ރާއްޖޭގައި ހުރީ ޝަރީޢާ ކޯޓުތަކެއް ނޫން، އެތަނަށް މީހުން ލާނީ ޤާނޫނުގައި އޮތް ގޮތަށް – އިބްރާ

ދިވެހިރާއްޖޭގައި ހުރީ ޝަރީޢާ ކޯޓުތަކެއް ނޫން ކަމަށާއި ރާއްޖޭގެ ހުރީ ޤާނޫނީ ކޯޓުތަކެއް ކަމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރައީސް ކަން ވެސް ކުރިން ކޮށްފައިވާ އިބްރާ ކުރި ޓްވީޓެއްގައި ވިދާޅުވީ "ދިވެހިރާއްޖޭގައި ހުރީ ޝަރީޢާ ކޯޓެއް ނޫން. ޤާނޫނީ ކޯޓު. އެތަނަށް މުވައްޒަފުން ލާނީ ޤާނޫނުގައި ވާގޮތައް." ކަމަށެވެ.
ޝަރީޢާ އާއި ޤާނޫނަކީ ވަރަށް ތަފާތު ދެއެއްޗެއް ކަމަށް ވެސް އިބްރާ ވިދާޅުވިއެވެ.
އިބްރާ މީގެ ކުރިން އިސްލާމްދީނާއި ގުޅޭ ގޮތުން ދައްކަވާފައިވާ ތަފާތު ވާހަކަތަކާއި ގުޅިގެން ވެސް އިލްމުވެރިންނާއި، އެތައް ދިވެހިންނެއް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ދެ އަންހެނަކު އައްޔަން ކުރަން ރައީސް ޞާލިހް ނިންމެވުމުން ވަރަށް ގިނަ އިލްމުވެރިން ގެންދަވަނީ އެކަމާއި ދެކޮޅު ހައްދަވަމުންނެވެ.
އަންހެނުން ފަނޑިޔާރުކަން ކުރުން ހުއްދަ ނޫންކަމަށް ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެމަތީ މަޖިލީހުގެ މެންބަރުން ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތާއި އިލްމުވެރިންގެ އިޖުމާޢުއާއި އިލްމުވެރިންގެ ބަސްފުޅުތަކުގެ އަލީގައި ވަނީ ކަނޑައަޅުއްވާފައެވެ.
ނަމަވެސް ފަތުވާ މަޖިލީހުގެ ނިންމެވުމާއި، ދީނީ އިލްމުވެރިންގެ ބަސްފުޅުތަކަށް ގޮންޖެހުމަށް ފަހު ޖޭއެސްސީ އިން ވަނީ ދެބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަން ކުރަން ރުހުން ދީފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ އަންނަ ހޯމަ ދުވަހުގެ ކުރިން އެދެބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަން ކުރައްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ