މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން[އެމްއެމްޕީއާރުސީ] މެދުވެރިކޮށް ހިންގި 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ތެރެއިން ކުރީގެ ގާޒީ ޢަބްދުލްބާރީ ޔޫސުފުގެ އަނބިކަނބަލުންނަށް ރެހެންދިން ފްލެޓެއް ބައްލަވައިގަތް ކަމަށް ޚިޔާނާތުގައި ހިމެނޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.
ގާޒީ ބާރީ ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން އޭނާއަށް ތުހުމަތު ކުރެވޭ މައްސަލަތަކާއެކު މހަފްތާގައި މަގާމުން ވަކިކޮށްފަ އެވެ.
ބާރީގެ މައްސަލަތައް ބަލައި ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީން) ބުނެފައިވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިޔާނަތްތެރިވި ފައިސާއިން މާލީ މަންފާ ހޯދިކަމަށް ބުނާ ފަނޑިޔާރުންގެ ތެރެއިން ގާޒީ ބާރީގެ މައްޗަށް ޖިޏާއީ ތަހުގީގެއް ހިންގޭ ވަރަށް މައުލޫމާތު ލިބިފައިވާތީ އޭނާ ވަކި ކުރަން ނިންމީ ކަމަށެވެ. ޖޭއެސްސީއިން ބެލި މައްސަލަތަކުގައި ވެސް ބާރީއަށް ފްލެޓެއް ބޭނުންވުމުން، އޭނާގެ އަނބިކަނބަލުންގެ ނަމުގައި ފްލެޓެއް ހަމަޖައްސައިދިނުމަށް ނިންމިކަން ވަނީ ހާމަ ވެފަ އެވެ.
އެމްއެމްޕީއާރުސީގެ މައްސަލައިގައި އަދީބު ދެއްވި ސިއްރު ބަޔާނުގައި ވިދާޅުވެފައިވާ ގޮތުން އެ ދުވަސްވަރު ކްރިމިނަލް ކޯޓުގައި ހިންގި ޝަރީއަތްތައް ސަރުކާރުން ބޭނުންވި ގޮތަށް ނިންމެވި ފަނޑިޔާރުންނަށް ޕްރޮމޯޝަން ދެއްވި އިރު އެކަން ބާރީއަށް ހަމަޖައްސައި ނުދެއްވުމުން ބާރީ އެދިވަޑައިގެންނެވީ ފްލެޓަކަށް ކަމަށެވެ. އެހެންކަމުން ރެހެންދިން ބާރީގެ އަނބިކަނބަލުންގެ ނަމުގައި ފްލެޓެއް ހަމަޖެއްސެވީކަމަށް އަދީބުގެ ސިއްރު ބަޔާނުގައި ވިދާޅުވި އެވެ.
ބާރީގެ މައްޗަށް ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް 13 އަހަރުގެ ހުކުމްކުރުމުގެ ކުރިން އެ މައްސަލައިގެ ޙުކުމުގެ ކޮޕީއެއް އަދީބަށް ދެއްވިކަމުގެ ތުހުމަތު ވެސް ޖޭއެސްސީން ކޮށްފައެވެ. އެކަމުގެ ތަފްސީލުވެސް އަދީބު ވަނީ ސިއްރު ބަޔާނުގައި ދެއްވާފަ އެވެ.
އަދީބު ވިދާޅުވި ގޮތުން ރައީސް ނަޝީދަށް ހުކުމް ކުރުމުގެ ކުރިން އެ ހުކުމް އެނގެން ބޭނުންވާ ކަމަށް އޭނާ ދެންނެވުމުން އޭރުގެ ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ ދީދީ ވަނީ އެކަން ހަމަޖެހޭނެ ކަމަށާއި އޭރުގެ ގާޒީ ބާރީ އަރިހަށް ހުކުމްގެ ކޮޕީ ބަލާ ފޮނުވުމަށް އެދިލައްވާފައި ކަމަށެވެ. ގާޒީ ބާރީ އެހުކުމުގެ ކޮޕީ ދެއްވި ކަމަށާއި އެ ކޮޕީ ރައީސް އަބްދުﷲ ޔާމީނަށް ދެއްވި ކަމަށް އަދީބު ވިދާޅުވި އެވެ.
އޭރު ހުކުުމުގައި އޮތީ 10 އަހަރު ކަމުގައި ވިއަސް ރައީސް ޔާމީން ބޭނުންވެލެއްވީ ރައީސް ނަޝީދަށް 13 އަހަރުގެ ޖަލުހުކުމެއް ކުރެއްވުމަށާއި އެކަން ހަމަޖެހިފައިވާ ކަމަށް ޔާމީން ވިދާޅުވި ކަމަށް އަދީބު ވިދާޅުވި އެވެ.
އަދީބު ބުނެފައިވާ ގޮތުގައި ފަނޑިޔާރުންނާ ބައްދަލު ކުރެއްވުމަށް އާންމުކޮށް ވަޑައިގަންނަވަނީ މިފްކޯ މަސްފިހާރަ ބިއްދޮށުގައި ހަދާފައި ހުންނަ އަދީބުގެ ގަރާޖަކަށެވެ. ޝަޓަރ ހަރުކޮށްފައި ހުންނަ މި ގަރާޖަށް ފަނޑިޔާރުންނާއި އަދީބު ކާރުކޮޅުގައި ވަޑައިގަތުމުން ޝަޓަރ ތިރި ކުރުމަށްފަހު މުޙައްމަދު ހުސައިން (އޮއިއްޓޭ) ބޭރުގައި މަޑުކޮށްގެން ހުންނަ ކަމަށް އަދީބުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
އަދީބުގެ ކާރު ޕާކްކުރާ ގަރާޖުގައި އިތުރު ފަނޑިޔާރުންތަކަކާއެކު ބޭއްވި ބައްދަލުވުންތަކެއްގައި ބާރީ ބައިވެރިވިކަމަށް ވެސް ޖޭއެސްސީއިން ވަނީ ބުނެފަ އެވެ.
އެކަމާއި ގުޅިގެން އަދީބުގެ ސިއްރު ބަޔާނުގައި ވިދާޅުވެފައިވަނީ އަދީބު ފާހަގަ ކުރެއްވި ގޮތުގައި ގަރާޖުގައި އެންމެ ގިނައިން ބައްދަލު ކުރެއްވި އެއް ފަނޑިޔާރަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ޙަމީދުއެވެ. އަދި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދުގެ އިތުރުން، ޖުވެނައިލް ކޯޓުގެ ގާޒީ ބާރީއާވެސް ބައްދަލު ކުރެއްވި ކަމަށާއި، އެހެން ނަމަވެސް ހައިކޯޓުގެ އެއްވެސް ފަނޑިޔާރަކާ ބައްދަލު ކުރައްވާފައި ނުވާނެ ކަމަށް އަދީބު ވިދާޅުވި އެވެ.
މީގެ އިތުރުން އަދީބުގެ އަތުން 500,000.00 (ފަސް ލައްކަ) ދިވެހި ރުފިޔާ ނެންގެވި ކަމަށާއި ބާރީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ފްލެޓް ގަތުމަށް އެޑްވާންސަށް 600،000.00 (ހަ ލައްކަ ރުފިޔާ) ނަގުދު ފައިސާއިން ދެއްކި ކަމަށް ޖޭއެސްސީއިން ވަނީ ބުނެފަ އެވެ. އެއީ އޭނާ ނާޖާއިޒު ގޮތުގައި ހޯދައިފައިވާ ފައިސާ ޖޭއެސްސީއިން ބުނެ އެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތް: ގާޒީ ބާރީގެ އަނބިކަނބަލުންނަށް ރެހެންދިން ފްލެޓެއް؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ