުރު ކުރައްވަމުން ގެންދަވާނީ ރިޔާސީ އިންތިޚާބަކާ ދިމާލަށް ކަމަށް އުމަރު ވަނީ ފާހަގަކުރައްވާފައެވެ. އުމަރު ވަނީ 2013 ވަނަ އަހަރުގައި ބޭއްވުނު ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ، ނާކާމިޔާބީއާއި ކުރިމަތިވެވަޑަގެންފައެވެ. ސިޔާސީ މައިދާނުގައި އުމަރުގެ އަޑު މަޑުވުމަށްފަހު އަނެއްކާވެސް އުމަރުގެ އަޑު ގަދަވަމުންދާކަމަށް ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ