ރާއްޖޭގެ މޫސުން ލަފާކުރުމަށް މެޓް އޮފީހުން ބޭނުންކުރާ އެންމެ މުހިންމު އެއް ރާޑަރު ސިސްޓަމް ހަލާކުވެފައި ހުންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށް ބުނެފިއެވެ.
ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން މެޓް އޮފީހުގެ މީޓިއޮރޮލޮޖިކަލް ފޯކާސްޓާ ހުސައިން ވަހީދު ވިދާޅުވީ މުޅި ރާއްޖޭގެ 75 އިންސައްތަ ކަވަރު ކުރާ "ޑޮބްލާ ރާޑަރު ސިސްޓަމް" ހަލާކުވެފައި ހުންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށެވެ. އަދި ރާޑަރު ސިސްޓަމް ހެދޭނީ ކިހާ ދުވަހެއްގެ ތެރޭގައި ކަމެއް އަދި ސީދާ ދަންނަވަން ނޭނގޭ ކަމަށް ވެސް ހުސައިން ވިދާޅުވިއެވެ.
"މިހާރު ވަރަށް ދުވަސް ވެއްޖެ ހަލާކުވެފަ ހުންނަތާ. އެއީ އަޅުގަނޑުމެން މޫސުން ލަފާކުރަން ބޭނުންކުރާ އެންމެ މުހިންމު ވަސީލަތް. މިހާރު މޫސުން ލަފާކުރަނީ ސެޓްލައިޓް އިމޭޖިންއާއި ވެދާ މޯޑް ފަދަ އެއްޗެހި ބޭނުންކޮށްގެން. ރާޑާ ސިސްޓަމަށް ދިމާވެފަ ހުރީ ސީދާ ކޮންކަހަލަ މައްސަލައެއް ކަމެއް ނޭގޭ. ވެދާނެ ކަރަންޓް މައްސަލައަކަށް ކަމަށް ވެސް،" ސީއެންއެމްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހުސައިން ވިދާޅުވިއެވެ.
ސީއެންއެމްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހުޅުލޭގެ ހާއްސަ ސަރަހައްދެއްގައި ގާއިމް ކޮށްފައިވާ ޑޮބްލާ ރާޑަރު ސިސްޓަމަށް މައްސަލަ ދިމާވެ، ބޭނުން ނުކުރެވޭތާ މިހާރު ވަނީ ހަ މަސް ދުވަސް ވެފައެވެ. އެ ރާޑަރު ސިސްޓަމަކީ ރާއްޖޭގެ އުތުރާއި ދެކުނުން ހުވަދު އަތޮޅާއި ހަމައަށް މޫސުން ލަފާކުރުމަށް އެންމެ މުހިންމު ރާޑަރެވެ.
ހުސައިން ވިދާޅުވީ އެ ރާޑާ ސިސްޓަމަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް ޓެކްނިކަލް ބޭފުޅުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެ މަސައްކަތް މިހާރު ގޮސްފައިވަނީ ކިހާ ހިސާބަކަށް ކަމެއް ނޭނގޭ ކަމަށެވެ.
"އެ ރާޑަރު ސިސްޓަމަކީ ވަރަށް އަގުބޮޑު ސިސްޓަމެއް. މި ސަރަހައްދުގަ ވެސް ވަރަށް ފަހުން ލަންކާގަ ވެސް އޭގެ ރާޑަރެއް ބެހެއްޓީ. ލަންކާގަ ވެސް ބެހެއްޓީ އޭގެ އެންމެ ރާޑަރެއް. އެއީ ވަރަށް ބޮޑު އޭރިއާއެއް ކަވާ ކުރެވޭ ރާޑަރެއް،" ހުސައިން ވިދާޅުވިއެވެ.
ޑޮޕްލާ ރާޑަރު ސިސްޓަމްތަކަކީ މޫސުން ލަފާކުރުމުގެ އިތުރުން ސެޓްލައިޓް ތަކާ މުއާމަލާތު ކުރުމާއި، އޭވިއޭޝަން ދާއިރާގެ އިތުރުން ސަލާމަތީ ކަންކަމުގައި ވެސް ބޭނުން ކުރެވޭ ރާޑަރެކެވެ.
މޫސުން ލަފާކުރަން ބޭނުން ކުރާ ރާޑަރު ސިސްޓަމް ހަލާކުވެފައި ހުންނަތާ އެތައް ދުވަހެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ