ޝަކުވާތަކުގެ ޖަވާބު ދިން ކަމަށް ފުލެޓު ކޮމިޓީން ބުނި ނަމަވެސް ގިނަ ބަޔަކަށް ޖަވާބެއް ނުލިބޭ

ހިޔާ ފުލެޓުގެ ޙައްޤުވެރިންގެ ވަގުތީ ލިސްޓާ ގުޅިގެން އާންމުން ހުށަހެޅި ޝަކުވާތަކަށް ޖަވާބުދީފައިވާނެ ކަމަށް ފުލެޓު ކޮމިޓީން ބުނި ނަމަވެސް ގިނަ ބަޔަކަށް އަދިވެސް ޖަވާބެއް ނުލިބޭ ކަމަށް ފުލެޓު ގެއްލުނު ފަރާތްތަކުގެ ހައްގުގައި މަސައްކަތްކުރާ އާންމުންގެ އެކުވެރިކަމުގެ ގުޅުން (އޭއީޖީ)އިން ބުނެފިއެވެ.
އޭއީޖީ ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި އެ ޖަމްޢިއްޔާގެ ވަގުތީ ރައީސް މިދުއަމް ސަޢުދު "ދިޔަރެސް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފުލެޓު ކޮމިޓީން "މިހާރު" ނޫހަށް މައުލޫމާތު ދެމުން ފުލެޓު ލިސްޓާ ގުޅިގެން ހުށަހަޅާފައިވާ ޝަކުވާތަކަށް ޖަވާބު ދީފައިވާނެ ކަމަށް އެ ކޮމިޓީގެ މެންބަރު ޠާހާ ވިދާޅުވެފައިވީ ނަމަވެސް ގިނަ ބަޔަކަށް ޖަވާބު ނުލިބޭ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ މިހާރު ނޫހުގައި ލިޔެފައިވާ ލިޔުމުގެ ސުރުޚީގައިވަނީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. ފުލެޓު ކޮމިޓީން ޖަވާބު ނުލިބޭ ގިނަ ބައެއްގެ ޝަކުވާތައް އެ ޖަމްޢިއްޔާއަށް މިހާރުވެސް ލިބިފައިވާކަން ފާހަގަކުރައްވަމުން މިސާލެއްގެ ގޮތުގައި މިދުއަމް ފާހަގަކުރެއްވީ ކުރީ ސަރުކާރުން ފުލެޓު ދިން ނުކުޅެދުންތެރިކަން ހުންނަ ކުއްޖެ ކަމުގައިވާ އާނިސްގެ ޢާއިލާއިން ހުށަހެޅި ޝަކުވާގެ ޖަވާބު ނުލިބޭ ކަމެވެ.
ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި ބިނާކުރެއްވި ހިޔާ ފުލެޓުތަކަކީ "ކޮތަރު ކޮށިތަކެއް" ކަމުގައި ޞިފަކޮށް އެތަންތަނަކީ އިންސާނުންނަށް އުޅެން ހެޔޮވާވަރު ތަންތަން ނޫން ކަމުގައި ބުނެ، ކުރީ ސަރުކާރުން ފުލެޓު ދިނީ ބޭއިންސާފުން ކަމަށް ތުހުމަތުކޮށް، މި ސަރުކާރުން އަލުން ފުލެޓު ހައްގުވެރިންގެ ލިސްޓު އެކުލަވައިލިއިރު، ވަރަށް ގިނަ ނިކަމެތި ޢާއިލާތަކަށް ކުރިން ލިބުނު ފުލެޓު އަތުލާފައިވާކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ