ހައްގުގޮތުގައި އަޅަންޖެހޭ ފިޔަވަޅެއް އެޅުމަކީ އަނިޔާވެރިވުމޭ ބުނެވޭނެތޯ: ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ

ހައްގު ގޮތުގައި ކުރަންޖެހޭ ކަމެއްކޮށް، އަޅަންޖެހޭ ފިޔަވަޅެއް އެޅުމަކީ އަނިޔާވެރިވުމޭ ބުނެވޭނީ ކޮންފަދަޔަކުންތޯ، ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲ ސުވާލު ކުރައްވައިފިއެވެ.
މިކަން ފާހަގަ ކުރައްވައި ހޯމް މިނިސްޓަރ ސުވާލު ކުރެއްވީ، މީގެ ކުޑައިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައެވެ.
"ހައްގު ގޮތުގައި ކުރަންޖެހޭ ކަމެއްކޮށް، އަޅަންޖެހޭ ފިޔަވަޅެއް އެޅުމަކީ އަނިޔާވެރިވުމޭ ބުނެވޭނީ ކޮންފަދަޔަކުން ހެއްޔެވެ." ޝައިޚް އިމްރާން އަބްދުﷲގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ މި މޭރުމުން ޓްވީޓެއް މިކުރެއްވީ، ކްރިމިނަލް ކޯޓުގެ އަމުރަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކޮށްގެން ޖަލަށް ގެންދިޔަތާ މާ ގިނައިރެއް ނުވަނީހެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ކޯޓުގެ އަމުރަށް ހައްޔަރުކޮށް ޖަލަށް ގެންދިޔައީ، އެމަނިކުފާނުގެ މައްޗަށް ދައުލަތުން ދައުވާކުރާ މަނީ ލޯންޑަރިންގެ މައްސަލައިގެ ޝަރީއަތް ނިމެންދެން ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު ނެރުނު އަމުރާ ގުޅިގެންނެވެ.
ހޯމް މިނިސްޓަރ އިމްރާންގެ ޓްވީޓްގައި އިޝާރާތް ކުރައްވަނީ ސީދާ ކޮން ކަމަކަށް ކަމެއް ސާފެއް ނުވެއެވެ.
ނަމަވެސް ކޯޓުގެ އަމުރަށް ރައީސް ޔާމީން ހައްޔަރުކުރި މައްސަލާގައި ޔާމީންއަށް ސަޕޯޓްކުރާ ބައެއް ފަރާތްތަކުގެ ފާޑުކިއުން އެމަނިކުފާނަށް އަމާޒުވަމުން އެބަދެއެވެ.
ހަމަ އެއާއެކު ހޯމް މިނިސްޓަރުގެ ގާބިލްކަމަށް ތައުރީފްކޮށްވެސް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ޝުއޫރު ފާޅުކުރަމުން ގެންދެއެވެ.
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަށް އެންމެބޮޑު ފާޑުކިއުމެއް އަމާޒުވަމުން ގޮސްފައިވަނީ ކުރީގެ ނާއިބް ރައީސް އަހްމަދު އަދީބުގެ އާއިލާގެ ފަރާތުންނެވެ. ހޯމް މިނިސްޓަރ ކަނޑައެޅިގެން ގާނޫނާ ޚިލާފަށް އަދީބަށް އަނިޔާވެރިވަމުންދާ ކަމަށްވެސް ތުހުމަތު ކުރަމުން ގެންގޮސްފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ