ދައުލަތުގެ ބަޖެޓުގައި ރައްޔިތުން ހިތްހަމަޖައްސައިދިނުމަށް ބޮޑެތި އަދަދުތަކެއް ޖެހުމުގެ ބަދަލުގައި ބަޖެޓު އަންދާޒާ ކުރުން ހަރުދަނާ ކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ ބަޖެޓުގެ ގޮތުގައި މިއަހަރު ފާސްކުރި ބަޖެޓުގެ ޚަރަދުތައް އިތުރުވެ، ދައުލަތުގެ މިއަހަރުގެ ޚަރަދުތައް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސަޕްލިމެންޓަރީ ބަޖެޓު ދިރާސާކުރާ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ފައިސަލް ނަސީމް ވީނިއުސްއަށް ވިދާޅުވީ ކޮންމެ އަހަރަކުވެސް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީގެ 25 އިންސައްތަވެސް ނުލިބޭ ކަމަށެވެ. ފާއިތުވި ދެއަހަރުވެސް އެއަދަދުތަކާ ގާތަށްވެސް އާމްދަނީ ލިބިފައިނުވާ ކަމަށާއި ކޮންމެ އަހަރަކުވެސް އަހަރު ފަހުކޮޅަށް ދާއިރު ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅައި ސަޕްލިމެންޓަރީ ބަޖެޓެއް ފާސްކުރަން ޖެހޭ ކަމަށް ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ މިހެން ދިމާވަނީ ބަޖެޓު އަންދާޒާ ކުރުމުގައި ހަރުދަނާ އުސޫލެއް ނުގެންގުޅޭތީ ކަަމަށެވެ. ދައުލަތުގެ ބަޖެޓު އެކުލަވާލާއިރު ހިމަނަންޖެހޭނީ ހުވަފެނީ އަދަދުތަކުގެ ބަދަލުގައި ހަގީގީ އަދަދުތައް ކަމަށް އޭނަ ވިދާޅުވިއެވެ.
"ދައުލަތުގެ ބަޖެޓުގައި ނުޖެހޭ ރައްޔިތުން ހިތްހަމަޖައްސައިދޭން ބޮޑެތި އަދަދުތައް ޖަހާކަށް. އޭގައި ޖަހާފައި ހުންނަ އަދަދުތަކަކީ ހަގީގަތުގައި ވެސް ދައުލަތަށް ލިބޭނެ އަދަދުތަކަށް ވާންޖެހޭ. ސަރުކާރުން ބަޖެޓު އަންދާޒާ ކުރުމުގައި މިއަށްވުރެ ހަރުދަނާ އުސޫލެއް ގެންގުޅެން އެބަޖެހޭ" ފައިސަލް ވިދާޅުވިއެވެ.
2016 ވަނަ އަހަރާއި 2017 ވަނަ އަހަރުގެ ބަޖެޓުގައި ވެސް އެސްއީޒެޑާއި އެފަދަ އެނޫން ކަންކަމުން ދައުލަތަށް އެތައް ބިލިއަން ރުފިޔާއެއް ލިބޭނެ ކަަމަށް ވަނީ ލަފާކޮށްފައެވެ. އެގޮތުން އެސްއީޒެޑުގެ ދަށުން އަންނަ އިންވެސްޓްމަންޓްތަކުން އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި 500 މިލިއަން ރުފިޔާއާއި، ބިންވެރިކޮށްދީގެން 500 މިލިއަން ރުފިޔާއާއި، މާލެ ސަރަހައްދުން ކޮންސެޝަން ޗާޖެއް ނަގައިގެން 261 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވެއެވެ.
ފައިސަލް ވިދާޅުވީ ދައުލަތަށް އާމްދަނީ ހޯދުމުގައި ގެންގުޅޭ އުސޫލުވެސް ހަރުދަނާ ނޫން ކަމަށާއި ގައުމުގެ ބިންތަކާއި ފަޅުތައް ވިއްކާލައިގެން އާމްދަނީ ހޯދުމަށް ރާވާއިރު އެއީ އެއްފަހަރުން އޭގެ މަންފާ ލިބި ނިމޭނެ ކަންކަން ކަމަށެވެ. އަންނަން އޮތް ޖީލުތަކުންވެސް ގައުމަށް އާމްދަނީ ލިބޭނެ ގޮތްތައް ހޯދަންޖެހޭއިރު، ކޮންމެ ސަރުކާރަކުންވެސް މިފަދަ ކަންކަން ކުރަންޖެހޭނީ ދެމެހެއްޓެނިވި ގޮތަކަށް ކަމަށް ފައިސަލް ވިދާޅުވިއެވެ.
ސަޕްލިމެންޓަރީ ބަޖެޓުގެ ގޮތުގައި ހުށަހެޅި 493 މިލިއަން ރުފިޔާގެ ބަޖެޓުގެ ތެރޭގައި ހިމެނެނީ ސިއްހީ ދާއިރާގެ ޚިދުމަތްތަކަށް 330 މިލިއަން ރުފިޔާއާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާތީ އެދާއިރާތަކުގެ ބައި އިލެކްޝަން ބޭއްވުމަށް 26 މިލިއަން ރުފިޔާއާއި، ކާޑެއްދޫ އެއާޕޯޓް ހިންގުމާ ދިވެހި ސަރުކާރުން ހަވާލުވުމުން އެ އެއާޕޯޓް ހިންގުމަށް ބޭނުންވާ 40 މިލިއަން ރުފިޔާއާއި، ސުކޫލުތައް ޑިޖިޓަލް ކުރުމަށް ބޭނުންވާ 70 މިލިއަން ރުފިޔާއާއި، އެހެނިހެން ޚަރަދުތައް ހަމަޖައްސަން 27 މިލިއަން ރުފިޔާއެވެ.
ސްކޫލުތައް ޑިޖިޓަލް ކުރުމަށް ބަޖެޓުގައި ބޮޑު އަދަދެއް ހިމަނާފައިވާތީ ފައިސަލް ވިދާޅުވީ ސްކޫލުތައް ޑިޖިޓަލްކޮށް ޓެކްނޮލޮޖީގެ ގޮތުން ކުރިއެރުވުމަކީ ތާއީދު ކުރައްވާ ކަމެއް ކަމަށެވެ. ނަމަވެސް އެއަށްވުރެ އަސާސީ ކަންކަން ނުފުދި ތިބި ބަޔަކަށް ޑިޖިޓަލް ކޮށްގެން އޭގެ މަންފާ ކުރާނީ ކޮން ގޮތަކަށް ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.
"ބައެއް ސްކޫލުތައް އެބަހުރި ފުރާޅުން ވާރޭވެހޭ. ކުލާހުގައި ކިޔަވަން ނުތިބެވޭ ހާލަތުގައި ކުލާސްރޫމްތައް އެބަހުރި. އެހެންވީމަ އެހާލަތުގައި ދަރިވަރުން ތިބެގެން ޑިޖިޓަލް ކުރިޔަސް އޭގެ ބޭނުމެއް ނުހިފޭނެ" ފައިސަލް ވިދާޅުވިއެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވުމުން ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ހޯދުމަށް ބޭރުގެ ފަރާތްތަކާއެކު ކުރާ މަޝްވަރާތަކަށް ބުރޫއަރާ ކަމަށް ސަޕްލިމެންޓަރީ ބަޖެޓު ދިރާސާކުރާ ކޮމިޓީގައި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވަނީ ވިދާޅުވެފައެވެ. މިނިސްޓަރުގެ މިވާހަކަފުޅާ ގުޅިގެން ފައިސަލް ވިދާޅުވީ ގައުމުގެ ވެރިއަކަށް ބޭނުންވަނީ ތަފާތު ފިކުރުތައް ގޮވައިގެން އުޅެން އެނގޭ މީހެއް ކަމަށެވެ. ބޭރުގެ އިންވެސްޓަރުން ރާއްޖެއަށް އައުމަށް ފަސްޖެހެނީ ސަރުކާރުން އަމަލުކުރާ ގޮތުން ކަމަށެވެ. ދިވެހި ވިޔަފާރިވެރިންނާމެދު ސަރުކާރުން އަމަލުކުރަމުންދާ ގޮތް ބޭރުދުނިޔެއަށް ފެންނަ ކަމަށާއި ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ގެއްލެނީ އެފަދަ ކަންކަމުގެ ސަބަބުން ކަމަށް ފައިސަލް ވިދާޅުވިއެވެ.
ރައްޔިތުން ހިތްހަމަޖެއްސުމަށް ބަޖެޓުގައި ހުވަފެނީ އަދަދުތައް ޖަހާކަށް ނުޖެހޭ: ފައިސަލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ