ނަޝީދުގެ އާދޭސް: ހުރިހާ ރައްޔިތުން މާސްކް އަޅާ!

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ނުރައްކާތެރި ބައްޔެއް ކަމަށްވާ ކޮވިޑް-19 ފެތުރެމުންދާތީ ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް މި ދުވަސްކޮޅު މާސްކް އެޅުއްވުމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު އާދޭހާއެކު އެދިވަޑައިގެންފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މި ފަހުން އާންމު ކުރި ހިސާބުތަކަށް ބަލާ އިރު، ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާން ވަނީ ފަށައިފައެވެ. ހާއްސަކޮށް ކޮވިޑް-19 ޖެހޭ ދިވެހިންގެ އަދަދު ގިނައެވެ. ކަމާބެހޭ ފަރާތްތަކުން ކުރިން ވެސް ލަފާ ކުރި ގޮތުގައި ފުރަބަންދަށް ލުއިތަކެއް ދޭން ފެށީމަ، ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.
ރާއްޖެ އިން މިހާތަނަށް 2،731 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ އިރު، އޭގެ ތެރޭގައި 1،082 މީހުންނަކީ ދިވެހިންނެވެ. އަދި 1،649 ބިދޭސީއަކަށް ބަލި ޖެހިފައިވާ އިރު، ބަލި ޖެހިގެން ރަނގަޅުވެފައި ވަނީ 2،284 މީހުންނެވެ. ބަލީގައި ނިޔާވެފައި ވަނީ 13 މީހުންނެވެ.
މަޖިލިހުގެ ޖަލްސާ ފައްޓަވައި ދެއްވުމަށް ފަހު، ނަޝީދު ވިދާޅުވީ މަޖިލީހުގެ އިދާރާގެ ތެރޭގައި މެމްބަރުން މާސްކު ނާޅާ ތިއްބެވުމުން އާންމުންގެ ތެރޭގައި މާސްކު އަޅަންޖެހޭ ކަމަށް ދެކޭ މީހުން މަދުވާ ކަމަށެވެ. އަދި ރިޔާސަތުގައި އިންނަވާ އިރު، މާސްކް ނާޅުއްވަނީ އެމަނިކުފާނާއި ދެން ތިއްބެވި ބޭފުޅުންނާ ދެމެދުގައި ތިން ފޫޓުގެ ދުރުމިނެއް ހުންނާތީ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
"ރިޔާސަތުގައި އިންނައިރުގައި މާސްކު ނާޅަނީ އަޅުގަނޑަށް ފާހަގަވާ ގޮތުގައި ތިން ފޫޓް ދުރުމިނިގައި ތިބީމާ މިކަމުން ސަލާމަތްވާކަން ވަރަށް ސާފުކޮށް މައުލޫމާތު ލިބިފައިވަނީ. އަޅުގަނޑަށް އެކަން ކުރީގައި ވެސް އެނގޭ. ނަމަވެސް މިކަމުގައި ދިމާވާ މައްސަލައަކީ އަޅުގަނޑުމެން މާސްކު ނޭޅީމާ ދެން އާންމުންގެ ތެރެއިން މާސްކު އަޅަންޖެހޭ ކަމަށް ދެކެވަޑައިގަންނަވާ މީހުން މަދުވަނީ. އަޅުގަނޑު ވަރަށް އާދޭހާއަކު ދަންނަވަން ރާއްޖޭގެ ހުރިހާ ބޭފުޅުންނަށްވެސް މިމާސްކު އަޅާލައިގެން އަދި ދުވަސްކޮޅަކު އުޅުއްވާށޭ،" ނަޝީދު ވިދާޅުވިއެވެ.
ފުރަބަންދުގެ ތެރޭގައި މަޖިލިހުގެ ޖަލްސާތައް ކުރިއަށް ގެންދިޔަ އިރު، މަޖިލިހުގެ އިދާރާ އިން އެންމެ ބޮޑަށް އިސްކަން ދިން އެއް ކަމަކީ މެމްބަރުން މާސްކް އެޅުއްވުމާއި އެއް މެމްބަރަކު، އަނެއް މެމްބަރަކާ ދެމެދު އެކަށީގެންވާ ގައިދުރުކަން ބެހެއްޓުމަށެވެ.
އެޗްޕީއޭ އިން އާންމު ކުރި ހިސާބުތަކުން އިއްޔެ 67 މީހަކު ކޮވިޑް-19 އަށް ފައްސިވި އިރު، އޭގެ ތެރޭގައި 52 ދިވެހިން ހިމެނެއެވެ. މިއީ މީގެ 127 ދުވަސް ކުރިން ރާއްޖޭން މި ބަލި ފެނުނު ފަހުން އެއް ދުވަހެއްގައި މިހާތަނަށް އެންމެ ގިނަ އަދަދަކަށް ދިވެހިންނަށް ބަލި ޖެހުނު ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ