އަބްދުﷲ ރިޔާޒު ޖަލުގައި ހުންނަވާތާ 150 ދުވަސް

ޖުމްހޫރީ ޕާޓީގެ ކުރީގެ ނައިބް ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ޖަލުގައި އޮންނަވާތާ މިއަދަށް 150 ދުވަސް ވެއްޖެ އެވެ.
ރިޔާޒު މިހާ ގިނަ ދުވަހު ޖަލުގައި ބަންދުކޮށްގެން ގެންގުޅެނީ އެއްވެސް ކުށަކާ ލައިގެން ނޫން ކަމަށް ބުނެ ރިޔާޒުގެ އާއިލާއިންނާއި، އެކުވެރިންނާއި، ސިޔާސީ ބޭފުޅުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ރިޔާޒު ހައްޔަރުކުރީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނިކޮށް މަޖީދީމަގާއި ޗާންދަނީ މަގު ގުޅުނު ހިސާބުގައި ހުންނަވަނިކޮށް މިދިޔަ މާޗް މަހުގެ ދެވަނަ ދުވަހު އެވެ.
ރިޔާޒު ޖަލުގައި ހުންނަވަނިކޮށް ދައުލަތުން ވަނީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތުކޮށް ރިޔާޒުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާ އުފުލާފަ އެވެ. އަދި މިމައްސަލާގައި ކޯޓުން ވަކި ހުކުމެއް ކުރަންދެން ރިޔާޒު ޖަލުގައި ބަންދުކޮށްފައި ބެހެއްޓުމަށްވެސް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ރިޔާޒު ހައްޔަރުކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށް ޖަލުގައި ބަންދުކޮށްފައިވާއިރު އެމަނިކުފާނަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކަށް އެކަށީގެންވާ ފަރުވާ ނުދޭ ކަމަށް ބުނެ އެމައްސަލާގައި ވެސް އާއިލާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ރިޔާޒު ޖަލަށްލުމުގެ ކުރިން އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލި ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާ ސާބިތު ނުވާ ކަމަށް ބުނެ ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމެއް ބާތިލްކޮށް އެމަނިކުފާނު ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ހައިކޯޓުން ވަނީ ރިޔާޒު ޖަލުގައި ހުންނަވަނިކޮށް މިދިޔަ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު ހުކުމްކޮށްފަ އެވެ.
މިމައްސަލަ މިދިޔަ ޖޫން މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައިވީ ނަމަވެސް މިއަދާ ހަމައަށްވެސް މިމައްސަލާގައި އެއްވެސް އަޑުއެހުމެއް ބާއްވާފައެއް ނުވެ އެވެ.
ރިޔާޒު ގެންދަވަނީ އެމަނިކުފާނުގެ މައްޗަށް ދައުލަތުން ކުރަމުންދާ ދައުވާތަކަށް އިންކާރުކުރައްވަމުންނެވެ.
ރިޔާޒު ޖަލުގައި ހުންނަވާތާ މިއަދަށް 150 ދުވަސްވުމާ ގުޅިގެން ރިޔާޒުގެ ބޭބެ އަދި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު އަހްމަދު ރިޔާޒު ވިދާޅުވީ އަބްދުﷲ ރިޔާޒު ޖަލަށް ލާފައިވަނީ ކުށެއް ކޮށްގެން ނޫން ކަމަށެވެ.
ރިޔާޒު ޖަލަށްލީ ރައީސް އަބްދުﷲ ޔާމީންގެ އަނިޔާވެރި ވެރިކަމާ ދެކޮޅަށް ފާޅުގައި ތެދުވެ ހައްގު ބަސް ބުނުމުން ކަމަށާއި ހައްގުގެ މަގުގައި ރިޔާޒު ހުންނަވަނިކޮށް މުޅި އުމުރަށް ޖަލަށްލީ ނަމަވެސް ރައީސް ޔާމީނަށް އަބްދުﷲ ރިޔާޒާއި އެމަނިކުފާނުގެ އާއިލާ އިން ދޫނުދޭނެ ކަމަށްވެސް އަހްމަދު ރިޔާޒު ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ