"މާރިޔާ އަހުމަދު ދީދީއަށް ފުލައިޓު ޗާޓަރުކޮށްގެން ރިހާކުރު ފުޅިއެއް ފޮނުވާފައިވޭ"

ފުލައިޓު ޗާޓަރުކޮށްގެން ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީއަށް ރިހާކުރު ފުޅިއެއް ފޮނުވާފައިވާކަމުގައި ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ސަރުކާރުގައި ހިނގައިދިޔަ އެފްޕީއައިޑީ ވައްކަމާ ގުޅޭ ރިޕޯޓުގައި އޮންނާނެ ކަމަށް ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްުދުﷲ ވިދާޅުވެއްޖެއެވެ. ރައީސް މައުމޫނުގެ ވެރިކަމުގައި ހިނގައިދިޔަ އެފްޕީއައިޑީ ވައްކަމާ ގުޅިގެން އެއިރު މަޖިލިހުގެ ކޮމިޓީއަކުން ތައްޔާރުކުރި ތަހުޤީޤު ރިޕޯޓު މިހާރުވެސް އޮންނާނެތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަބްދުއްރާހީމް ވިދާޅުވީ އެރިޕޯޓު މިހާރުވެސް މަޖިލިހުގައި އޮންނާނެ ކަމަށެވެ. އަދި އެކަމާ ގުޅޭ ފުރިހަމަ މައުލޫމާތު މަޖިލިހުގެ މަރަދޫ ދާއިރާ މެންބަރު އިބްރާހީމް ޝަރީފު (މަވޯޓާ) އަށް އެނގިވަޑައިގަންނަވާނެ ކަމުގައި އަބްދުއްރަހީމް ވިދާޅުވިއެވެ. އަބްދުއްރަހީމް ވިދާޅުވި ގޮތުގައި އެފްޕީއައިޑީ މައްސަލައިގެ ރިޕޯޓު އޮންނާނެ ކަމުގައެވެ. އެރިޕޯޓު މަޖިލިހުގައިވެސް އޮންނާނެ ކަމުގައި ޢަބްދުއްރަހީމް ވިދާޅުވިއެވެ. އަދި އެރިޕޯޓު ހޯއްދަވާކަށް އެމްޑީޕީން މާ ބޮޑު މަސައްކަތެއްވެސް ކުރާކަށް ނުޖެހޭނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. އެރިޕޯޓު ރައީސް އޮފީހުގައިވެސް އޮންނާނެ ކަމަށާއި، އެފްޕީއައިޑީ ވައްކަމަކީ ދިވެހިރާއްޖޭގެ ތާރީޚުގައި ހިނގައިދިޔަ އެންމެ ބޮޑު ޚިޔާނާތް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. އެފްޕީއައިޑީ ރިޕޯޓު ފެނިއްޖެއްޔާ އެދުވަސްވަރު އިނގިރޭސިވިލާތުގައި ކިޔަވާވިދާޅުވާން ތިއްބެވި ބޭފުޅުންނަށް ރިހާކުރު ފުޅިއެއް ހިފައިގެން ދަތުރުކޮށްފައިވާ ވާހަކަވެސް އެރިޕޯޓުގައި ހުންނާނެ ކަމަށާއި، މިހާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެއިރު ހުންނެވީ އިނގިރޭސިވިލާތުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ރައީސް ޔާމީނުގެ މައްޗަށް އެމްޑީޕީން ތުހުމަތުކުރާ 800 މިލިއަންޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ މައްސަލައާ ގުޅޭ ރިޕޯޓެއް ހޯދުމަށް މަޖިލިހަށް ހުށަހެޅުއްވި މާފަންނު ހުޅަނގު ދާއިރާ މެންބަރު މުޙައްމަދު ފަލާޙުގެ ބޭބެ މާކުން ސައްތާރަކީ އެފްޕީއައިޑީ ވައްކަމުގައި އިސްކޮށް ހުންނެވި ބޭފުޅާ ކަމުގައާއި، އޭނާ އެއިރު ކާވެނިކުރައްވައިގެން އުޅުއްވީ މާރިޔާއާ ކަމުގައިވެސް އަދުރޭ ވިދާޅުވިއެވެ. އަދި ފުލައިޓު ޗާޓަރުކޮށްގެން ރިހާކުރު ފުޅިއެއް އިނގިރޭސިވިލާތަށް ފޮނުވި ވާހަކަ އެފްޕީޑީ ޚިޔާނާތުގެ ރިޕޯޓުގައި އޮންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރަށް އަދުރޭ ވިދާޅުވީ އެރިހާކުރުގެ ރަހަ މިހާރުވެސް މާރިޔާގެ ކަރުބުޑުން ނުފިލައި ހުންނާނެ ކަމުގައެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ