ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަނަށް ބިރު ދައްކައި އެ ކޮމިޝަންގެ މެމްބަރުންގެ މައްޗަށް ދައުވާ އުފުލަމުންދާކަމަށް ބުނެ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އެކަން ކުށްވެރިކޮށްފި އެވެ.
އެމްޑީޕީން މިހެން ބުނެފައިވަނީ އެ ޕާޓީން ނެރުނު ނޫސް ބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނެފައިވަނީ ގާނޫނު އަސާސީން ބާރުލިބިގެން އުފައްދާފައިވާ މިނިވަން މުސްތަގިއްލު އިލެކްޝަންސް ކޮމިޝަނުގެ ގާނޫނީ ބާރުވެރިކަމުގެ ތެރެއަށް ސްޕްރީމް ކޯޓުން ނާޖާއިޒުގޮތަށް ތަކުރާރުކޮށް އަރައިގަންނަމުންދާ ދިއުމާއި، ގާނޫނު އަސާސީއާ ހިލާފަށް ސުޕްރީމް ކޯޓުގެ އިހުތިޞާސުން ބޭރުން އިލެކްޝަންސް ކޮމިޝަނުގެ ގާނޫނީ މަސައްކަތަށް ހުރަސްއަޅައި، ގާނޫނު އަސާސީއާއި ހިލާފަށް ސުޕްރީމް ކޯޓުން ގަވާއިދުތައް ހަދައި، އަދި މިހާރު އިލެކްޝަންސް ކޮމިޝަނަށް ބިރުދައްކައި އެ ކޮމިޝަންގެ މެމްބަރުންގެ މައްޗަށް ސްޕްރީމް ކޯޓުން ދައުވާތައް އުފުލަމުންދާދިއުމާމެދު އިންތިހާއަށް ކަންބޮޑުވާތީ ސްޕްރީމް ކޯޓުގެ އަމަލުތައް އެންމެ ހަރުއަޑުން ކުށްވެރި ކުރާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓުގެ އަމިއްލަ އިސްނެގުމުގެ މަތިން އެ ކޯޓުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ މައްޗަށް އަމިއްލައަށް ދައުވާކޮށް، އެ ކޯޓަށް ހާޒިރުވުމަށް އަމިއްލައަށް އަމުރުކޮށް އެކޯޓުގެ ފަނޑިޔާރުން އަމިއްލައަށް ޝަރީއަތްކުރަމުން ގެންދާ ގެންދިއުމަކީ ޣައިރު ގާނޫނީ އަމަލެއް ކަމަށާއި އެފަދަ “ގޮނޑިކޮއްކޮ ޝަރީއަތް”ތައް ހިންގަނީ ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމާއި އިންތިހާބީ ނިޒާމް މުޅިން ގަނޑުބަޑުކޮށް ރައްޔިތުން އެނިޒާމަށް ކުރާ އިތުބާރު ގެއްލުވާލުމަށްކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ދުނިޔެ ގަބޫލުކުރާ މިންގަނޑުތަކާއި ހަމަތަކުން ބޭރުން ސްޕްރީމް ކޯޓުން އަމަލުކުރަމުންދާ ދިއުމުގެ ސަބަބުންނާއި، އެކޯޓުގެ ނިންމުންތަކުގެ ފެންވަރުގެ ދައްކަމުގެ ސަބަބުން އދ އިންނާއި މުޅި ދުނިޔޭގެ މަލާމަތް ސްޕްރީމް ކޯޓަށް ރައްދުވެފައިވާ ކަމަށެވެ. އަދި ފާސިދުވެ، އަބުރުގެއްލި، ބްލެކްމެއިލްކުރެވިފައިވާ ކަމުގެ ތަހުގީގުތައް އެ ކޯޓުގެ ފަނޑިޔާރެއްގެ މައްޗަށް ކުރެވެމުންދާތީ އެކޯޓުގެ ބެންޗްގައި އެ ފަނޑިޔާރު ވެސް އިނދެ އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ސްޕްރީމް ކޯޓުގެ ހުރުމަތްކެނޑިކަމަށް ބުނެ ޝަރީޢަތްކުރަމުންދާ ދިއުމަކީ އަދުލު އިންސާފަށް ގޮންޖަހައި، ރާއްޖޭގެ ރައްޔިތުންނަށް ކުރާ ފުރައްސާރައެއް ކަމުގައި ދެކޭ ކަމަށާއި ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ހިންގާ ޣައިރު ގާނޫނީ ޝަރީއަތް މިހިނދުން މިހިނދަށް ހުއްޓާލުމަށް ގޮވާލާ ކަމަށް ވެސް ބުނެފައިވެ އެވެ.
ސްޕްރީމް ކޯޓުގެ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން އިންސާފްވެރި އިންތިހާބެއް ބޭއްވުމަކީ ދިވެހިރާއްޖޭގެ ހަމަޖެހުމަށް މިވަގުތުގައި ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށާއި މިނިވަން މުވައްސަސާތަކަށް ގާނޫނު އަސާސީން މަތިކޮށްފައިވާ މިފަދަ މަސްއޫލިއްޔަތުތައް އަދާކުރުމަށް ނުފޫޒުން އެއްކިބާވެފައިވާ މިނިވަން މާހައުލެއް ދައުލަތުން ކަށަވަރުކޮށްދޭންޖެހޭ ކަމަށާއި އެހެންނަމަވެސް އެފަދަ މާހައުލެއް ފަހިކޮށްނުދީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ދައުލަތުގެ ބާރުތަކުން ހުރަސް އަޅަމުން ގެންދާކަމީ ދިވެހިންނަށް ލިބޭ ވަރަށް ބޮޑު ނިކަމެތިކަމެއް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްވެސް ލަސްކުރުމެއް ނެތި ކުރިންވެސް އިއުލާން ކުރެވިފައިވާ ތާރީހުގައި ބާއްވަން ޖެހޭ ކަމަށާއި އިލެކްޝަންސް ކޮމިޝަނަށް ދައުލަތުން ފޯރުކޮށްދޭން ޖެހޭ އެހީތެރިކަމާ އެއްބާރުލުން މިހިނދުން މިހިނދަށް ފޯރުކޮށްދިނުމަށް ސަރުކާރަށާއި ދައުލަތުގެ އެންމެހައި މުވައްސަސާތަކަށް އެމްޑީޕީގެ ބަޔާނުގައި ވަނީ ގޮވާލާފަ އެވެ.
ސުޕްރީމް ކޯޓުން ގެންދަނީ އިންތިހާބީ ނިޒާމް "ގަޑުބަޑުކުރަމުން" ކަމަށް އެމްޑީޕީން ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ