ލ. އަތޮޅުގެ ސްކޫލްތަކަށް ވެސް ސްކޫލް އެޑޮޕްޝަން ޕްރޮގްރާމް ފަށައިފި

އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ސްކޫލްތަކުގެ ނަތީޖާ ރަނގަޅު ކުރުމަށްޓަކައި ލ. އަތޮޅުގެ ސްކޫލްތަކަށް ޚާއްސަކޮށްގެން ސްކޫލް އެޑޮޕްޝަން ޕްރޮގްރާމް ފަށައިފިއެވެ.
ވަކިވަކި އަތޮޅުތަކަށް ޚާއްޞަކޮށްގެން ސިލްސިލާގޮތެއްގައި ކުރިއަށްގެންދާ ސްކޫލް އެޑޮޕްޝަން ޕްރޮގްރާމަކީ ސްކޫލްތަކުގައި 5 މާއްދާއިން ފާސްވާ ދަރިވަރުންގެ ޢަދަދު އިތުރުކޮށް އަދި ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ ދަށުން ވޭތުވެ ދިޔަ އަހަރުތަކުގެ ސްކޫލްތަކުގެ ވަކި ވަކި ނަތީޖާތަކާއި މެދު މަޝްވަރާކުރެވި، މި ނަތީޖާތަކުގެ އަލީގައި ކުރިއަށް އޮތްތަނުގައި ކިޔަވައިދިނުމުގައި އިތުރަށް ސަމާލުކަންދޭންވީ ކަންކަން ފާހަގަކުރެވި އެކަމަށްޓަކައި މަސައްކަތްކުރެވިގެންދާނެއެވެ.
މީގެ އިތުރުން މި ޕްރޮގްރާމްގެ ދަށުން، ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި މަހަކު އެއްފަހަރު ބައްދަލުކުރެވި، މަހުން މަހަށް ސްކޫލްތަކުގެ ނަތީޖާތައް އަޅާ ކިޔައި، އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ކިޔަވައިދިނުމުގައި އިތުރަށް ސަމާލުކަން ދޭންވީ ކަންކަން ފާހަގަކުރެވި ނަތީޖާ ހާސިލްކުރުމަށް މަގުފަހި ވެގެންދާނެ އެވެ.
މިނިސްޓަރ ޑރ. އާއިޝަތު ޝިހާމްގެ ޚާއްޞަ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ޘާނަވީ ތަޢުލީމު ނިންމުމުގެ އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންނަށް ގޮތްތަކެއް ހޯދައިދިނުމެވެ.
ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ސްކޫލް އެޑޮޕްޝަން ޕްރޮގްރާމް އެންމެ ފުރަތަމަ ކުރިއަށް ގެންދިޔައީ ކ. އަތޮޅުގެ ސްކޫލްތަކަށް ޚާއްސަކޮށްގެންނެވެ. ޚާއްޞަ ސަމާލުކަމެއް ދީގެން ކުރެވުނު މަސައްކަތްތަކުން، ކ. އަތޮޅުގެ ހުރިހާ ސްކޫލަކުންވެސް މިދިޔަ އަހަރުގެ ޘާނަވީ ތަޢުލީމް ނިންމުމުގެ އިމްތިހާނުން ވަނީ ފާހަގަކޮށްލެވޭ ފަދަ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.
ކ. އަތޮޅުގެ ސްކޫލްތަކުގެ ކާމިޔާބަށް ބަލައި މިއަހަރުގެ ސްކޫލް އެޑޮޕްޝަން ޕްރޮގްރާމް އއ. އދ. ނ. ބ. އަދި ސ. އަތޮޅަށް ފަށާފައިވާއިރު، ހދ. އަތޮޅުގެ ސްކޫލްތަކަށްވެސް ކައިރި މުސްތަޤުބަލުގައި މި ޕްރޮގްރާމް ފަށާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ