ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ސިޔާސީ އެކި ބޭނުންތަކަށް ހައްޔަރުކޮށްފައިވާ ހުރިހާ ބޭފުޅުން މިނިވަންކުރުމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ގޮވާލައްވައިފިއެވެ.
އިސްލާހީ މަސައްކަތުގައި ރައީސް މައުމޫނާއެކު މަސައްކަތްކުރެއްވި ތިން ލީޑަރުންކަމަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބުދުﷲގެ ފޮޓޯފުޅުތަކަކާއެކު ރައީސް މައުމޫން ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ ސިޔާސީ ހުރިހާ ހައްޔަރީން މިނިވަންކުރުމަށް ގޮވާލައްވާފައެވެ.
ސިޔާސީ ހައްޔަރީން މިނިވަންކުރުމަށް ރައީސް މައުމޫން ގޮވާލައްވާފައިމިވަނީ އެމަނިކުފާނު އެއް އަހަރާ ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުން ބާތިލްކޮށްފައިވަނިކޮށެވެ.
ސިޔާސީ ބޭނުމަށް ރައީސް ޔާމީންގެ ސަރުކާރުން އިދިިކޮޅު ހުރިހާ ސިޔާސީ ލީޑަރުންނާއި، އެތައް މަޖިލީސް މެންބަރުނެއް، އަދި އިދިކޮޅު އެއްވުންތަކުން އެތައް ދިވެހި ރައްޔިތުނެއް ހައްޔަރުކޮށްފައިވާއިރު، އިދިކޮޅު ލީޑަރުންގެ މައްޗަށް ވަނީ ބޮޑެތި ހުކުމްތަކެއްވެސް އިއްވާފައެވެ. އަދި ސަރުކާރުން އެދޭގޮތައް މުއައްސަސާތަކުން ވަނީ އިދިކޮޅު ލީޑަރުން ސިޔާސީ މައިދާނުން އެކަހެރިކުރުމަށް މަސައްކަތްކޮށްފައެވެ.
ރައީސް ނަޝީދަށް 13 އަހަރުގެ ޖަލުހުކުމެއް، ޝައިޚް އިމްރާން އަބުދުﷲއަށް 12 އަހަރުގެ ޖަލު ހުކުމެއް އަދި ގާސިމް އިބްރާހިމްގެ މައްޗަށް 3 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، ދާދިފަހުން ހައިކޯޓުން ވަނީ ގާސިމް އިބްރާހިމް ކަފާލާތުގެ ދަށުން މިނިވަންކޮށްފައެވެ.
މީގެ އިތުރަށް ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބާއި، ކުރީގެ އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދާއި، ކުރީގެ ފަނޑިޔާރު އަލީ ހަމީދާއި، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި، ކުރީގެ ޕީޖީ މުހުތާޒް މުހުސިނާއި، ގާޒީ އަހުމަދު ނިހާން މިވަގުތުވެސް ތިއްބެވީ ޖަލު ހުކުމެއްގައެވެ. އަދި އިންތިޚާބުން ރައީސް ޔާމީން ބަލިވުމާއި ހަމައަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނާއި، މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު އަބުދުﷲ ސިނާނާއި، ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި، ކުރީގެ ސީޕީ އަހުމަދު އަރީފާއި، ރައީސް މައުމޫންގެ ދަނބިދަރިކަލުން މުހައްމަދު ނަދީމްވެސް ތިއްބެވީ ޖަލުގައި ބަންދުކުރައްވާފައެވެ. އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި، އެމަނިކުފާނުގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމްވެސް ބަންދުކޮށްގެން ޖަލުގައި ގެންގުޅެފައިވެއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ރެކޯޑް މިންވަރަކަށް ސިޔާސީ ލީޑަރުންނާއި، އާންމު ރައްޔިތުން ޖަލުގައި ބަންދުކޮށް ނުހައްގު އެތައް އަނިޔާތަކެއް ދީފައިވާއިރު، ސިޔާސީ ބޭނުމަށް ދައުވާއެއް ނުކޮށް އެތައް މަސްތަކެއް ވަންދެން ސިޔާސީ ބޭފުޅުން ބަންދުކޮށްގެން ވަނީ ގެންގުޅެފައެވެ.
ސިޔާސީ ހައްޔަރީން މިނިވަންކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ