ހަމައެކަނި ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކޮށްގެން އިންސާފެއް ނުލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް މިއަދު އިއުތިރާފުވެ ވަޑައިގެންފިއެވެ.
ރައީސް ޞާލިހް މިކަމަށް އިއުތިރާފުވެ ވަޑައިގެންނެވީ އެމްޑީޕީން ނެރެން ފެށި "ޚަބަރު ސިޓީ" ގައި ލިޔުއްވާފައިވާ ލިޔުއްވުމެއްގައެވެ.
ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމާއި، ޤާނޫނު އަސާސީ އާއި، ތިން ބާރުގެ ހިންގުމަށް ބޮޑެތި ބަދަލުތައް އައިއިރު، ރައްޔިތުންގެ އުންމީދުތަކާ އެއްމިންވަރަކަށް ބަދަލުތައް އައުން އެންމެ ފަހުން ފެށުނީވެސް އިންސާފު ޤާއިމުކުރުމުގެ ދާއިރާއިން ކަމަށެވެ. ތަފާތު އެތައް ތަޖުރިބާތަކަކަށްފަހު މި ބަދަލުތައް މިހާރު ފެންނާން ފަށާފައިވާކަމީ، ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"މިހެން ދަންނަވާއިރުވެސް އިންސާފު ހޯދައިދީ އަދި އިންސާފު ލިބިދޭނެ ނިޒާމެއް އެންމެ ފުރިހަމަ ގޮތުގައި އުފެއްދުމަކީ ހަމައެކަނި ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކޮށްގެން ކުރެވޭނެ ކަމެއް ނޫންކަން އަޅުގަނޑަށް އެނގެއެވެ. މި ބިޔަ ބޮޑު ކަމަކީ އެކަމަށް ބޭނުންވާ ހުރިހާ ކަމެއް ވަށާ ޖެހުނީމާ ލިބޭ ނަތީޖާއެވެ. ޤާނޫނުތައް އިޞްލާޙްކުރުމާއި، އެކަމަށް ބޭނުންވާ މީހުން އުފެއްދުމާއި، ވަސީލަތްތައް ޤާއިމުކުރުމާއި، ތަމްރީންގެ ފުރުޞަތު ލިބުން ފަދަ ކަންކަމަކީ އެކުއެކީގައި ހިނގާން ޖެހޭ ކަންކަމެވެ." ރައީސް ލިޔުއްވާފައި ވެއެވެ.
ރައީސް ވިދާޅުވީ އެމްޑީޕޫގެ މެންބަރުން، މީގެ ވިއްސަކަށް އަހަރު ކުރިން ކުރާން ފެށި މި ދަތުރު ނިންމާލުމާ ގާތަށްވެސް އަދި ނުދެއެވެ. "އަޅުގަނޑުމެން އަދިވެސް މި ތިބީ މި ދަތުރު މަތީގައެވެ. މިކަން ކުރުމުގައި އިތުރު ވަކި އެހެން ނިޔަތެއް ނެތި މަސައްކަތް ކުރާނެ ބަޔަކީވެސް އެމްޑީޕީގެ މެންބަރުންނެވެ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު އެދެނީ ހަމަ އެންމެ ކަމަކަށެވެ. އެއީ މަސައްކަތް ކުރަން ފެށި ސަބަބު އެންމެ ހިނދުކޮޅަކަށް ނަމަވެސް ހަނދާން ނައްތާނުލެއްވުމަށާއި އެމްޑީޕީއާއެކު ދެމި ތިއްބެވުމަށެވެ. ރައީސް ވިދާޅުވީ "އިރާދަކުރެއްވިއްޔާ މިކަން އަޅުގަނޑުމެން ކުރާނީ ތިބޭފުޅުންނާއެކުއެވެ. އެމްޑީޕީއާއެކުއެވެ."
ހަމައެކަނި ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކޮށްގެން އިންސާފެއް ނުލިބޭނެ ކަމަށް ރައީސް ޞާލިހް މިއަދު ވިދާޅުވިއިރު އެމަނިކުފާނުގެ ވެރިކަމަށް އެއް އަހަރާއި ހަތް މަސް ދުވަސް ވޭތުވެގެން ދިޔައިރު ވެސް ވައުދުވި ގޮތައް އިންސާފު ހޯދައި ދެވިފައި ނެތް ކަމަށް ބުނެ ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.
ހަމައެކަނި ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކޮށްގެން އިންސާފެއް ނުލިބޭނެ - ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ