ދެކުނަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފި

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ދެކުނަށް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އޮފީހުން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއުރު ރާއްޖޭގެ ދެކުނުގެ ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި މިއަދު ހެނދުނު 08:30 ން ފެށިގެން މެންދުރުން އަނބުރައި 14:00އާ ހަމައަށް ހުވަދު އަތޮޅު އުތުރުބުރިން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މެޓް އޮފީހުން ވަނީ ވައިޓް އެލަރޓްވެސް ނެރެފައެވެ.
މިސަރަޙައްދަށް ވައިޖެހޭނެކަމަށް ލަފާކުރެވެނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައެވެ.  ވިލާގަނޑުގައި ގާތްގަނޑަކަށް ގަޑިއަކު 30 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް މެޓު އޮފީހުން ލަފާކުރެއެވެ. އަދި ދެކުނުގެ ބައެއް ރަށްރަށަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާކަމަކަށްވާތީ މޫސުމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ.
ރާއްޖޭގެ އެހެން ހިސާބުތަކަށް ޢާއްމުގޮތެއްގައި މޫސުން ރަނގަޅުވާނެކަމަށް އެއޮފީހުން ލަފާކުރެއެވެ. އަދި އެހެން ހިސާބުތަކަށް ވައިޖެހޭނެކަމަށް ލަފާކުރެވެނީ އިރުއުތުރާއި އިރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ