2009 ވަނަ އަހަރުން ފެށިގެން މޫސުން ބަލާ ރާޑަރު ހުރީ ހަލާކުވެފައި: މެޓް

ނޭޝަނަލް މީޓިއޮރޮލޮޖިކަލް ސެންޓަރުން މޫސުމާ ބެހޭ މައުލޫމާތު އެއްކުރަން ހުޅުލޭގައި ބަހައްޓާފައި ހުންނަ \"ޑޮޕްލާ\" ރާޑަރު ސިސްޓަމް 2009 ވަނަ އަހަރު ހަލާކުވި ގޮތަށް އަދިވެސް މަރާމާތު ނުކުރެވޭ ކަމަށް ބުނެފިއެވެ.
މެޓް އޮފީހުން މިއަދު މީޑިއާ ތަކަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ ރާޑަރު ސިސްޓަމަށް 2009 ވަނަ އަހަރު މައްސަލަ ޖެހުނު އިރު އޭގެ ވޮރަންޓީ ހަމަވެފައި ވުމުން ބަޖެޓުން ފައިސާ ހަރަދު ކޮށްގެން ރާޑަރު ސިސްޓަމް އުފެއްދި ކުންފުނިން އިންޖިނިއަރުން ގެނެސްގެން ހަދަން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް 2010 އަދި 2011 ވަނަ އަހަރުގެ ބަޖެޓުގައިވެސް އެ މަސައްކަތަށް ފައިސާ ހަމަޖެހިފައި ނުވާ ކަމަށެވެސް އެ ސިޓީގައި ބުނެފައި ވެއެވެ.
އަދި ރާޑަރު ސިސްޓަމް ހެދުމަށް މިދިޔަ އަހަރުގެ ފަހުކޮޅު އެންވަޔަރަންމަންޓް މިނިސްޓްރީން ބަޖެޓު ލިބިފައިވާ ކަމަށާއި އެކަމަށް ބޭނުންވާ އެމެރިކާގެ އެންޓަޕްރައިޒް އިލެކްޓްރޯނިކްސް ކުންފުންޏާއި މުއާމަލާތް ކުރަމުން އަންނަ ކަމަށް މެޓް އޮފީހުގެ ސިޓީގައި ބުނެފައި ވެއެވެ. ނަމަވެސް އެ މަސައްކަތް މިހާރު އޮތީ ކިހާ ހިސާބެއްގައި ކަމެއް އަދި ރާޑަރު ސިސްޓަމް ހެދުމަށް ހަރަދުވަނީ ކިހާ ވަރެއްކަމެއް ހާމައެއް ނުކުރެއެވެ.
ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން މެޓް އޮފީހުގެ މޫސުން ލަފާކުރުމާއި ބެހޭ އިސް ވެރިޔާ (ފޯކާސްޓިން ހެޑް) އަލީ ޝަރީފް ވިދާޅުވީ ޑޮޕްލާ ރާޑަރު ސިސްޓަމަކީ ކުރު މުއްދަތަކަށް މޫސުން ލަފާކުރަން ބޭނުން ކުރާ ސިސްޓަމެއް ކަމަށެވެ. އަދި އެ ސިސްޓަމް ހަލާކުވުމުން މިހާރު ކުރު މުއްދަތު ތަކަށް މޫސުން ލަފާ ކުރަމުން އަންނަނީ ސެޓްލައިޓް ފޮޓޮއާއި، ވިލާދަތުރުކުރާ ބާރުމިން ފަދަ ކަންތައްތަކަށް ބަލައިގެން ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
"ޑޮޕްލާ އަކީ އަސްލު ކުރު މުއްދަތުތަކަށް މޫސުން ލަފާކުރަން ބޭނުންކުރާ އެއްޗެއް. މި ދެންނެވީ ކުރިއަށް އޮންނަ ދެތިން ގަޑިއިރަށޭ އޭގެން މޫސުން ލަފާކުރެވޭނީ. ކުރިއަށް އޮންނަ ދެ ދުވަހަށް ތިން ދުވަހަކަށް އޭގެން މޫސުން ލަފައެއް ނުކުރެވޭނެ. ދިގު މުއްދަތުތަކަށް ލަފާކުރަނީ ސެޓްލައިޓް އިމޭޖާއި، ވިލާ ދަތުރުކުރާ ބާރުމިން ފަދަ ކަންކަމަށް ބާލަ،" ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ޝަރީފް ވިދާޅުވިއެވެ.
ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން މެޓް އޮފީހުގެ މީޓިއޮރޮލޮޖިކަލް ފޯކާސްޓާ ހުސައިން ވަހީދު ވިދާޅުވެފައިވަނީ އެ ރާޑަރު ސިސްޓަމަކީ މުޅި ރާއްޖޭގެ 75 އިންސައްތަ ކަވަރު ކުރާ ރާޑަރެއް ކަމަށެވެ. އަދި އެއީ މޫސުން ލަފާކުރުމަށް ބޭނުންކުރާ އެންމެ މުހިންމު އެއް ވަސީލްތަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ