ފައިނޭންސް ލީޒިން ކުންފިނިން ނަގާފައިވާ ހަތް ލައްކައަށް ވުރެ ގިނަ ފައިސާގެ ލޯނެއް ނުދައްކައިގެން ތިމަރަފުށީ ދައިރާގެ މެމްބަރު އަހުމަދު ޝަރީފާ ދެކޮޅަށް އެކުންފުނިން ދައުވާ އުފުލައިފިއެވެ.
ސީއެންއެމަށް އެނގިފައިވާ ގޮތުގައި މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޝަރީފުގެ މައްޗަށް ދައުވާ އުފުލާފައިވަނީ އެމުއްދަތާއި ހަމައަށް ޝަރީފު ނުދައްކާވާ 747685.61 ރުފިޔާ ހޯދުމަށެވެ. އެމައްސަލާގައި ޝަރީފުގެ އިތުރުން ސ.ހިތަދޫ އަރާއިރު މުހައްމަދު ރަޝީދު(ހިޔަލީ ރަޝީދު)ގެ މައްޗަށް ވެސް ދައުވާ އުފުލާފައިވެއެވެ. އެނގިފައިވާ ގޮތުގައި ހިޔަލީ ރަޝީދުގެ މައްޗަށް ދައުވާ އުފުލާފައިވަނީ ޝަރީފު ނެންގެވި ލޯނަށް ގެރެންޓީ ދީފައިވާތީއެވެ.
މިހަބަރާއި ގުޅިގެން އެއްވެސް މައުލޫމާތެއް ހިއްސާ ކުރުމަށް ފައިނޭންސް ލީޒިން ކުންފުނިންވަނީ އިންކާރުކޮށްފައެވެ. "އަޅުގަނޑުމެންގެ ކްލައިންޓުންނާއި ބެހޭ ތިފަދަ މައުލޫމާތު ހިއްސާ ކުރުމަކީ ޕޮލިސީތަކާއި ހިލާފު ކަމެއް،" ފައިނޭންސް ލީޒިން ކުންފުނީގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ.
ނަމަވެސް އެމައްސަލަ ހުށަހަޅާފައިވާ ކަން ސިވިލް ކޯޓުންވަނީ ޔަގީންކޮށްދީފައެވެ.
ވަރަށް އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ހުށަހަޅާފައިވާ މައްސަލައާއި ގުޅިގެން އަޑުއެހުންތަކެއްވަނީ ތާވަލުކޮށްފައެވެ. ނަމަވެސް އެ އަޑުއެހުންތައް ބޭއްވުނުކަމެއް އެނގިފައެއް ނުވެއެވެ.
ހަތް ލައްކަ ރުފިޔާ ހޯދަން ތިމަރަފުށީ ދާއިރާގެ މެމްބަރު ޝަރީފާ ދެކޮޅަށް ދައުވާ އުފުލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ