ރައްޔިތުންގެ މަޖިލީހުން މިހާރުގެ ރައީސް އަބުދުﷲ ޔާމީން ދުރުކުރަން ޖެހޭ ސަބަބެއް ނެތްކަމަށާއި، ރައްޔިތުންގެ ވޯޓުން އެވަނީ އެކަން ނިންމާފައި ކަމަށް އިދިކޮޅު މެންބަރުން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންނަށް މަޖިލީހުގެ ތެރޭގައި އޮތް ހުރަސްތަށް ނެތިގެންގޮސްފައިވާއިރު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކިނބިދޫ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒު ވިދާޅުވީ ރައްޔިތުން އެވަނީ ރައީސް ޔާމީނަށް އިތުބާރު ނެތްކަމަށް ނިންމައި ވޯޓުން ޔާމީން ވެރިކަމުން ދުރުކޮށްފައި ކަމަށެވެ.
މަޖިލީހުގެ ތެރެއިން ރައީސް ޔާމީނުގެ އިތުބާރުނެތްކަމަށް ނިންމާނެތޯ ނޫސްވެރިއަކު ސުވާލު ދެންނެވުމުން ރިޔާޒު ވިދާޅުވީ 87 އިންސައްތަ ރައްޔިތުން އެވަނީ ރައީސް ޔާމީނު ވެރިކަމުން ދުރުކޮށްފައި ކަމަށެވެ. އަދި އެކަމުގައި މަޖިލީހުން ގޮތެއް ނިންމަންޖެހޭނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށާއި، ދެން އޮތީ ރައީސް ޔާމީނު ރައްޔިތުންގެ ބަސް އަހައިގެން ރީތިގޮތުގައި އެކަން ނިންމަވާލެއްވުން ކަމަށެވެ.
"ދެން މިހާރު އެމަނިކުފާނު ތަންކޮޅެއް ހަޑިގޮތަކަށް ހުތުރުގޮތަކަށް އުޅުއްވާ މަންޒަރުވެސް އެބަފެނޭ. އެހެންވީމަ ރައީސެއް ކަންކުރައްވާ ގޮތާ ޚިލާފަށް މިހާރު ކުރިން ދެއްކެވި ވާހަކަ ހަނދުމަފުޅުނެތިގެން އެކަންކަން ކުރައްވާތަންވެސް ފެނޭ." ރިޔަޒު ވިދާޅުވި އެވެ.
ހުސްވި މަހުގެ 23ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާއަށް ބަލާއިރު އިންތިހާބު ކާމިޔާބު ކުރެއްވި ގުޅިފައިވާ ޕާޓީ ތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 134،705 ވޯޓް އެވެ. ޕީޕީއެމްގެ ކެންޑިޑޭޓް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ލިބިވަޑައިގެންނެވީ 96،052 ވޯޓް އެވެ.
މި ނަތީޖާ އާއި ގުޅިގެން އިންތިޚާބުގެ ބަލި ގަބޫލުކުރައްވާކަމަށް ވިދާޅުވުމަށްފަހު، ރައީސް ޔާމީން މިހާރު ގެންދަވަނީ އިންތިޚާބުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރިކަމަށް ފާޖަގަކުރެވޭ ކަމަށް ވިދާޅުވަމުންނެވެ. އަދި އެމަނިކުފާނު ވަނީ 96،000 ވޯޓަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ވޯޓުގެ އެންމެ މަދު މިންވަރު ނޫންކަމާއިމެދުވެސް މިހާރު ސުވާލު އުފެދޭކަމަށް ވިދާޅުވެފަ އެވެ.
ރައީސް ޔާމީންގެ އިތުބާރުނެތްކަމަށް ރައްޔިތުން އެވަނީ ނިންމާފައި: ރިޔާޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ