ރައީސް ކަމަށް މެންބަރުން ހޮވާނީ ގާބިލް ބޭފުޅެއް: ގާސިމް އިބްރާހީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ވަކި ބޭފުޅަކު އިންތިހާބުވެގެން ކޯލިޝަންގައި މައްސަލައެއް އުފެދޭނެ ޖާގައެއް އޮތްކަމަށް ދެކެވަޑައިނުގަންނަވާ ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީއާއި އަލަށް ގުޅިވަޑަިއގަންނަވާ ފަރާތްތައް ޕާޓީއަށް ސޮއިކުރުމަށާއި ފޯމްތައް ހަވާލުކުރުމަށް ރޭ ކުނޫޒުގައި ބޭއްވި ރަސްމިއްޔާތުގައ ވާހަކަފުޅު ދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ މަޖިލީހުގެ ރައީސަކަށް އައްޔަންކުރެވޭ ބޭފުޅަކު އައްޔަންވެގެންދާނީ މަޖިލީހުގެ މެމްބަރުން ދެއްވާ ވޯޓަކުން ކަމަށެވެ. އަދި 18 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައިވަނީ މަޖިލީހުގެ ރައީސް ކަމަށް ގާބިލް ބޭފުޅަކު ހޮވާނެ މެންބަރުން ތަކެއް ކަމަށް ވެސް ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
"އެނގިވަޑައިގަންނަވާނެ މިމަހުގެ 28 ވަނަ ދުވަހު މަޖިލީހުގެ ޖަލްސާއެއް ބާއްވާ ގޮތަށް މިހާރު މިވަނީ ނިންމާފައި. މަޖިލީހުގެ ރައީސަކު ހޮވުމުގެ ކަންކަން އެދުވަހު ނިމިގެންދާއިރު އެމަގާމަށް ކޮންމެ ބޭފުޅަކު އިންތިހާބުވިނަމަވެސް އެކަމުގައި އަޅުގަނޑުގެ ހިތްހަމަ ނުޖެހުމެއް ނޯންނާނެ،" ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މަޖިލީސް ތެރެއިން ދިވެހި ރައްޔިތުންނަށް އިތުރު ހިދުމަތްތައް ކޮށްދިނުމަށްޓަކައި މަޖިލީހުގެ ރައީސް ކަމަށް އެމަނިކުފާނު ކުރިމަތިލައްވާނެކަން އިއުލާންކުރެއްވީ ކޯލިޝަންގެ މައި ޕާޓީ ޕީޕީއެމްގެ އިސްބޭފުޅުންނާ އެވާހަކަތައް އެތައް ފަހަރަކު ހިއްސާކުރެއްވުމަށްފަހު ކަމަށެވެ. އަދި އޭރު އެބޭފުޅުން ވެސް އެމަނިކުފާނު ކުރިމަތި ލެއްވުމާއި މެދު އިއުތިރާޒު ކުރައްވާފައި ނުވާ ކަމުގައި ވިދާޅުވި ކަަމަށް ވެސް ގާސިމް އިބްރާހިމް ވިދާޅުވި އެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް އެމަނިކުފާނު ކުރިމަތިލައްވައި އެކަން އެމްޑީޕީގެ ފަރާތްތަކާއި އެކުވެސް ހިއްސާކުރައްވާފައިވާނެ ކަަމަށެވެ. އަދި އެމްޑީޕީގެ ވަގުތީ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރައްވާ މަޖިލީހުގެ ރައީސް ކަން ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންނެވީ ފަހަރެއްގައި ވެސް ވަކި ބަޔަކަށް ގުޅުން އުފައްދާ ވަކި ބަޔަކަށް ގެއްލުންދިނުމުގެ މަގުސަދުގައި ނޫން ކަަމަށް ވެސް ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެންމެންނަކީ ވެސް މުސްލިމުން. މިއީ މަދު ބަޔަކު އުޅޭ ތަނެއް. އެހެންވީމާ އެކަކު އަނެކަކު ހަނގުރާމަ އިއުލާންކޮށް ވާހަކަ ނުދެއްކޭ ހާލަތުގައި ތިބުމަކީ ގައުމީ ކަންކަމުގައި ކުރެވިގެންވާނެ ކަންކަމެއް ނޫން،" ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މިހާރު މިއޮތީ ކޯލިޝަނަކުން އުފެދިފައިވާ ސަރުކާރަކަށް ވީހިނދު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން އެންމެ ގިނަ ގޮނޑި ލިބިފައިވާ ޕާޓީއެއްގެ މެމްބަރަކު މަޖިލީހުގެ ރައީސަކަށް އިންތިހާބުކުރުމަކީ ކޮންމެހެން ލާޒިމް ކަމެއްކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. ޖުމްހޫރީ ޕާޓީން ވެސް އެދެނީ ދިވެހި ރައްޔިތުންނަށް ލާބަޔާއި މަންފާ ލިބޭނެ ފަދަ ގޮތަކަށް ކަން ދިއުމަށް ކަަމަށާއި އަދި ގައުމުގައި ހަމަޖެހުމާއި ސުލުހަ މަސްލަހަތު ގާއިމްވެފައި އޮންނާނެ ގޮތެއްގެ މައްޗަށް ކަންކަން ކުރުން މުހިއްމު ކަމަށް ވެސް ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
"އަޅުގަނޑު ޔަގީންކަން ދެން އަޅުގަނޑަށް މަޖިލީހުގެ ރައީސް ކަން ލިބިއްޖެނަމަ ވަކި ބަޔަކަށް ފައިދާވާ ގޮތަކަށް ވަކިކަމެއް އަޅުގަނޑު ނުކުރާނެކަން. އަދި ވަކި ކަމެއް ލަސްކުރަން ވެސް އަޅުގަނޑު ވަކި ކަމެއް ނުކުރާނަން. އަޅުގަނޑު ކަންކަން ކުރަނީ ގާނޫނު އަސާސީއާ މެންބަރުން ހަދާފައިވާ ގަވައިދާ އެއްގޮތަށް،" ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސް ކަން ވެސް ކުރައްވާފައިވާ ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
މިމަހުގެ 28 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާކުރުމަށް ހަމަޖެހިފައިވާއިރު އެދުވަހުގެ ޖަލްސާގައި މަޖިލީހުގެ ރައީސާއި ނައިބް ރައީސް އިންތިހާބުކުރުމަށްޓަކައި މެމްބަރުންގެ މެދުގައި ސިއްރުވޯޓެއް ނަގާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ