ތުޅާދޫ ސްކޫލް ކުދިންނަށް ދިމާވި މައްސަލަ ހައްލުކޮށްފި

ބ. ތުޅާދޫ ސްކޫލުގެ ދަރިވަރުން ސްކޫލުގެ ތެރޭގައި ހޭނެތޭ މައްސަލަ ހައްލުކޮށްފި އެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ އަހުމަދު އަލީ މިއަދު "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކުދިން ހޭނެތޭ މައްސަލަ މިހާރު ހައްލުކޮށް މިހާރު އެ ސްކޫލުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ކައުންސިލިން ދެމުންގެންދާ ކަމަށެވެ. "ތުޅާދޫ ސްކޫލުގައި މިވަގުތު ތިބި ހާއްސަ ޓީޗަރުން މެދުވެރިކޮށް ކައުންސިލިން ދެމުންގެންދަނީ. ދެން އެ ދަރިވަރުންނަށް ބޭނުންވާ އިތުރު ފަރުވާ ފަދަ ކަންތައްތައް ބަލައި އެކަމުގެ އިންތިޒާމްތައް ވެސް މިހާރު ރާވަމުން ދަނީ،" އަހުމަދު ވިދާޅުވި އެވެ. ތުޅާދޫގެ ބެލެނިވެރިން ބުނާ ގޮތުގައި ދަރިވަރުން ހޭނެތުމުގެ މައްސަލަ ދިމާވަނީ ޖިންނި ޝައިތޯނުންގެ އުނަދަގޫތައް ދިމާވެގެންނެވެ. އަދި އެހެން ދިމާވަނީ އެ ސްކޫލުގައި ހުންނަ ނިކަގަހަކުން ކަމަށް ބުނެ އެ ގަސް ކަނޑާލުމަށް ވެސް ބެލެެނިވެރިންވަނީ އެދިފަ އެވެ. އެ މައްސަލާގައި ބެލެނިވެރިން ކުރިން ވަނީ އިހުތިޖާޖު ވެސް ކޮށްފަ އެވެ. އެ މައްސަލާގައި މިނިސްޓްރީން ބުނީ އެ ގަސް ކަނޑާލާނީ އެ މައްސަލަ ބެލުމަށް ފަހު މަޝްވަރާތައް ކުރުމަށް ފަހު ކަމަށެވެ. ތުޅާދޫއިން ވާހަކަ ދެއްކި ބައެއް މީހުން މީގެ ކުރިން ބުނީ ހޭނެތުމުގެ މައްސަލަ ދިމާވާ 12 ވަރަަކަށް ދަރިވަރުން އުޅޭ ކަމަށާއި އަދި ބައެއް ދަރިވަރުން ރުގްޔާ ކުރުމުން ރަނގަޅުވެފައިވާ ކަމަށެވެ. ދަރިވަރުން ހޭނެތޭ މައްސަލާގައި އެޑިއުކޭޝަން މިނިސްޓްރީގެ ޓީމެއް ވެސް މިދިޔަ ހޮނިހިރު ދުވަހު ވަނީ ތުޅާދޫއަށް ގޮސްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ