އެއާޕޯޓު އެޅޭނެ ކަމުގެ ފޮނި އުންމީދުގައި ހޯރަފުށީ ރައްޔިތުން!

ހއ ހޯރަފުށީގައި އެޅުމަށް ހަމަޖެހިފައިވާ އެއާރޕޯޓުގެ މަސައްކަތް ސަރުކާރުގެ ބަޖެޓްގައި ހިމަނާފައި ނެތަސް މިއަހަރުގެ މެދުތެރޭގައި އެއާރޕޯޓުގެ އަމަލީ މަސައްކަތް ފެށޭނެ ކަމުގެ އުންމީދު ވަރަށް ބޮޑަށް އެބައޮތް ކަމަށް ހޯރަފުށީ ކައުންސިލުން ބުނެފި އެވެ.
ހޯރަފުށީ ކައުންސިލްގެ ރައީސް އަލީ އާރިފް ވިދާޅުވީ ހޯރަފުށީ އެއާރޕޯޓުގެ މަޝްރޫއު ސަރުކާރުގެ ބަޖެޓްގައި ހިމަނާފައި ނެތަސް އެކަމާއި މެދު ކަންބޮޑު ނުވާ ކަމަށާއި، މީގެ ކުރިން ވެސް ބަޖެޓްގައި ހިމަނާފައިނުވާ އެތައް ކަމެއް ސަރުކާރުން ކޮށްފައި އެބައޮތް ކަމަށެވެ. އެހެން ކަމުން ހޯރަފުށީގެ އެއާރޕޯޓު އެޅޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އާރިފް ވިދާޅުވިއެވެ.
އެއާރޕޯޓު އެޅުމަށް ގިނަ މަޝްވަރާތަކެއް ސަރުކާރުގެ އިސްވެރިންނާއި އެކު ކުރާކަމަށާއި، ސަރުކާރުގެ ފުރިހަމަ އެއްބާރުލުން މިކަމަށް ލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އާރިފް ވިދާޅުވީ ހޯރަފުށީގެ އެއާރޕޯޓަކީ ހަމައެކަނި އެރަށުގެ އެއާރޕޯޓެއް ނޫން ކަމަށާއި، އެއީ އިހަވަންދިއްޕޮޅުގެ ހުރިހާ ރައްޔިތުންގެ އެއާރޕޯޓެއް ކަމަށެވެ.
އެއާރޕޯޓު އެޅުމަށް ހަމަޖެހިފައިވަނީ ހޯރަފުށީގެ ފަޅުތެރެ ހިއްކައި އެފަޅުތެރޭގައި އޮންނަ ފަޅުރަށެއް ކަމަށްވާ ހުވަހައްދޫ ހިމެނޭ ގޮތަށް ކަމަށް އާރިފް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ