މަސީޙް ވަކިކުރެވޭ ވަރަށް ވޯޓު ހަމަވެއްޖެ - ފާރިސް މައުމޫން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު މަގާމުން ދުރުކުރުމަށް ބޭނުންވާ އަދަދަށް ވޯޓު ހަމަކުރެވިފައިވާކަމަށް މި މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފާރިސް މައުމޫން ވިދާޅުވީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރުކުރުމަށް ފަށާފައިވާ މަސައްކަތަކީ ވަރަށް މުހިންމު މަސައްކަތެއްކަމަށާއި, އެ މަސައްކަތުގައި މަޖިލީހުގެ ގިނަ މެންބަރުންގެ ތާއީދު ލިބޭނެކަމަށެވެ.
ފާރިސް ވިދާޅުވީ މަސީހު ވަކިކުރަން ބޭނުންވަނީ 42 މެންބަރުންގެ ވޯޓްކަމަށާ އެއަށްވުރެ ގިނަ މެންބަރުން މަސީހު މަގާމުން ދުރުކުރުމަށް ވޯޓް ދެއްވާނެކަން ޔަގީންކުރައްވާ ކަމަށެވެ.
މަސީހު ރިޔާސަތުގައި އިންނަވައިގެން މުޅި ނިޒާމު ހަރާބުކުރައްވާކަމަށާއި, ގައުމު ހަމަމަގަށް އެެޅުވޭނީ އޭނާ މަގާމުން ދުރުކޮށްގެންކަމަށް ފާރިސް ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި ފަށާފައިވާ މަސައްކަތް ކާމިޔާބުވާނެކަމަށް ވަރަށް ޔަގީންކަމާއިއެކު ފާރިސް ވިދާޅުވިއެވެ.
ފާރިސް ވިދާޅުވީ މަސީހު މަގާމުން ދުރުކުރުމަށްފަހު މަޖިލީހުގެ ތެރެއިން މަސީހު އިސްވެހުރެ ކުރައްވާފައިވާ ނުރަނގަޅު ހުރިހާ ކަމެއް ރަނގަޅު ކުރުމުގެ މަސައްކަތް ކުރާނެކަމަށެވެ. އަދި އެކަމަށްޓަކައި މަޖިލީހުގެ އަގްލަބިއްޔަތުވެސް އިސްލާހަށް މަސައްކަތް ކުރާ ފަރާތްތަކުން ހޯދާނެކަމަށް ފާރިސް ވިދާޅުވިއެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅާފައިވަނީ 26 މެންބަރުންގެ ސޮޔާއިއެކުގައެވެ.
ސަރުކާރަށް ތާއީދުކުރާ މެންބަރުން ވިދާޅުވީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެއިލްކޮށްލާނެކަމަށެވެ. އަދި އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކޮށްފައިވާ 26 މެންބަރުންގެ ތެރެއިން 15 މެންބަރުން މިހާރުވެސް ތިބީ އެ މެންބަރުން ކުރި ސޮއި އަނބުރާ ގެންދިއުމަށް ތައްޔާރަށްކަމަށް ސަރުކާރަށް ތާއީދުކުރާ ބައެއް މެންބަރުން ވަނީ ވިދާޅުވެފައެވެ.
މައްސަލައަށް ތާއީދުކުރައްވާކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ. މައުމޫން ވިދާޅުވީ މަސީހު ވަނީ ގާނޫނީ ތަރަހައިން ބޭރުން މަސައްކަތްތައް ކުރައްވާފައިކަމަށާއި, އެެހެންކަމުން އޭނާ މަގާމުން ދުރުކުރުމަށް ވަރަށް ބޮޑަށް ތާއީދުކުރައްވާކަމަށެވެ.
އޭގެ އިތުރުން, މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅިގެން އަދާލަތު ޕާޓީން ބުނެފައިވަނީ މަސީހު މަގާމުން އަޒުލުކުރުމަކީ ދިވެހި ގައުމުގެ އެންމެ މަތީ މަސްލަހަތު ހިމެނޭ ކަމެއްކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ